އޭދަފުށިގައިހުރި އާސާރީބިނާތައް ކޮބާ؟

12472624_836440399793277_6055873321012236327_n.jpg

އޭދަފުށީ ގަބުރުސްތާނުގެ ގޯތިތެރޭގައި ހުރި ޒިޔާރަތް. ފޮޓޯ : އަބޫ ޔައުލާ

އަޅުގަނޑުމެން ކުޑައިރު ރަށުގެ އެންމެ “މުގައްދަސް” ތަންތަނުގެ ތެރޭގައި މިސްކިތްތައް ފިޔަވައި ދެން ހުންނަނީ ޒިޔާރަތެކެވެ. އެއީ މިހާރުވެސް ގަބުރުސްތާނުގެ ތެރޭގައި ވީރާނާވާން ދޫކޮށްލާފައި އެހެރަ ޒިޔާރަތެވެ. އޭރު އެތަނަކީ” ހުރުމަތްތެރިވެގެންވާ” ތަނެއްކަމުގައި އެންމެންވެސް ދެކެމުން އައީ އޭރުގެ ހޭލުންތެރިކަމާއި ތައުލީމީ ގޮތުން  އެހާބޮޑަށް ރޯފިލާފައި ތިބި މީހުން ރާއްޖޭގައި ވެސް މަދުވުމުން ކަމަށްވެދާނެއެވެ. އެހެނީ ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގައި ހުރި މިފަދަ ޒިޔާރަތްތަކާ މަގާމްފުޅުތަކަކީ ދީނީތަންތަން ކަމުގައި ދެކިގެން ބަލަހައްޓަމުން އައި ތަންތަނެވެ. ވެރިރަށް ފުރަމާލޭގައިވެސް ކަންތައް ހުރީ މިގޮތަށެވެ.  ޒިޔާރަތްތަކަށް ނަދުރުބުނުންފަދަ ޚުރާފާތްތައް ރާއްޖެއިން ނެތިކޮށްލުމުގެ މަސައްކަތް ފާޅުގައި ފެއްޓެވީ ރައީސް މައުމޫނުގެ ޒައާމަތުގައެވެެ.

އެހެންނަމަވެސް އެތަންތަން ތަޅާ ތިރިކޮށް މުޅިން ނެތިކޮށްލުމުގެ ބަދަލުގައި މައުމޫންގެ ސަރުކާރުން މަސައްކަތް ކުރެއްވީ ތާރީޚީ އާސާރީ ބިނާތަކެއްގެ ގޮތުގައި އެތަންތަން ބެލެހެއްޓުމަށެވެ. އެކަން މިއަދުވެސް އޮތީ އެގޮތުގައެވެ.

ރަށެއްގެ ގަދީމީ ތާރީޚާ ގުޅިފައިވާ ފޯކްލޯތަކާއި އާސާރީ ބިނާތަކަކީ ރައްކާތެރި ކަމާއެކު ބެލެހެއްޓެން ޖެހޭނެ ތަންތަނެވެ. އެއީ ދެން އަންނަނިވި ޖީލުތަކަށް ރައްދުކޮށްދޭން ޖެހޭނެ އަމާނާތެކެވެ. ރަށެއްގައި ނަމަ މިކަމުގެ ޒިންމާ ނަގަންޖެހޭ އިސްފަރާތަކަށް ވާނީ އެރަށެއްގެ ކައުންސިލެވެ. އެކަމަކު ހަމަގައިމުވެސް މި ރަށުގައި އެހެރަ ޒިޔާރަތް ބެލެހެއްޓުމަށް ރަށު ކައުންސިލުން މަސައްކަތެއް ނުކުރެއެވެ. އެ ތާރީޚީ ބިނާ މިހާރު އޭގެ ފަހު ނޭވާލަމުން ދަނީ އެހެންވެގެންނެވެ.  އޭދަފުށީގެ ތާރީޚާ ގުޅިފައިވާ މި ބިނާ ވީރާނާވާން ދޫކޮށްލުމަކީ މި ޖީލާއި އަންނަނިވި ޖީލުތަކުގެ ދަރިންނަށް ވެވޭ ޚިޔާނާތެކެވެ. އޭދަފުށީގެ ތާރީޚާ ގުޅިފައިވާ ގިނަ ވާހަކަތަކެއް މި ޒިޔާރަތާ ގުޅިފައިވެއެވެ. ޝައުގު ކުރުވަނިވި އެވާހަކަތަކާއެކު ފަސްއަޅާ ފޮރުވާލެވުނީއެވެ. މިކަން ރަށު ކައުންސިލްގެ އިއްޒަތްތެރި މެންބަރުން ވިސްނަވާނެނަމައެވެ.

