ޑޮލަރު އެކައުންޓާ ގުޅާފައިވާ ކާޑުތައް ބޭނުންކޮށްގެން ޓީމޫ އާއި ޝީއިން ފަދަ ބޭރުގެ މަގުބޫލު ރީޓެއިލް ވިޔަފާރި ސައިޓްތަކުން ،ކަސްޓަމަރުން ބޭނުންވާ އަދަދަކަށް ވިޔަފާރިކުރުމަށް ލިމިޓެއް ނެތްކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބަދަލުތަކެއް ގެންނަން ނިންމުމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިކަން ސާފުކޮށް ދެއްވައި ވިދާޅުވީ ބޭންކުން ހަމައެކަނި އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތަށް އެ ބޭންކުން ޑޮލަރު ވިއްކާ އަދަދު ވަކި ލިމިޓަކަށް ހަމަޖެއްސުން ކަމަށެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރު އެކައުންޓް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ބޭންކުން އެއްވެސް ލިމިޓެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.
“ބޭންކުން ޓީމޫ، ޝެއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ކަސްޓަމަރަކު ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެ. މިކަމަށް ބެންކުން ލިމިޓެއް ކަނޑައަޅާފައި ނުވާނެ.” ބީއެމްއެލްގެ ސްޕޯކްސް ޕާސަން މުޙައްމަދު ސައީދު ވިދާޅުވި އެވެ.
އެހެންކަމުން، ޑޮލަރު އެކައުންޓް ބޭނުންކުރާ ފަރާތްތަކަށް ދަތިކަމެއް ނެތި ބޭނުންވާ އަދަދަކަށް ތަކެތި ގަނެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެ އިން ބޭރުން ރުފިޔާއިން ކުރާ ކޮންމެ މުއާމަލާތަކަށްވާ ޑޮލަރު ބީއެމްއެލުން ބޭރަށް ފޮނުވަން ޖެހެ އެވެ. އެގޮތުން މަހަކު 30 ޓްރާންސެކްޝަނަށް ވުރެ އިތުރަށް ޓްރާންސެކްޝަން ހަދާ ކަމަށް މިހާތަނަށް ފާހަގަވެފައިވަނީ 3 ކަސްޓަމަރުން ކަމަށް ބޭންކުން ބުނެފައިވެ އެވެ.
ބީއެމްއެލުން ބުނީ މިހާރު ގެނެސްފައިވާ ބަދަލަކީ އޮންލައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި ތިބޭ މީހުންގެ ކާޑު، ކާޑުގެ ވެރިފަރާތާ ނުލައި ރާއްޖެއިން ބޭރަށް ގެންގޮސް އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.
އަދި ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ކިޔަވާ ކުދިންނަށް، ބެލެނިވެރިޔާގެ ކާޑުގެ ބަދަލުގައި ސްޓޫޑެންޓް ކާޑު ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް ޝަރީފު އެދުވަހު ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން މިހާރު ވެސް ދަނީ ދަރިވަރުންނަށް ޚާއްސަކޮށް މަހަކު 1,200 ޑޮލަރުގެ ލިމިޓެއް ދެމުންނެވެ.





