ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ދުވަސްވަރު ވިއްސާރަ ކުރަނީ ރާއްޖެ ހިމެނޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން އަންނާތީއެވެ.
”ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު، ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ. އަދި ވިލާގަނޑުގައި ވައި ޖެހޭ މިންވަރު ވެސް ބާރު ވާނެ ކަމަށް ބެލެވޭތީ، މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަކީ މުހިންމު ކަމެއް،“ އޮފިޝަލް ވިދާޅުވިއެވެ.
އެކަމަކު، އެ ދުވަސްވަރު ވައި ގަދަނުވާނެ ކަމަށާއި އާންމުކޮށް ވައި ޖެހޭނީ ގަޑިއަކު ފަސްމޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުންޏެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރިއެވެ.
އެ އިދާރާއިން ބުނި ގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހު އާންމުކޮށް ކަނޑުތައް މަޑުވާނެއެވެ. ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސް ކަމަށް ލަފާކުރިއިރު، ލިބޭ ޗުއްޓީގައި ގިނަ ބަޔަކު ދަތުރުތައް ކުރާނެއެވެ. އެހެންވެ، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.





