ރޯދަވެރީންނަށް ޚާއްޞަ ދޮރުކޮޅެއް

ramadan-3.jpg

ސުވަރުގެއަކީ، މާތްﷲ ތަޤްވާވެރީންނަށް ތައްޔާރުކުރައްވާފައިވާ، އާޚިރަތުގެ ގޮވައްޗެވެ. މާތްﷲ ކީރިތިޤުރްއާނުގައި ވަޙީކުރައްވަނީ، (  وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ  ) (سورة آل عمران 133 ވަނަ އާޔަތް)  މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރީންނަށެވެ.”

ޝައްކެއްނެތެވެ. ރޯދައަކީ، ބޮޑުފާފައަކަށް އަރައިނުގަންނަހާހިނދަކު، ފާފަތައް ފުހެވޭނެ އަޅުކަމެކެވެ. އަދި ހަމަ އެހެންމެ ރަމަޟާންމަހުގެ ރޯދަ ހިފުމަކީ، ތަޤްވާވެރިވުމަށް އޮތް މަގެކެވެ. އެހެންކަމުން ސުވަރުގޭގައި ރޯދަވެރިންނަށް ޚާއްޞަ މަޤާމެއް ލިބިގެންވެއެވެ. ރޯދަވެރިން ސުވަރުގެ ވަނުމަށް ޚާއްޞަ ދޮރުކޮޅެއްވެއެވެ. މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި ސަހްލުބްނުސަޢުދުގެ ކިބައިން ރިވާވެގެންވެއެވެ.

عَنْ ‏ ‏سَهْلٍ ‏ ‏رَضِيَ اللَّهُ عَنْهُ ‏  عَنِ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ :‏ (‏إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ) (مُتَّفَقٌ عَلَيْهِ)

މާނައީ، “މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ސަހްލުބްނު ސަޢުދުގެ ކިބައިން ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) މާތްނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ސުވަރުގޭގައި އައްރައްޔާނެވެ ކިޔުނު ދޮރުކޮޅެއްވެއެވެ. ޤިޔާމަތްދުވަހުން، ރޯދަވެރިން އެ ދޮރުކޮޅުން ސުވަރުގެވަންނަހުއްޓެވެ. އެބައިމީހުންނޫން އެހެން އެއްވެސް މީހަކަށް އެ ދޮރުކޮޅުން ނުވަދެވޭހުއްޓެވެ. ބުނެވޭނެތެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ފަހެ، އެއުރެން (އެ ދޮރުކޮޅުން ވަނުމަށްޓަކައި) ތެދުވާނެތެވެ. އެ ދޮރުކޮޅުން އެބައިމީހުންނޫން އެހެން އެއްވެސް މީހަކު ނުވަންނާނެތެވެ. ފަހެ، އެބައިމީހުން އެންމެން ސުވަރުގެ ވަނުމުން، އެ ދޮރުކޮޅު ބަންދުކުރެވޭހުއްޓެވެ. އެ ނޫން އެއްވެސް މީހަކަށް، އެ ދޮރުކޮޅުން (ސުވަރުގެއަށް) ނުވަދެވޭހުއްޓެވެ.”

އިސްވެދިޔަ ބަސްފުޅުން އެނގޭގޮތުގައި ﷲގެ ދަރުމައާއި ޘަވާބަށްއެދި، ރަމަޟާންމަހުގެ ރޯދަ ހިފާ މީހުންނަކީ، ﷲގެ ޙަޟްރަތުގައި ޚާއްޞަ ދަރަޖައެއް ދެވިގެންވާ ބައެކެވެ. އެއީ ސުވަރުގޭގެ އެއްދޮރުކޮޅުކަމުގައިވާ ރައްޔާން އޭ ކިޔުނު ދޮރުކޮޅުގެ އަހްލުވެރިންނެވެ. މިއީ ﷲގެ އަޅުންނާމެދު، އެކަލާނގެ އޯގާވަންތަކަމެވެ. ދީލަތިވަންތަކަމެވެ. ކޮންމެ ރޯދަވެރިއެއްގެ އުންމީދަކަށްވާނީ، ރައްޔާނޭ ކިޔުނު އެ މާތްދޮރުކޮޅުން ވަނުމުގެ ހެޔޮތަވްފީޤު މާތްﷲ މިންވަރުކުރެއްވުމެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top