މާދަމާ ފަށާ ބ. އަތޮޅު ބަށި މުބާރާތުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބ.ގޮއިދޫ ޓީމުން މުޅި ގައުމު ސިއްސުވާލާވަރުގެ ކުޅުމެއް ފެނިގެންދާނޭކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
އޭޭދަފުށި ވޮއިސް އާ ވާހަކަ ދައްކަމުން ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ޗެމްޕިއަން ޓީމު މިފަހަރު ތައްޔާރުވެފައިވަނީ އާދައިގެ ފެންވަރެއްގައި ނޫންކަމަށާ، އެއްވެސް ޓީމަކުން މިކަމާ ބިރުގަންނަން ނުޖެހޭކަމުގައެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރާ ހިލާފަށް މިފަހަރު ޓީމުގައި ފެންނާނީ އަތުގެ ބާރުގަދަ، ޝޮޓް ވަރުގަދަ، ހިފުން ވަރުގަދަ އާ ޒުވާން ޖީލެއްކަމުގައެވެ.
“އަޅުގަނޑުމެން ކުޅޭނީ އެހެން ޓީމްތަކަށް ވަރަށް ބޮޑަށް އިހްތިރާމް ކޮށްގެން. އެކަމަކު ރޮކެޓް ސްޕީޑްގައި… މިފަހަރުގެ ޓީމް ވަރަށް ޒުވާންވެފައި ސްފީޑް ބާރުވާނެ، ހަލުވި ވާނެ. މުޅިރާއްޖެ ސިއްސުވާލާނެ. މުބާރާތް ކާމިޔާބު ކުރެވޭނެކަމުގެ 99.99 ޕަސެންޓް ޔަގީންކަން އެބައޮތް.” ގޮއިދޫގެ ކުޅިވަރު ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރައްވަމުން އަންނަ އާމިރު ވިދާޅުވިއެވެ.
ގޮއިދޫ އަކީ އަތޮޅު މުބާރާތްތަކުގައި މިހާތަނަށް އާދަޔާ ހިލާފު ސަޕޯޓެއްވެސް ދެމުން އަންނަ ބައެކެވެ. އެގޮތުން އަތޮޅު ފުޓްބޯޅަ މުބާރާތާ، ބަށި މުބަރާތް ފާހަގަކުރެވެއެވެ. އާމިރު ވިދާޅުވީ މިދިޔަ އަހަރަށްވުރެ ފުރިހަމަ ސަޕޯޓެއް މިއަހަރުވެސް ގޮއިދޫ ރައްޔިތުން ޓީމަށް ކުރާނެކަމަށާ، އެކަމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ.
“ދަންނަވަންތޯ މިރަށަކީ ކުޅިވަރުގެ ރަށެއް. ކުޅިވަރަށް މަރުދޭ ބައެއް އުޅޭތަނެއް. މުޅިރަށް ހަމަ ޓީމާއެކު ދާނެ. މިހެން ބުންޏަސް ރަށުގަ ތިބޭނެ ހައެއްކަމީހުން އިނގޭތޯ. އަޅުގަނޑުމެން ބޮޑު ދެއޮޑި ސަޕޯޓަރުންނަށް ހާއްސަކޮށްފައި އެބަ ބާއްވަން. އާދަޔާ ހިލާފު ސަޕޯޓެއް މިފަހަރުވެސް ދައްކާނަން” ގޮއިދޫ ކައުންސިލްގެ މިދިޔަ ދެ ދައުރުގެ ރައީސްކަން ކޮށް އަދި އަންނަ ދައުރަށް ކުރިމަތިލައްވާފައިވާ އާމިރު ވިދާޅުވިއެވެ.
ބ. އަތޮޅު ކައުންސިލުން މުޅިއަތޮޅަށް ހުޅުވާލައިގެން ބާއްވާ 3 ވަނަ ބަށިމުބާރާތަށް މާދަމާ އޭދަފުށީގައި ފެށުމަށް ތައްޔާރުވަމުންދާއިރު މުބާރާތުގައި އަތޮޅުން ޖުމްލަ 5 ރަށަކުން ޓީމުތައް ވާދަކުރާނެއެވެ. އެއީ ޗެންޕިއަން ގޮއިދޫއާ، 2014 ވަނައަހަރުގެ ޗެންޕިއަން އޭދަފުށި، އަދި ކިހާދޫއާ ހިތާދޫގެ އިތުރުން މާޅޮހެވެ. މުބާރާތުގެ ޗެންޕިއަން ޓީމަށް އަތޮޅު ކައުންސިލުން 25000ރުފިޔާ، އަދި ރަނަރއަޕް ޓީމަށް 15000ރުފިޔާ ކަނޑައަޅާފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލު