ވައިބާއިން ފޮނުވި ލިންކެއް މެދުވެރިކޮށް ބެންކު އެކައުންޓުން ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވެ އެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސަ ވަނީ ފޭސްބުކް މެސެންޖަ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދައި ވައިބަރ މެދުވެރިކޮށް އޭނަ ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، މީހާގެ ބެންކު އެކައުންޓުގައި ހުރި 50،000 ރުފިޔާ ކެނޑިފައިވެ އެވެ. އަދި އެ ފައިސާ ޖަމާވެފައި ވަނީ މޫސަގެ ނަމުގައިވާ އެކައުންޓަށް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ތަކުރާރުކޮށް ފުލުހުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ތަކުރާރުކޮށް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.







