ދިރާސީ އާ އަހަރާ އެކު ކްލާހުގައި ފޯނު ބޭނުންކުރުން މަނާ

FuzpGs3A35vrO7g9FXQ7OUBvUTc7YHzf5XcGVKnh-1-scaled.jpg

ކުރިއަށް އޮތ ދިރާސީ އަހަރާއެކު ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާ ކުރާނެކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންނާއި ގާތުން ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގްރޭޑް 10 އިން ފެށިގެން ދަށުގެ ދަރިވަރުން ސްކޫލުތަކަށް ފޯނު ގެންދިއުމަކީ މިހާރުވެސް މަނާކޮށްފައި އޮންނަ ކަމެއް ކަމަށެވެ. ނަމަވެސް މި ސިޔާސަތު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވިފައިނުވާތީ މިކަމުގެ ސަބަބުން މިހާރު ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލަ ބޮޑުވަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، އަންނަ ދިރާސީ އަހަރު ފެށުމުން، ގްރޭޑް 10 އިން ދަށުގެ އެއްވެސް ދަރިވަރަކު ސްކޫލަށް ފޯނު ގެންދިއުން މަނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކުރާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވުނެ ނަމަވެސް، ކިޔަވައިދޭ ވަގުތުގައި ފޯނު ބޭނުންކުރުން މަނާކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“މި ސިޔާސަތު ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރެވޭނެ. ރަސްމީ ސްކޫލް ގަޑީގައި ގްރޭޑް 10 އިން ދަށުގެ ދަރިވަރުންނަށް ފޯނެއް ބޭނުމެއް ނުކުރެވޭނެ. ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ފޯނު ގެންދެވޭނެ ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ދަނީ ސްކޫލްތަކުގައި ބެހެއްޓުމަށް ލޮކަރ ސިސްޓަމެއް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުން. ކްލާސް ގަޑީގައި އެއްވެސް ދަރިވަރަކު ފޯނު ބޭނުންކުރުން މަނާކުރުމަށްޓަކައި، ކިޔަވައިދޭ ވަގުތުގައި އެ ފޯނުތައް ލޮކަރުގައި ބަންދުކޮށް ބަހައްޓަން ޖެހޭނެ،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ކިޔެވުން ނިމުމުން ފޯނު ލިބޭނެ ގޮތަށް އަންނަ ދިރާސީ އަހަރުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. އެއީ އެ ދަރިވަރުންގެ އުމުރަށް ރިއާޔަތްކޮށް، ހުސްވަގުތުތަކުގައި ފޯނު ބޭނުން ކުރެވުން މުހިންމު ކަމަށް ގަބޫލުކުރައްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ފޯނުގެ މައްސަަލަ ރައީސް މުއިއްޒު ފާހަގަކުރައްވާފައި މިވަނީ އައްޑޫ ސިޓީގައި ހިންގާ ސްކޫލެއްގައި ދަރިވަރުންތަކެއް ކުލާހުގައި ފޯނު ހިފައިގެން އުޅެނިކޮށް ދިމާވި މައްސަލަތަކެއްގައި އާންމުންގެ ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top