ބ.އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތްު ނިމި އެތަނުގެ ޚިދުމަތް ދޭން ފެށުމުން ސަރަހައްދުގެ ސިއްހީ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ބ.އަތޮޅުގެ ސިއްހީ ޚިދުމަތް ތަރައގީ ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމެވެ.
”ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ބ.އަތޮޅުގެ ސިއްޙީ ޚިދުމަތަށް މިއޮތް ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަވަން. އެހެންވީމާ އާ ހޮސްޕިޓަލާއެކު އާ ގިނަ ޚިދުމަތްތަކެއް ގާއިމު ކުރެވިގެން ދާނެ.“ ނާޒިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިއިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިންވެސް އެރަށަށް ބޭނުންވާ ޚިދުމަތްތައް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަތޮޅު ފެންވަރުގައި ސަރަހައްދީ ހޮސްޕިޓަލްތައް ފިޔަވާ ފުރަތަމަ މެމޮގްރަފީގެ ޚިދުމަތް ފެށީ ބ.އަތޮޅު ހޮސްޕިޓަލުގައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިޚިދުމަތާއެކު ޚިދުމަތް ހޯދުމަށް މާލެއަށް ދާންޖެހޭޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި މާލޭގައި އޮންނަ ކިޔުއަށްވެސް މިއާއެކު ލުޔެއް އަންނާނެކަމަށް ވިދާޅުވިއެވެ.
އާ އިމާރާތުގައި ޚިދުމަތް ދޭންފެށުމުން މިހާރު ހުރި އިމާރާތް ބޭނުންކުރާނީ ޕަބްލިކް ހެލްތުގެ ދާއިރާ ހަރުދަނާ ކުރުމަށް ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގެން ވަނީ ބ.އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
50 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ދޮޅު އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.






