ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ އިންސާނާއާ ޙަވާލު ކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަމަށާއި، އެ ނިޢުމަތަށް ފަރުވާތެރިވެ ރައްކާތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ޒިންމާއެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ޞިއްޙަތަށް ފަރުވާތެރިވުން“ މި މަޢުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުޠުބާގައި ބުނެފައިވަނީ، އިންސާނާގެ އެއްވެސް އިޚުތިޔާރަކާ ނުލައި ހަށިގަނޑުގެ އެތައް ނިޒާމެއް ހުއްޓުމެއް ނެތި ހިނގަހިނގައި ހުންނަ ކަމަށާއި، މި ކަންކަމުގެ އަގު ވަޒަންކުރެވެނީ އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުން ކަމަށެވެ. އެހެންކަމުން އިވުމާއި، ފެނުމާއި، ހިތްތައް ދެއްވި ކަމަށްޓަކައި އަބަދުމެ ﷲ ހަނދުމަކޮށް ކިޔަމަންތެރިކަމުގައި ދެމިތިބެ ޝުކުރުވެރިވާންޖެހޭ ކަމަށް ޚުޠުބާގައި ބަޔާން ކޮށްފައިވެއެވެ.
މީގެއިތުރުން، އަމިއްލަ ނަފުސަކީ ﷲ ގެ އަމާނާތަކަށް ވީހިނދު، ހިތް އެދޭހާ ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެގޮތުން، ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ ކަމެއް ނޫންކަން ހަނދާންކޮށްދެމުން، ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނޭ ދުވަހެއް އަންނާނެ ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އަދި ޞިއްޙަތު ރައްކާތެރިކުރުމަކީ އިންސާނާގެ މައްޗަށް އޮތް ޒިންމާއެއް ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އިންސާނާއަށް ލިބިގެން ނުވާކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުން ވަނީ ދަލީލު ދައްކައިފައެވެ.
ބަލިތަކާއި ހިތާމަތައް ކުރިމަތިވާ ހިނދު މުއުމިނު އަޅާގެ ހުންނަންޖެހޭ ސިފަތަކަށް އަލިއަޅުވައިލަމުން ޚުޠުބާގައި ބުނީ، އީމާންކަމަކީ ތަދު އިޙުސާސް ނުވުން ނޫން ކަމަށެވެ. މުއުމިނު އަޅާގެ މިސާލަކީ ވައިރޯޅިއާ އެކު ލެނބި، އަދި ވައި މަޑުވުމުން ސީދާވާ ޅަނދޮޅު ގަހެއް ފަދަ އެއްޗެއް ކަމަށް ބަޔާންކުރައްވާފައިވާ ޙަދީޘް ޛިކުރުކުރަމުން، ދަތި ޙާލަތްތަކުގައި ވެސް މާތް ﷲއާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުމަކީ މުއުމިނެއްގެ ޙަޤީޤީ ބާރު ކަމުގައި ބުންޏެވެ.
”ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ ހަޤީޤީ މަޤްޞަދަކީ ހަމައެކަނި ބަލިތަކުން ރައްކާތެރިވުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ﷲ އަށް ކުއްތަންވުމަށާއި، ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގާފައި ދިއުމާއި، މައިންބަފައިންނަށް އޯގާތެރިވުމާއި، ޙަލާލު ރިޒުޤު ހޯދުން ފަދަ ހެޔޮ ޢަމަލުތައް ކުރުމަށް ލިބޭ ފުރުޞަތެކެވެ.“ޚުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން، ޙަލާލު ކާބޯތަކެތިން ހަށިގަނޑަށް ލިބޭ ބާރާއި ކުޅަދާނަކަން ހޭދަކުރެވެނީ ކޮން ކަމެއްގައިތޯ އަމިއްލަ ނަފުސާ ސުވާލުކުރުމަށް ގޮވާލިއެވެ.
މީގެއިތުރުން، ކީރިތި ރަސޫލާގެ ޙަދީޘްފުޅަކާ ޙަވާލާދީ ޚުޠުބާގައި ފާހަގަކުރީ، ގިނަ ބަޔަކު އެ ދެ ނިޢުމަތަކާ މެދު ޣާފިލުވެފައިވާ ދެ ނިޢުމަތަކީ ”ޞިއްޙަތާއި ހުސްވަގުތު“ ކަމަށެވެ. އެހެންކަމުން، މި މުހިންމު ރައުސްމާލުގެ އަގު ވަޒަންނުކޮށް ބޭކާރުކޮށްލުމުގެ ބަދަލުގައި، މާދަމާ ޤިޔާމަތް ދުވަހު ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ދަނެ، އެ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.




