އެއީ ދަރުމަ އެދިގެން ދަރުމައަށް މަސައްކަތްކުރި ދަރުމަވެރިއެެކެވެ. ދީލަތި ހިތެއް، ދީލަތި އަތެއް، ހިތްހެޔޮ މިތުރެކެވެ. އަމިއްލަ އުނގުން އުފަން ނުކުރިއެއް ކަމަކު، ފަންސާހަށްވުރެ ގިނަ ދަރިން އޭނާގެ އުނގުން ތަރުބިއްޔަތު ލިބިގެން ”ބޮޑެތި މީހުންނަށް“ ހަދައިދިން ”މަންމަ“އެކެވެ. ދައުލަތަށް 16 އަހަރު މެދުނުކެނޑި ހިދުމަތްކޮށްފައިވާ ހިދުމަތްތެރިއެކެވެ. އެހުރިހާ ކުދިންގެ ބަހުންނަމަ ގައުމީ ފެންވަރުގައި ފާހަގަކުރަން ޖެހޭ ހިދުމަތްތެރިއެކެވެ. އެއީ އޭދަފުށީ ފިޔާތޮށިގޭ ފާތުމާ ހަސަނެވެ. މިއަދަކީ ފާތުމާ ނިޔާވިތާ އެއްހަފުތާ ފުރުނު ދުވަހެވެ.
ފާތުމާ ނިޔާވީ ރޭގަނޑެއްގެ އިރާކޮޅު ނިމެމުން ދަނިކޮށެވެ. ފަތިސްނަމާދަށް ފަހު ވަޅުލަން ނިންމާފައިވާތީ އެދަރިންގެ މަންމައަށް ފަހުގެ އިހުތިރާމް އަދާކުރަން އޭދައްޓަށް އާދެވޭގޮތް ނުވިއެވެ. އެންމެ ފަސް ގަޑިއިރުގެ ތެރޭގައި ކަނޑުދަތުރު ކޮށްގެން އައުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންވެ އެދަރިންނާ އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީ ހިތްހެޔޮ ކޮށްލާށޭ ބުނުމުގެ ފުރުސަތުވެސް ނުލިބި އެވެ.
ފާތުމާގެ ފަހުނޭވާ މިދުނިޔެއަށް ދޫކުރިއިރު އެންމެ ގާތުގައި ހުރީ ރާއްޖެއަށް އައި ކޮލެރާ ވަބާގައި ނިޔާވި އޭނާގެ މަރިޔަން ކޮއްކޮގެ އަންހެން ދަރިފުޅެވެ. އޭރު އެދަރިފުޅުގެ އުމުރުން ހަތަރެވެ. އެކަމަކު މިއަދު 47 އަހަރުގެ އެދަރިފުޅާ ވަކިވެގެން ދިޔައިރު ފާތުމާ ވަނީ އޭނާއަށް ފަހި ދިރިއުޅުމަކަށް ބޭނުންވާނެ ހައި ކަމެއް ފުރިހަމަ ކޮށްދީފަ އެވެ. ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދިވެހި ޓީޗަރެއް މެއެވެ.
އުމުރުން ފަސް އަހަރުގައި އޭނާގެ އުނގުން ތަރުބިއްޔަތު ހޯދި އަނެއް އަންހެން ދަރިފުޅު ހުރީ ”ދެވަނަ މަންމަ“ ދުނިޔެއާއި ވަކިވެގެންދާ މަންޒަރު ބެލުމަށް ކުޅަދާނަ ނުވެގެން ތަންކޮޅެއް ދުރުގައެވެ. މާސްޓާސް ފުރިހަމަ ކޮށްފައިވާ 38 އަހަރުގެ މިދަރިފުޅަކީ މިއަދު ބ.އަތޮޅު ކައުންސިލުގެ ޑިރެކްޓަ ޖެނެރަލެވެ.
މި ދެ އަންހެން ދަރިން ފަދައިން އޭނާގެ އުނގުން ތަރުބިއްޔތު ލިބުނު ތައުލީމީ އަތުގެ އިގިލި ކުރިން ގުނާލެވެ ވަރަށްވުރެ މާގިނަ އެވެ. އެކަަމަކު ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ހަބަރާ ނިޔާވި ހަބަރު ލިބުނީ އެކުއެކީގައި ކަމުން އެ ފުރުސަތު އެ ދަރިންނަށް ނުލިބުނީއެވެ. ފާތުމާ ނިޔާވި ހަބަރު ލިބުނު އިރު ބ.އަތޮޅުގައި ތިބި އޭނާގެ ”ދަރިން“ ވަގުތުން އޭދަފުއްޓަށް އައިސް ފަހުގެ އިހުތިރާމް އަދާކުރި އެވެ. ވިސްނާ ބަޔަކަށް ހުރި އިބުރަތެކެވެ.
ދުނިޔޭގެ ސުންނަތެވެ. އެކުއުޅުމާ ވަކިވެ ދިއުމެވެ. އިލާހީ ގާނޫނެވެ. ނަމަވެސް ޅެންވެރިޔާ ވިދާޅުވެފައިވާ ފަދައިން ”ފަސްއަޅާ ފޮރުވައިލިޔަސް ބަލި ޖިސްމަކަށް އެންމެން އަތުން، އަސްލުގައި ކުރި ހިދުމަތާ ޒިކުރާ ވަޅެއް ނުލެވޭނެ “އެވެ.
