އިބޫ އޭދަފުއްޓަށް ވަޑައިގެންފި

37926357_2261797143836598_6073306540792610816_n-1.jpg

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް ސޯލިހު (އިބޫ ) ކެމްޕޭން ކުރެއްވުމަށް ބ.އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން މިއަދު މެންދުރު ފަހު އޭދަފުއްޓަށް ވަޑައިގެންފިއެވެ. އިބޫ އޭދަފުއްޓަށް ވަޑައިގަތުމުން އެމްޑީޕީގެ ސަޕޯޓަރުން ވަނީ ބަނދަރު ސަރަހައްދަށްގޮސް މަރުހަބާ ދަންނަވާފައެވެ.

އޭދަފުއްޓަށް ވަޑައިގެން އިބޫ ވަނީ އެމްޑީޕީ އޭދަފުށީގައި އެމްޑީޕީ ޖަޒީރާ އޮފީސް ހުޅުވައިދެއްވުމަށްފަހު ސަޕޯޓަރުންނާ މުޚާތަބްކުރައްވާ އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި އޭދަފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދު ވެފައެވެ. އެގޮތުން އޭދަފުށީގެ ތައުލީމީ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރައްވާނެ ކަމަށާ އޭދަފުށިން ހިއްކާފައިވާ 27 ހެކްޓަރުގެ ބިމުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ސަރުކާރުން ޓެކްސްގެ ނިޒާމް ގަޑުބަޑުކޮށް އޭގެ ނާޖާއިޒް ފާއިދާ ނެގުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަގުރޫޓުވާތަން ފެންނަމުންދާކަމަށާ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް އެމްޑީޕީގެ ސަރުކާރުން ގާއިމް ކުރި ޓެކްސްގެ ނިޒާމް މި ސަރުކާރުން ގަޑުބަޑުކޮށްފައިވާ ކަމަށެވެ. އަދި މީރާއިން ޓެކްސްގެ ނިޒާމް އޭގެ ނުހައްގު ގޮތުގައި ބޭނުންކޮށް މަޖުބޫރުން އެތައް ޖޫރިމަނާއެއްކޮށް މާލެއާއި ރަށްރަށުގައި ކުރަމުންދާ ކުދި ވިޔަފާރިތައް ބަގުރޫޓުވެފައިވާ ތަން ފެންނަމުން ދާކަމަށެވެ.

“އަޅުގަނޑުމެންގެ ސަރުކާރެއްގައި ޓެކްސް ގެ ސަބަބުން މީރާ އަކީ ވިޔަފާރިވެރިން ބިރުގަންނަ ތަނެއްގެ ގޮތުގައި ނޯންނާނެ. މީރާއިން ބޭނުންހާ ގަވާއިދުތަކެއް ހަދައިގެން ވިޔަފާރިވެރިން އަތަކުން މަޖުބޫރުކޮށްގެން ޖޫރިމަނާތަކެއް ނުކުރެވޭނެ. ރައްޔިތުން އަތުން ނަގަންޖެހޭ ފައިސާއެއްވިއްޔާ ނަގަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން.” އިބޫ ވިދާޅުވިއެވެ.

އިބޫގެ މި ދަތުރުގައި ރޭވަނީ ތުޅާދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްފަހު މިއަދު ހިތާދޫއާއި މާޅޮހަށް ވަޑައިގެންފައެވެ. އެ ރަށްރަށުގައި ތިއްބެވި ސަޕޯޓަރުންނާ ބައްދަލުކުރައްވައި އިއްތިހާދު ސަރުކާރެއްގައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top