މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ އުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިަަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ”މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ“ މި މައުޟޫއަށެވެ.
ޚުތުބާގައި ބުނީ ޒަމާނުއްސުރެ އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ސުލްހަވެރިކަމާއި އަޚު ވަންތަކަމާއެކު ކަމަށާއި ނަމަވެސް ފަހުގެ ތާރީޚުގައި އަހަރެމެންގެ މުޖުތަމައަށް އިޖުތިމާއީ ގޮތުންނާއި އަޚުލާގީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެ އާ މެދު ކޮންމެ މީހަކުވެސް ފުންކޮށް ވިސްނައި ފިކުރުކުރާން ޖެހިފައިވާ ކަމެއް ކަމަށެވެ.
މުޖުތަމަޢުގައި މިހާރު އާންމުވެފައިވާ ނުރަނގަޅު އާދަތަކުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދުމާއި، އެމީހުންނަށް ނުކިޔަމަންތެރިވުންކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ، މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެއްކަން ހަނދާން ކޮށްދެއްވާފައެވެ. މިކަން މިހެން އޮތް ހިނދު، މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެމީހުން ހިތުގައި ޖައްސުންފަދަ ކަންކަން ކުރުމުގެ ނުބައިކަމުގެ މައްޗަށް ޚުތުބާގައި އަލިއަޅުއްވާލެއްވި އެވެ.
”އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ وصيةކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާ އެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުން ވަނީ، ދެ އަހަރުގައެވެ. (ތިމަންރަސްކަލާނގެ أمرކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكرކުރާށެވެ! އެނބުރި رجوعވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ.“ މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވާކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ބުނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަނޅުދަނޑި އަދި ސުވަރުގެއަށް ވަނުމުގެ ދޮރެއް ކަމަށެވެ.
”މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއް. މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެމީހަކު ސަލާމަތް ކުރައްވާ“ މިއަދުގެ ޚުޠުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ފާހަގަކުރެއްވި އަނެއްކަމަކީ މިޒަމާނުގައި ބައެއް މީހުން ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުމާއި، ޖަދަލުކުރުންފަދަ ދީނުގައި ނަހީކުރައްވާފައިވާ އެތަކެއް ފާފަތަކަށް އަރައިގަންނަކަމެވެ. ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާ އެކީ ގެއަށް އެނބުރި ދާމީހާގެ މާތްކަމުގެ ބޮޑުކަމާމެދު މާތް ނަބިއްޔާ މުޙައްމަދުގެ ފާނު ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
“ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ! އެކަކު އަނެކަކު ދެކެ ރުޅިނާންނާށެވެ! އެކަކު އަނެކަކަށް ފުރަގަސްނުދޭށެވެ! اللهގެ އަޅުންގެ ގޮތުގައި، އަޚުންތަކެއް ކަމުގައި ތިޔަބައިމީހުން ވާށެވެ! އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ! ފަހެ، އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ، އޭނާގެ އަޚާއަށް ނަޞްރުވެރިވެ އަޅާނުލައި ދޫކޮށެއް ވެސް ނުލާނެއެވެ. އޭނާ، އޭނާގެ އަޚާ ނިކަމެއްޗެއް ވެސް ނުކުރާނެއެވެ. އެއް މުސްލިމެއްގެ ލެއާއި (އެބަހީ: ފުރާނައާއި) މުދަލާއި އަބުރު، އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވެއެވެ.” މި ހަދީޘް ބަސްފުޅުގެ މައްޗަށް އަލިއަޅުވައިލައްވާ ޚުތުބާގައި ވަނީ މުސްލިމު އަޚުވަންތަކަމުގެ މުހިންމުކަން ބަޔާންކުރައްވާފައެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ވިޔަފާރީގައި ތެދުވެރިވުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ވިޔަފާރީގައި މަކަރުހެދުމުގެ ނުބައިކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ އެފަދަ ކަންކަމާމެދު ފިކުރުހިންގައި ޢަމަލުތައް ސީދާކޮށް، މުޖުތަމަޢަށް ފައިދާކުރުވަނިވި ރަނގަޅު އާދަތައް އަށަގެންނެވުމަށް ގޮވާލައްވާފައެވެ.





