ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު ތާރީޚީ ދުވަހާ ގުޅުވައިގެން، ދިވެހިންގެ މެދުގައި އިސްލާމީ ރިވެތި އުޞޫލުތަކާއި އާދަކާދަތައް އާލާކުރުމުގެ މަޤްޞަދުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޛިކުރާއި ނަސޭހަތް ހިމެނޭ ބޯޑުތައް ހަރުކުރުމުގެ ޚާއްޞަ މަޝްރޫޢެއް ސަރުކާރުން މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދަނީ ކ. އަތޮޅުގެ ރަށްތަކުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވި އެވެ. އަދި މާލެ އަތޮޅުގައި ހިމެނޭ ހުރިހާ ރަށަކަށް މިހާރު މި ބޯޑުތައް ފޮނުވިފައިވާކަން ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން އިޢުލާންކުރައްވާފައިވާ މުހިންމު ނިންމެވުމެއްގެ ތެރެއިން ފެށިގެން ދިޔަ ޢަމަލީ މަސައްކަތެކެވެ.
ދައުލަތުގެ ބަޖެޓުގެ އިތުރުން ޢާންމު ފަރުދުންނާއި މަދަނީ ޖަމާޢަތްތަކުގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މި ހަރަކާތުގެ މައިގަނޑު އަމާޒަކީ މުޖުތަމަޢުގެ އަޚުލާޤު ރަނގަޅުކޮށް، ދީނީ ގޮތުން މީސްތަކުންނަށް ހެޔޮ ނަސޭހަތްތައް ހަނދާންކޮށްދިނުމެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މިފަދަ ހަނދާންކޮށްދިނުންތަކުގެ ސަބަބުން ރައްޔިތުންގެ ސުލޫކު ހެޔޮމަގަށް އެޅުވުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.
ދިވެހި މުޖުތަމަޢުގައި އިސްލާމީ ރިވެތި ސިފަތައް އަށަގެންނެވުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. މި އަމާޒު ޙާޞިލުކުރުމަށްޓަކައި، މަގުމަތީގައި ބޯޑުތައް ހަރުކުރުމުގެ އިތުރުން، އެކަކު އަނެކަކަށް އިޙުތިރާމުކުރުމުގެ އާދަ އަށަގެންނެވުމަށް ޤައުމީ ފެންވަރުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.





