ދިރޭތަކެތީގެ ސޫރަ ސިފަވާ ގޮތަށް މޮނިއުމަންޓް ފަދަ ތަކެތި ހެދުމާއި، އެފަދަ ތަކެތި ބެހެއްޓުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފި އެވެ.
ފަތުވާ މަޖިލީހުން އިއްޔެ ނެރުނު ފަތުވާއެެއްގައި ބުނީ ދިރޭ އެއްޗެއްގެ ސިފައިގައި ބުދު، މޮނިއުމެންޓް ނުވަތަ އެ ނޫން ވެސް އެފަދަ އެއްޗެއް ހެދުމާއި ބެހެއްޓުމަކީ ދީނީ ގޮތުން ހުއްދަ ނޫން ކަމެކެވެ.
އެކަމުގެ ދަލީލަކީ މައްކާ ފަތަހަ ކުރެއްވި ދުވަހު ކީރިތި ރަސޫލާ، ގެފުޅު ތެރޭގައި ހުރި ބުދުތައް ނައްތާލެއްވުމަށް ޞަހާބީންނަށް އަމުރުކުރެއްވި ހާދިސާ އާއި އަލީގެފާނަށް ރަސޫލާ ދެއްވި އިރުޝާދެއްގައި، އެއްވެސް ބުދެއް އޭގެ ސިފަ ހަލާކު ނުކޮށް ދޫނުކޮށްލުމަށާއި، އުސްކޮށް ހަދާފައިވާ ގަބުރެއް ބިމާ ހަމަނުކޮށް ދޫނުކޮށްލުމަށް އަންގަވާފައިވާކަން ފަތުވާގައި ފާހަގަކޮށްފައިވެ އެވެ.
ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގިޔާމަތް ދުވަހުން އެންމެ ގަދަފަދަ އަޒާބު ލިބޭހުށީ ފުރާނަ އެކުލެވޭ ތަކެތީގެ ސޫރަ ހަދާ މީހުންނަށް ކަމަށް އައިސްފައިވާ ހަދީސްތަކަށް ރިއާޔަތްކޮށް، ބުދު ހެދުމާއި ބެހެއްޓުމަކީ އިލްމުވެރިންގެ އިޖުމާއުން ހަރާމް ކަމެއް ކަމަށެވެ. އަދި މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި، އެފަދަ ތަކެތި ހުންނަ ތަންތަނަށް ރަހުމަތުގެ މަލާއިކަތުން ވަދެވަޑައިނުގަތުމާއި، އެފަދަ ތަކެތީގެ ސަބަބުން ޝިރުކަށް މަގުފަހިވުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
ފަތުވާ ނިންމާލަމުން ފާހަގަކޮށްފައި ވަނީ އިހުގެ މީހުން ވެސް ބުދުތަކަށް އަޅުކަން ކުރަން ފެށީ ސޯލިހު މީހުންގެ ހަނދާނުގައި ބެހެއްޓި ބުދުތަކަށް ޒަމާންތަކެއް ފަހުން މީސްތަކުން ޝިރުކުކުރަން ފެށުމުން ކަމަށެވެ. އެހެންވެ މުސްލިމުން މިފަދަ ކަންކަމުން ދުރުހެލިވެ، ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ.







