ބަލިމީހުންގެ ނަމުގައި ހިންގާ މެޑިކަލް ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓްތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ މީގެ ތެރެއިން ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެއް ކަމަށެވެ. މިފަދަ ސްކޭމްތައް ހިންގާ މީހުން ބޭނުން ކުރާ އުކުޅުތަކުގެ ތެރޭގައި އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރުން ހިމެނޭކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމާއި، ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުން ނަމަވެސް މެސެޖަށް ޖަވާބު ދިނުން ފަދަ އުކުޅުތައް ބޭނުންކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިކަމަށް ސަމާލުވެ، ފައިސާ ފޮނުވުމުގެ ކުރިން މައުލޫމާތު ކަށަވަރުކޮށް ޔަޤީން ކުރުމާއި، “ގޫގަލް ރިވާސް އިމޭޖް” ބޭނުންކޮށްގެން އެ ފޮޓޯ އަކީ ސައްޙަ ފޮޓޯއެއްކަން ކަށަވަރު ކުރުމުގެ އިތުރުން، ޔަގީންނުވާ ޕޯސްޓްތައް ޝެއާ ކުރުމުން ދުރުހެލިވުމަށް އެދިފައިވެ އެވެ.
ސްކޭމްގެ މައްސަލަތައް 125 އަށް ގުޅައި ރިޕޯޓް ކުރެވޭނެ އެވެ.