ވަގުތުބަލާ ގާ

ވަރަށް އިހުއްސުރެ އޭދަފުށީގައި ނަމާދުވަގުތު ބެލުމަށް ބޭނުންކުރަނީ ރަށުގެ ބޮޑުމިސްކިތުގެ ހަރިއްމަ ފާރުތެރޭގައި ހުރި ވަގުތު ބަލާ ގަލުގެ ނަމުން ނަންދީފައިވާ ވަރަށް ރީތިކޮށް ހަދާފައި ހުންނަވަގުތުގަލެވެ. މި ގާ ހަދާފައި ހުންނަނީ ބޮޑު ހިރިގަލެއް ކޮށާ މަށައިގެން ހަތަރެސްކަން ވާ ގޮތަށް ގާތްގަނޑަކަށް ފަރާތެއްގައި ދޮޅުފޫޓް އަދި އުސްމިނުގައި ހަތަރުފޫޓް ހުންނަ ވަރަށެވެ. ގަލުގެ މަތީގައި  ރަންވަން ލޮއިގެ ޝީޓެއް އަޅައި އެޝީޓުގެ އެއްފަރާތުގައި  އަށެއްކަ އިންޗި އުސްމިނުގެ ލޮއިން ހަދާފައި ވާ ތިނެސްކަން ދަނޑިއެއް ހުރެއެވެ. މި ދަނޑި ހުންނަނީ ފޭހިފައެވެ. ވަގުތު ބަލަނީ މި ދަނޑިންނެވެ.

ވަގުތު ބަލަން ބޭނުންކުރާ މިގަލަކީ އިލްމީ ވަރުގަދަ މަސައްކަތެއްގެ އިތުރުން އަތްތެރިމަސައްކަތުގެވެސް ރީތި މިސާލެކެވެ. އުފެއްދި ބައެއްގެ ކުޅަދާނަ ސިކުޑިތަކަށްވެސް އައްސަރިބަހާއި ސާބަސް ދޭން ޖެހޭ އަގުބޮޑު މަސައްކަތެކެވެ.

ވަގުތުގާ މިހާރު ކޮބާ؟

އޭދަފުށީގައި ހުރި އާސާރީ ބޮޑުމިސްކިތް ބޮޑުކުރި އިރު އެގާ މިސްކިތުގެ ތެރެއަށް އަރާތީވެ އެތަނުގައި ބެހެއްޓޭނެ ގޮތެއް ނެތިގެން ނަގަން ޖެހުނީއެވެ. ވަގުތުގާ ނަގާފައިވަނީ އޭގެ އަސްލަށް ގެއްލުމެއް ނުވާނެ ގޮތަށެވެ. އެއީ އެހެން ތަނަކު ބެހެއްޓުމުގެ ބޭނުމުގައެވެ.  އޭރު ރަށް ހިންގަން ތިބިބަޔަކު އެގާ ގެންގޮސް އޮތީ ރަށު އޮފީހުގެ ގުދަނަކަށް ލާފައެވެ. ވަރަށް ރީތި ކޮށް ރައްކާތެރިކަމާއެކުގައެވެ. އެހެންނަމަވެސް މިދާކަށް ދުވަހު ގުދަން މަރާމާތުުކުރުމަށް އެތަނުގައި ހުރި ތަކެތި ބޭރުކުރުމުގެ ތެރޭގައި ވަގުތު ގާވެސް އޮތީ މަގުމައްޗަށް  ވަރަށް އިހާނެތިގޮތަކަށް ބޭރުކޮށްލާފައެވެ. މި މަންޒަރު ތާރީޚަށް ލޯބިކުރައްވާ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ބޭފުޅަކަށް ފެނިގެން ސްކޫލުގެ ގޯތި ތެރޭގައި ބެހެއްޓުމަށް ދެވިދާނެތޯ  ކައުންސިލުގައި އެދުނުކަން އެނގިފައިވެއެވެ. އެހެނަސް އޭތި ދޭން ކައުންސިލަރަކު އިއުތިރާޒުކުރެއްވީީ މުޅިކައުންސިލުން ނިންމައިގެން ނޫނީ މިފަދަ އެއްޗެއް ދޫނުކުރެވޭނެ ކަމަށް ވިދާޅެވުމާއެކުގައެވެ. އޭރު އެ ބިނާ އޮތީ ސަލާމަތުން މާބޮޑު ގެއްލުމެއް ނުލިބި ކަމުގައިވިޔަސް އޭގެ ތިން ދުވަސްފަހުން ކުރިން ދެންނެވި ދެސްޓާފުން ގޮސް ބެލިއިރު ވަގުތު ގާ ވަނީ އެހަރުކޮށްފައިވާ ހިރިގަލުން ވަކިކޮށް ކުދިކުދިކޮށްލާފައެވެ.

