މިހާރު ކުރިޔަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕް ދޭކަށް ގޮސްފައިވާ ވަރުގަދަ އޭދަފުށި، މާފުށި އަތުން ބަލިވެއްޖެއެވެ.
ރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން އޭދަފުށި ބަލިވީ 2-0 އިންނެވެ.
އޭދަފުށީގެ މައްޗަށް މާފުށިން ލީޑް ނެގީ މެޗުގެ 33 ވަނަ މިނެޓުގައި މާފުށީގެ އިބްރާހީމް އަތީގު، އޭދަފުށީގެ ހާފު މެދުތެރެއިން ބޯޅަ އަތުލައިގެން ކުރި އެޓޭކެއްގައި، ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ދެ ޓީމަށްވެސް ގޯލު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ލިބިގެން ދިޔަ މި މެޗުގައި ދެން ގޯލެއް ފެނުނީ 90 ވަނަ މިނެޓުގައެވެ. މާފުށިން ހިލޭ ޖެހުމެއްގައި ނަގައިދިން ބޯޅަ އޭދަފުށިން ކުރިޔަށް ފޮނުވާ ނުލެވި، މާފުށީގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއީލް މަފާޒެވެ. އޭދަފުށީ ކީޕަރު ޑަބަލް ސޭވް ކުރި ނަމަވެސް، ރީބައުންސްގައި ކުޑަ އޭރިޔާ ކުރިމަތިން މަފާޒަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރު ކައިރިން ނައްޓާފަ އެވެ.
މި ގްރޫޕުގައި އޭދަފުއްޓާއި މާފުށީގެ އިތުރުން ދެން ހިމެނެނީ ހއ.ދިއްދޫއެވެ. ދިއްދޫ ބަލިކުރެއްވިއްޖެނަމަ އޭދަފުށި ކުއާޓާފައިނަލަށް ދާނެ އެވެ.
ގޯލްޑް ކަޕުގެ ދެވަނަ ބުރު ކުރިއަށްދަނީ 4 ގްރޫޕަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި 3 ރަށް ވާދަކުރާ ގޮތަށެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދާ 2 ރަށް ދާނީ ކުއާޓާ ފައިނަލަށެވެ. ކުއާޓާ ފައިނަލް ފަށާނީ އަންނަ 17 ވަނަ ދުވަހުއެވެ.