މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އަނެއްކާ ވެސް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ވިހި ރުފިޔާއަށް މަސް ކިލޯއެއް ގަންނަ އަގު ހައްދަވާނެކަމަށް ވިދާޅުވެ އެވައުދު ނުފުއްދާ ކަމަށް ބުނެ މަސްވެރިން އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ. ރައީސް ވަނީ އެ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން އެކި ފަހަރު މަތިން ދެއްވައިފައެވެ.
މިހާރު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން, މިއަދު މ. ދިއްގަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ, މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ހަދަން ބޭނުންފުޅުވަނީ މެދުނުކެނޑޭނެ ގޮތަކަށް ކަމަށެވެ. އެކަން ކުރުމަށް ފިޝަރީޒް އިންޑަސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ, މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަގުތުތަކެއް ނެގި ކަމަށާއި އެކަންކަމަށް ވަގުތު ނެގުމަކީ ވައުދު ނުފުއްދުން ނޫން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަސް ކިލޯއެއް 20 ރުފިޔާއަށް ގަތުމުގެ ވައުދު ވެސް ފުއްދަވާނެ ކަމަށް ވިދާޅުވިއެވެ.
މަސްވެރިން މިދިޔަ މެއި މަހު ރައީސްއާ ބައްދަލުކުރައްވައި، މަސް ގަންނަ އަގު 20ރ. އަށް ބަދަލުކޮށްދޭން ވަނީ އެދިފަ އެވެ.
އެ ބައްދަލުވުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދާ އެއްގޮތަށް އެކަން ހަމަޖައްސައިދެއްވާނެ ކަަމަށެވެ. ސަރުކާރުން އެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މަސްވެރިންނަށް އެހެން ޚިދުމަތްތައް ދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު އެސްޓީއޯގެ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު، އޭރު އޮތް އެމްޑީޕީގެ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރީއެވެ.
ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މިފްކޯއިން މަސް ގަންނަ ގޮތަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހެވެ.
މިފްކޯއިން ބުނީ އޭރު މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާ ގޮތަށް، ބާޒާރުގެ އަގަށް ރިއާޔަތް ނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓު ކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށެވެ.





