އެޑިޓަރުގެ ނޯޓް: ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރު ބ.ދަރަވަންދޫ އަލްމަރުހޫމް ސައީދު އަލިފުޅު، މީގެ 36 އަހަރު ކުރިން އަޅުގަނޑު އޭރު ނެރެމުން އައި ފިނިހިޔާ މަޖައްލާ އަށް އަޅުގަނޑުގެ އެދުމަކަށް ހައްދަވައިދެއްވި ޅެމެކެވެ.
މަރުހޫމް ސައީދު އަލިފުޅަކީ ކޮންމެ މައުޟޫއަކަށްވެސް ފަސޭހަ ކަމާއެކު އޭނާގެ ޅެންވެރިކަމުގެ ގަލަމުގެ ކުޅަދާނަ ކަން ދައްކުވައިދީފައިވާ މޮޅު ޝާއިރެކެވެ. އޭނާގެ ޅެންވެރިކަމުގެ ފުން ވާދީއަށް ވަދެފިނަމަ ފަސޭހައިން ނުނިކުމެވޭފަދަ އެތައް ބައިވަރު ޅެންތަކަކުން އެވާދީ މުއްސަނދި ކުރައްވާފައިވާ ކުޅަދާނަ ޝާއިރެކެވެ.
މަރުހޫމް ސައީދު އަލިފުޅުގެ ޅެންތަކުގެ ފޭރާން ހެޔޮކަމާއި ފަށުވި އިބާރާތްތަކުން އަމުނަމުން ގަތަމުން ގެންދެވި އެތައް ޅެމެއް މިއަދުވެސް މަރުނުވެ ދިރިދެމި އެބަހުއްޓެވެ. ތަފްސީލަށް ދިއުމަކީ މި މަގާމުގައި މުނާސަބު ކަމަކަށް ނުވާތީ ކުރުކޮށްލީއެވެ.
ދިވެހި ގައުމަށް ދިވެހި ޅެންވެރިކަމުގެ ރޮނގުން ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިވެހި ދައުލަތުން އޭނާއަށް ވަނީ ޅެންވެރިކަމުގެ ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. މަރުހޫމުގެ ފުރާނަ ފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި އެވެ.
ނޮވެމްބަރު 88
ނޮވެމްބަރު 3 ޚާއްސަކޮށްލައިފިޔޭ، ގޮވެން ފެށި ގޮވެލި ބިރުހިތަށް ދީފިޔޭ
ބުރާސްފަތި ވިލޭރޭ ތިނެއް ޖެހިތަނާ ، ގުރާބެއް ތަމަލައައިސް ނަގިލި ލައިފިޔޭ
އަރާ މާލެއަށް ނޭނގި ތިއްބާ ވަގަށް، ”މަރާބާޑި“ ޕްލޮޓުން ފަށައިގެންފިޔޭ
ބަހާ އަތުބޮމާ ބަޑި ރޮކެޓު ތަންތަނަށް، އަނހާ ހާ ހެޑްކުއާޓާޒް ވަށާލައިފިޔޭ
އެއަށްފަހު އޮފީހާ ރައީސް ގަނޑުވަރާ، ގެއަށް ތީމު ހަމަލާ އެކީ ދީފިޔޭ
އަރާ މަރުކަޒަށް ތިބެ ބަޑިން ހަމަލަދީ ، ބަރާބަރު އަމާޒަށް ފަށައިގެންފިޔޭ
ޖަމާއަތުގެ ލީޑަރު ތަމަޅަ ފަތިހުގައި، ސަމާލުވެ ބަޑިންޖެހި މަރާލައިފިޔޭ
ދިވެހި ޚާއިނުން ދިން އިޝާރާތުގައި ، ދިވެހި މާތްވި މިނިވަން ލެޔާ ކުޅެފިޔޭ
ޕްލޯޓުގެ ހިނގާ އޯޑަރާ އެއްގޮތަށް، ޕްލޯޓުންގެ ހަނގުރާމަ ފައްޓައިފިޔޭ