މާލޭ ހުކުރު މިސްކިތް ގޯތި ތެރޭގައި ހުރި ވަގުތުބަލާ ގާ

މާލޭ ހުކުރު މިސްކިތް ގޯތި ތެރޭގައި ހުރި ވަގުތުބަލާ ގާ

އޭދަފުށީގެ ތާރީޚާ ގުޅިފައިވާ ވަގުތުބަލާ ގާ ގަލުން މިހާރު ހަމައެކަނި ސަލާމަތުން އޮތް ބަޔަކީ ލޮއިން ހަދާފައިވާ ބައެވެ. އެވެސް އޮތީ ވަރަށް ބޮޑަށް ބަނޑިބަނޑިވެފައެވެ. އެބައި އޮންނަންޖެހޭނީ ގުދަނުގައި ކަމަށް ކައުންސިލަރުންނަށް ފެނިވަޑައިގަންނަވާތީ ގުދަނުގައި ބާއްވާފައި އޮތްކަމަށް ބަލަމާ ހިނގާށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން ދެންނެވި ދެބޭފުޅުން އަދިވެސް ވަގުތުބަލާ ގާ ގެނެސް ސްކޫލްތެރޭގައި ބެހެއްޓޭތޯ އެބަ މަސައްކަތްކުރައްވައެވެ . އެހެންކަމަށް ވެއްޖެނަމަ އެބޭފުޅުންނަށްވެސް އޭދަފުށީގެ އާސާރީ ތަރިކަ ރައްކާތެރިކުރުމަށް އެކޮށްދެވުނީ އަގުބޮޑު މަސައްކަތެކެވެ. ކައުންސިލުންވެސް އެބޭފުޅުންނަށް މިމަސައްކަތްކުރުމުގެ މަގު ފަހި ކޮށްދެއްވާނެކަމުގައި އުއްމީދު ކުރެވެއެވެ.

އާސާރީ ތަންތަނާއި ތަކެއްޗަކީ ވަރަށް މަދު އެއްޗެކެވެ. ރަށެއްގެ ތާރީޚާ ގުޅިފައިވާ އާސާރީތަންތަނާއި ތަކެއްޗަކީ ބެލެހެއްޓެން ޖެހޭނެ ތަކެއްޗެވެ. އެއީ އެރަށެއްގެ ގުދުރަތީ ރީތި ވެއްޓާއެކު ލިބިފައިވާ އެންމެ ބޮޑު މުއްސަނދިކަމެވެ. މިމުއްސަނދިކަން ދެމެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނީ އެމަސްއޫލިއްޔަތު އަދާކުރަން ރަސްމީގޮތުން ހަވާލު ކޮށްފައިވާ ރަށް ހިންގަން އުޖޫރަދީފައި ތިއްބަވާ ބޭފުޅުންނެވެ. އެބޭފުޅުންނާއެކު މިއީ ހަމަ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top