އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު, ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވެސް ވޯޓާއެކު މިއަދު ފާސްކޮށްފިއެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އިސްލާހު ފާސްވީ އަބްދުއްރަހީމްގެ ވޯޓު ހިމެނޭހެން 75 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މަޖިލިސް މެންބަރުން އެކަންޏެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ވަނީ ގާނޫނުއަސާސީގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ގާނޫނަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށްވެސް އިސްލާހު ހުށަހަޅާފަ އެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅީ “އަތޮޅު ކައުންސިލް”، މި ލަފުޒު އުނިކުރުމަށެވެ. އޭރުން މި ގާނޫނު އިސްލާހުވެއްޖެނަމަ ދެން އިންތިޚާބުކުރަން ޖެހޭނީ ސިޓީ ކައުންސިލަރުންނާއި ރަށު ކައުންސިލަރުންނެވެ.
ހަމަ އެހެންމެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށްވެސް “އަތޮޅު ކައުންސިލް”، މި ލަފުޒު އުނިކުރުމަށް ހުށަހެޅުމުގެ އިތުރުން، މުޅި އަތޮޅު ކައުންސިލްގެ ބާބު އުނިކުރުމަށާއި، އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ރިޕޯޓުކުރަން ޖެހޭ ގޮތް ހެދުމަށާއި، 2،000 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ތިނަކަށް މަދުކުރަން ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، މި ގާނޫނު އިސްލާހު ކޮށްފިނަމަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ތިބޭނީ އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދަށެވެ. އެއީ 2،000 އަށް ވުރެ މަތީ އާބާދީއަކުން ފަސް ކައުންސިލަރުން އިންތިޚާބުކުރާ ނަމަ އެ އަދަދަށެވެ. އަދި އެ ކޮމިޓީތަކުގެ ރައީސުން ހޮވަންޖެހޭނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުން ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.
މި އިސްލާހުތައް ފާސްކުރުމާއެކު، ލޯކަލް ކައުންސިލްތަކުގެ މި ހިނގާ ދައުރު ހަމަވުމުން، ދެން އޮންނަ އިންތިހާބުގައި އަތޮޅު ކައުންސިލްތަކަށް މެންބަރުން އައްޔަނެއް ނުކުރާނެއެވެ. އެހެންކަމުން މިހާރު މި ހިނގާ ދައުތުގައި އަތޮޅު ކައުންސިލް ތަކުގައި ތިބި މެންބަރުންނަކީ އަތޮޅު ކައުންސިލް މެންބަރުކަން ކުރާނެ އެންމެ ފަހު ބޭފުޅުންނެވެ.