ބުރާސްފަތި ވިލޭރޭގެ އިރު ނާރަނީސް ، ފުރާނައިން ދޮޅަސްހަށި ފޮޅާލައިފިޔޭ
ޝަހީދޭ ކުރީ ދިވެހި ލޮބުވެތި އަޚުން ، ނަހީ ޙައްޤު ކަމުގައި ހަދައިގެންފިޔޭ
ހައެއް ނުޖަހަނީސް އޮޑި ފަހަރުގައި އުޅޭ ، ބައެއް ޕާކުތެރެއަށް ޖަމާކޮށްފިޔޭ
ނުހަނު ގިނަ އިމާރާތް ތަކަށް ބަޑި ޖަހާ ، ނުހަނު ބޮޑެތި ގެއްލުން ތަނަށް ދީފިޔޭ
ގޮވާ ބޮންތަކާ އުކި ރޮކެޓު ޖެހި ބަޑިން ، ގޮވާތޯ ވަރަށް މާލެ އުޅެގެންފިޔޭ
ސިފައިން ދޫނުކޮށް ބަޑިޖަހަން ފެށިފަހުން، ސިފައިންތައް އެޓެރަރިސްޓު ބިރުގެންފިޔޭ
ނުވާނޭކަމަށް ތަން ފަތަހަ ހީވުމުން، ދުވާލުގެ ތެރޭ ދަތުރު ނިންމައިފިޔޭ
ޕްރޮގްރެސް ލައިޓުގައި ހިނގާ އެހިނދުގައި ، ޕްރޮގްރާމު ހަރުކަށި ހަލުވި ކޮށްފިޔޭ
މިނިސްޓަރު ޓްރާންސްޕޯޓު އަދި ވައިފު ވެސް ، ފިނިޝް ކޮށްލި އަނިޔާގެ ދަށުލައިފިޔޭ
ރަހީނުންގެ ގޮތުގައި ހަތާވީސް ދަރިން، ނަހީ އަށް ބިރެއްނެތި ޖަހއިގެންފިޔޭ
ބުރާސްފަތި ދުވަސް ވޭތުވީ އެގޮތުގައި ، ތުރާލާ މުސީބާތް އިތުރުކޮށްފިޔޭ
ރެއަށް ހުކުރު އިރުއޮއްސި ދަންވީ ފަހުން ، ލެއަށްމާ އެހީ އިންޑިޔާ ދީފިޔޭ
ހިފާ އެންމެހާ ތަމަޅަ ބާޣީން އެކަށް، ދިފާއީ ރޮނގުން ބާރު ލުހެލައިފިޔޭ
ސަލާމަތް ވެދާނޭ ކަމަށް ފިކުރުކޮށް، ބަލާފާ ”ޕްރޮގްރެސް“ ދަތުރުކޮށްފިޔޭ
ފިލައިގެން ސިލޯނަށް ނުދެވެނީސް ތެދޭ ، ”ވިލާގަނޑު މުސީބާތުގެ“ ފޯރައިފިޔޭ
ފަހާދުއްވި ހިންދީންގެ ”ގޯދާވަރީ“، އަނހާ ! ތަމަޅަ ބާޣީން ވަށާލައިފިޔޭ
ސަގަރު ނާސިރާ، އާދެ! ލުތުފީ ވަކިން ، އަގަލު ނެތް ދެ ޣައްދާރު ބަނދެލައިފިޔޭ
ރަހީނުން އެކުރި ހައިޖެކުން މިންޖުކޮށް ، ބަޚީލުންގެ ތަހުގީގު ފައްޓައިފިޔޭ
މިބިން ކޮށް ސަލާމަތް އެކީ އެއް ގަނޑަށް ، ތިބިންނަށް މިކަން ދޭހަ ކޮށްދީފިޔޭ
އިލާހިއްޔަ މަތިވެރި އިނާޔަތްފުޅުން ، ފިލައިގެން މުސީބާތް އެކީ ގޮސްފިޔޭ
ހިނގާދިޔަ ބަޣާވާތް ޖިނާއީ ނުބައި ، މި ގާނޫނު ޝަރުޢީ ނިޔާ ކޮށްފިޔޭ
ދިވެހި ގައުމު ދުށް އެންމެ ލޮބުވެތި ރައީސް ، ދިވެހި އެންމެ ހިތްތައް ފަތަހަ ކޮށްފިޔޭ
ރައީސަށް ވެޔޭ ޙައްޤު ޣާޒީގެ ނަން ، ރައީސަށް ވެދުން ސާބަހުން ކޮށްފިޔޭ
އް





