އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރާ 5 ރަށުގެ ކައުންސިލް މެޖޯރިޓީ ޕީއެންސީއަށް

original_1763142707339-scaled.jpg

ސަރުކާރުން އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ހަތް ރަށުގެ ތެރެއިން ފަސް ރަށުގެ ކައުންސިލް މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީއަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރަސްމީ ނަތީޖާ އިން ދައްކައިފިއެވެ.

އޭދަފުށީގެ އިތުރުން އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރާ އެހެން ރަށްރަށަކީ، ޅ.ނައިފަރު، ރ.އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ.ކުޑަހުވަދޫ، ލ.ފޮނަދޫ އެވެ.

މި ހަތް ރަށުގެ ތެރެއިން ޕީއެންސީން ކައުންސިލްގެ މެޖޯރިޓީ ހޯދީ، އޭދަފުށި، އުނގޫފާރު، ނައިފަރު، ނިލަންދޫ އަދި ފޮނަދޫންނެވެ. ދ. ކުޑަހުވަދޫ ކައުންސިލްގެ މެޖޯރިޓީ ލިބިފައިވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށެވެ. މަހިބަދޫ ކައުންސިލްގެ މެޖޯރިޓީ އެއްވެސް ޕާޓީއަކަށް ލިބިފައެއް ނުވެއެވެ.

އޭދަފުށީގެ، ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ހޯދީ ޕީއެންސީންނެވެ. ކައުންސިލް ރައީސްގެ ގޮނޑިއަށް އިންތިޚާބުވީ އަމިއްލަ ގޮތުން ވާދަކުރެއްވި ޝާމީ އިބްރާހީމް އެވެ. ކައުންސިލްގެ މެމްބަރުކަމުގެ ގޮނޑިއަށް އިންތިޚާބު ވީ  ޕީއެންސީގެ އަބްދުﷲ ރަޝީދާއި އަލީ ޝަފީގެވެ. އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި އިންތިޚާބަކާ ނުލައި ކާމިޔާބު ކުރެއްވީ އޭދަފުށީ އަންހެނުންކޮމެޓީގެ ރައީސްކަމުގައި ހުންނެވި ޕީއެންސީގެ ޒީމާ އިބްރާހީމާއި މިހާރުވެސް ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި ނާޒްނީނާ ޔޫސުފެވެ.

އުނގޫފާރު، ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ހޯދީ ޕީއެންސީންނެވެ. އުނގޫފާރު ކައުންސިލްގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ހުސެއިން މަނިކެވެ. އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު ނަޒީރާ ރަޝީދެވެ. ކައުންސިލް މެމްބަރު ގޮނޑިއަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދެވެ.

ނައިފަރުގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ހޯދީ ޕީއެންސީންނެވެ. އަނެއް ގޮނޑި ނެގީ އެމްޑީޕީންނެވެ. ކައުންސިލް ރައީސްގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ޕީއެންސީގެ މުހައްމަދު ރަޝީދެވެ. އަންހެނުންނަށް ހާއްސަ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ސާޖިދާ މުހައްމަދާއި އެމްޑީޕީގެ އައިޝަތު އީމާއު އަހުމަދެވެ. ކައުންސިލްގެ މެމްބަރު ކަމުގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ އަބްދުﷲ ހަސަނާއި ހާމިދު އަބްދުﷲ އެވެ.

ނިލަންދޫގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ހޯދީ ޕީއެންސީންނެވެ. އަނެއް ދެ ގޮނޑި ލިބުނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށެވެ. ކައުންސިލް ރައީސްގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ އަލީ އަހުމަދެވެ. އަންހެނުންނަށް ހާއްސަ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ޝާދިޔާ އަބްދުލް ހަކީމާއި އަމިއްލަ ގޮތުން ވާދަކުރެއްވި ނަސީބާ އަލީއެވެ. ކައުންސިލް މެމްބަރަކަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ މުހައްމަދު ނަސީމާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ޝަފީގް އަލީއެވެ.

ފޮނަދޫގެ ފަސް ގޮނޑި ވެސް ނެގީ ޕީއެންސީންނެވެ. ކައުންސިލް ރައީސްގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ އަހުމަދު ރިޔާޒެވެ. އަންހެނުންގެ ހާއްސަ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ވަރުދާ ހުސެއިނާއި ޕީއެންސީގެ އައިޝަތު އަޒީމާއެވެ. ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ އަބްދުލް ރައޫފު ޔޫސުފާއި ޕީއެންސީގެ އަހުމަދު މަމްދޫހެވެ.

މަހިބަދޫގެ ފަސް ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީން ނެގިއިރު، އެމްޑީޕީން ވެސް ދެ ގޮނޑި ނެގިއެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓަކު ވެސް ގޮނޑިއެއް ކާމިޔާބު ކުރެއްވިއެވެ. ކައުންސިލްގެ ރައީސްގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ މޫސާ މުހައްމަދެވެ. އަންހެނުންނަށް ހާއްސަ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޒައީމާ މުހައްމަދާއި ޕީއެންސީގެ މުނީފާ އާދަމެވެ. ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ މުހައްމަދު މައުމޫނާއި އަމިއްލަ ގޮތުން ވާދަކުރެއްވި ބުންޔާމީން ހަސަނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top