ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް މަހަކު 1,000 ޑޮލަރަށް އިތުރުކޮށްފި އެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ބަދަލު ގެނައީ އެ ބޭންކުގެ 43ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކަމަށެވެ.
އަދި ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ޚަރަދުކުރެވޭ މިންވަރު ވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައި ކަމަށް ބީއެމްއެލްއިން މައުލޫމާތު ދީފައިވެއެވެ. ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މީގެ އިތުރުން ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) %2.5 އިން %1އަށް ވަނީ ކުޑަކޮށްފައެވެ. މިއި އެ ރޭޓް ކުޑަކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
މިދިޔަ ޖުލައިމަހު ބީއެމްއެލްއިން ވަނީ ބޭންކުގެ ޑެބިޓް ކާޑު ލިމިޓަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ވަނީ ބޮޑު ކޮށްދީފައެވެ. އެއާއެކު، ނަގުދު ފައިސާގެ ގޮތުގައި 750 ޑޮލަރު ނެގޭ ގޮތަށް މިއަދާ ހަމައަށް ބީއެމްއެލް އިން ފަހިކޮށްދީފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ނަގުދު ފައިސާގެ ގޮތުގައި 1،200 ޑޮލަރު ނެގެއެވެ.





