އެގްރޮފޮރަސްޓްރީ ދަނޑުތައް ތަރައްގީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

jhbkjnm-1536x1020-1.png

ދިގަ ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތައް ތަރައްގީ ކުރުމަށް ދެ މިނިސްޓްރީއަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ އެގްރިކަލްޗަ މިނިސްޓްރީން ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށާއި މޫސުމީ ބަދަލުތަކަށް ހާއްސަކޮށްގެންނ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ އެކި ސޮއިކުރި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި ގަސްގަހާގެހި އިންދައި، އެ ތަންތަން އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ދެ މިނިސްޓްރީން ވެސް ބުންޏެވެ. އަދި މީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުލިބޭނެ ފަދަ ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އެގްރިކަލްޗަ މިނިސްޓްރީން 400،000 ގަސް ސަޕްލައިކޮށް ދޭނެ އެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިހާތަނަށް 1.8 މިލިއަން ގަސް ވަނީ އިންދިފައެވެ. އަދި އެކި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް ވައުދުވެފައިވާ އިރު، މި މަޝްރޫޢަށް ގަސް ސަޕްލައިކޮށްދިނުމަށް މިހާރުވެސް ދެ ފަރާތަކުން ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު ނިމިގެންދާއިރު، ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top