ގާނޫނު މުގުރާފައި، ގާނޫނާ ޚިލާފަށް ކަންކުރަން، މި ގައުމުގައި އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ރޭ ފެލިދެއޮތޮޅު ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަތީ ގާނޫނު ނެގެހެއްޓެވުމަށް ކަމަށެވެ. އަދި ގާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެކަން އެމަނިކުފާނު ހަނދުމަފުޅު ކޮށްދެއްވިއެވެ.
ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހީން ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ހިފަހައްޓަންޖެހޭ ކަމަށާއި ގައުމުގައި ހަމަޖެހުން ގާއިމުވެގެންދާނީ، ކޮންމެ ރައްޔިތެއްގެވެސް ސިކުނޑި ތަރައްގީކޮށް، އެމީހަކަށް ހައްގު އިހުތިރާމާއި އިއްޒަތް އަނެކާއަށްވެސް ހައްގު ވާނޭކަން ބަލައިގަނެ، އެގޮތަށް އަމަލުތައް ބެހެއްޓުމުން ކަމަށްވެސް ވިދާޅުވި އެވެ.
ބަލާލުމެއް ނެތި، އަނެކާއާ ދޭތެރޭ ދޮގު ވާހަކަދެއްކުމަކީ، މުސްލިމުންނަށް ވީތީވެސް، އަދި އިންސާނުންނަށް ވީތީވެސް، ދުރުހެލިވާންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އާއި ރައްޔިތުންނަށްވެސް، އެއްވެސް ހިފެހެއްޓުމެއް ނެތި އެބައޮތް ކަމަށާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުންވެސް އަންގަނީ، ސާބިތު ނުކުރެވޭ ވާހަކަ ނުދެއްކުމަށް ކަމަށްވާއިރު ސާބިތުނުކުރެވޭ ވާހަކައެއްނަމަ، އެއީ ސާބިތުނުކުރެވޭ ވާހަކައެއްކަން ހާމަކުރުމަށް ރައީސް ވިދާޅުވި އެވެ.
އެ ގާނޫނާ ބެހޭގޮތުން ގޮތް ނިންމުމުގައި ވެސް، މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ބުއްދިން ވިސްނައިގެން ގޮތްނިންމުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.





