16އަހަރުން ދަށުގެ ކުދިންނަށް މެލޭޝިޔާގައި ސޯޝަލް މީޑިއާ މަނާކުރަނީ

main_20251124_162410.jpg

ކުޑަކުދިންގެ ސަލާމަތާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޑިޖިޓަލް ޕްލެޓްފޯމް ތަކަށް ވަނުން ހަނިކުރުމުގެ ގޮތުން މެލޭޝިއާގެ 16 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑއާ ބޭނުންކުރުން އަންނަ އަހަރުން ފެށިގެން މަނާކުރަން ނިންމައިފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަޟީލް ވިދާޅުވީ އޮސްޓްރޭލިއާ އާއި އެހެން ގައުމުތަކުގައި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އުމުރު ކަނޑައެޅުމަށް ބޭނުންކުރާ މެކޭނިޒަމްތައް ސަރުކާރުން މުރާޖައާ ކުރަމުން އަންނަ ކަމަށެވެ.

އަދި ސައިބާ ބުލީ ކުރުމާއި މާލީ ސްކޭމްތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ އޮންލައިންކޮށް ކުރާ ނޭދެވޭ އެފަދަ އަމަލުތަކުން ލިބޭ ގެއްލުންތަކުން ޒުވާނުން ރައްކާތެރި ކުރުމަށް އެކަން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން އުންމީދު ކުރަނީ އަންނަ އަހަރުގެ ނިޔަލަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ސަރުކާރުން ނިންމި ނިންމުމަށް އަމަލުކުރާނެ ކަމަށް,” ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަޟީލް ވިދާޅުވިއެވެ.

ގޭމްބްލިން އާއި ނަސްލާއި ދީނާއި ޝާހީ ކަންކަމާ ގުޅޭ ޕޯސްޓްތައް ހިމެނޭ ގޮތަށް ގެއްލުން ހުރި ކޮންޓެންޓް އިތުރުވަމުންދާ ދިއުމާ ގުޅިގެން މެލޭޝިއާ އިން ވަނީ ފާއިތުވި އަހަރުތަކުގައި ސޯޝަލް މީޑިއާ ކުންފުނިތައް ވަރަށް ބޮޑަށް ސުޕަވައިޒްކުރަން ފަށާފައެވެ.

ކުޑަކުދިންގެ ސިއްޙަތާއި ރައްކާތެރިކަމަށް ސޯޝަލް މީޑިއާއިން ކުރާ އަސަރުތައް ދުނިޔޭގެ ކަންބޮޑުވުމަކަށް ވެފައިވާއިރު، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލިބޭ ނަފްސާނީ ގެއްލުން ލިބުމުގައި ޓިކްޓޮކް، ސްނެޕްޗެޓް، ގޫގުލް ފޭސްބުކާއި ވަޓްސްއެޕް އަދި އިންސްޓަގްރަމްގެ ބެލެނިވެރި ކުންފުނި މެޓާއިން އަދާކުރާ ދައުރާ ގުޅިގެން އެ ޕްލެޓްފޯމުތަކާ ދެކޮޅަށް އެމެރިކާގައި ވަނީ ދައުވާ އުފުލާފައެވެ.

އޮސްޓްރޭލިއާގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރެގިއުލޭޓަރުން ގާތުން ބަލަމުންދާ ބެލުމުގެ ދަށުން، އަންނަ މަހު 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް ޑިއެކްޓިވޭޓް ކުރަން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވަނީ ތައްޔާރުވެފައެވެ.

މީގެ އިތުރުން، ފްރާންސް، ސްޕެއިން، އިޓަލީ، ޑެންމާކް އަދި ގްރީސް އިން ވެސް އުމުރު ކަށަވަރު ކުރުމުގެ އެޕްލިކޭޝަނެއްގެ ޓެމްޕްލޭޓެއް ގުޅިގެން ޓެސްޓުކުރަމުން ގެންދެއެވެ.

މެލޭޝިއާގެ އަވަށްޓެރި އިންޑޮނޭޝިއާއިން ވެސް މިދިޔަ ޖެނުއަރީ މަހު ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނަށް އެންމެ ކުޑަމިނުގެ އުމުރެއް ކަނޑައެޅުމަށް ރާވާފައެވެ. ނަމަވެސް، ފަހުން ވަނީ ނެގެޓިވް ކޮންޓެންޓް ފިލްޓަރުކުރުމަށް އަދި އުމުރު ކަށަވަރުކުރުމުގެ ގަވާއިދުތައް ވަރުގަދަކުރުމަށް ޓެކް ޕްލެޓްފޯމްތަކަށް އަންގާ، ހަރުކަށި ނޫން ގަވާއިދެއް ނެރެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top