ފާތުމާގެ ދިރިއުޅުމުން ދައްކައިދިނީ މިހަގީގަތެވެ.
ފާތުމާ އަހަރެމެންނާ ވަކިވެގެން ދިޔައީ ދެމިގެންދާ ސަދަގާތެއްގެ ގޮތުގައި އޭނާގެ ”ދިރިއުޅުމުގެ ފޮތް“ ހަދިޔާ ކޮށްފައެވެ. އެފޮތް ދިރާސާ ކުރާ މީހަކަށް އެނގި ކަށަވަރުވެގެން ދާނީ މުއްސަނދި މުދާވެރިކަމާއި ރީތި ގެދޮރާއި ދަރިންނަކީ އަސްލުގައި ދިރިއުޅުމުގެ ރުކުނެއް ނޫން ކަމެވެ. ދީލަތި އަތަކުން ހިތްހެޔޮކަމާ އެކު ކޮށްލެވޭ އެންމެ މުއާމަލާތަކީވެސް މިހުރިހާ އެއްޗަކާ ނުބައްދަލު އުފާވެރިކަމަކާއި ހިތްހަމަޖެހުން ހޯދައިދޭ ކަމެވެ. އުފަލަކީ އެއީ ނޫން ހެއްޔެވެ؟
ސާފުކޮށް ފެންނަން އޮތް އަނެއް މިސާލަކީ ވަކި ފަރުދަކަށް ބަލާނަމަ ފަންސާހަށްވުރެ ގިނަ ކުދިންނަށް ކިޔަވައިދީ އެކުދިން ތަރުބިއްޔަތު ކުރުމުގެ ދިގު ތާރީހެއް އޮތް އޭދަފުށީ މީހަކީ ހަމައެކަނި ފާތުމާކަމެވެ. ބ.އަތޮޅާއި ރ.އަތޮޅުން އަދި އެއަށްވުރެ ދުރު އަތޮޅުތަކުގެ ކުދިން އޭނާގެ ބެލުމުގެ ދަށަށް އަންނަނީ އޭދަފުށިން ތައުލީމު ހޯދާށެވެ. އެކަމަކު އުމުރުން ހަތް އަހަރު ނުވަތަ އަށް އަހަރުގެ ދަރިފުޅު މާދުރު ރަށެއްގައި އިން އަންހެނަކާ ހަވާލުކުރާނީ ކިހާ ވަރުގަދަ އިތުބާރެއް އޮވެގެން ހެއްޔެވެ؟
އަލްމަރުހޫމް ކެންދޫ ކަލޭފާނުގެ ދެ ފިރިހެން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު އަބްދުލް ޖަލީލު އޭދަފުއްޓަށް ގެނަސް، ޖަލީލުގެ ބަހުންނަމަ އޭނާގެ ދެވަނަ މަންމަ އާއި ހަވާލުކުރީ އުމުރުން 8 އަހަރުގައެވެ. އެއީ މައިންބަފައިންގެ ލޯބި އެންމެ ބޮޑަށް ބޭނުންވާނެ އުމުރެވެ. ތަރުބިއްޔަތުގެ ބިންގާ އަޅަން ޖެހޭ އުމުރުވެސް މެއެވެ. ނަމަވެސް މިއުމުރުގައި އޭނާއަށް މައިންބަފައިންގެ ގާތުގައި އަމިއްލަ ރަށުގައި ހުރުމުގެ ބަދަލުގައި ހުންނަން ޖެހުނީ އޭދަފުށީގަ އެވެ.
“އަހަރެން އޭދަފުއްޓަށް ގެނެސް ފާތުމަ ދައިތައާއި ހަވާލުކުރީ އުމުރުން އެންމެ 8 އަހަރުގަ. އެއީ 1964 ވަނަ އަހަރު. އޭރުވެސް އެހެން ކުދިން ގެންގުޅޭ.” ގައުމީ ޚިދުމަތުގައި 40 އަހަރު ހޭދަކުރައްވައި، ފަހު ވަޒީފާއެއްގެ ގޮތުން ކެންދޫ ހެލްތު ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވުމަށްފަހު ރިޓަޔާ ވެފައިވާ ޖަލީލު ބުނުއްވިއެވެ.
ބައްޕަ، ކެންދޫ ކަލޭފާނަކީ ގަދަރުވެރި ސާދާގަރެކެވެ. އަތޮޅު ކޮމިޓީގެވެސް މެންބަރެކެވެ. ކަލޭފާނު ބޭނުން ނަމަ ޖަލީލު މާލެއަށް ފޮނުވައިގެން ތައުލީމު ދެވިދާނެއެވެ. މާލޭގައި އާއިލާގެ މެންބަރުން ދިރިއުޅެއެވެ. އެކަމަކު އާއިލާއަށް ވުރެ ބޮޑަށް ފާތުމާއަށް އިސްކަން ދިނީ ކީއްވެގެން ބާއެވެ؟
ޖަލީލު ބުނުއްވީ އެއީ އޭނާގެ ތައުލީމާ ތަރުބިއްޔަތަށް ވިސްނާފައިކަމަށެވެ. ބައްޕަގެ އުއްމީދަކީ އެއީ ކަމަށްވާނަމަ އެކަން ކިތަންމެ ރަނގަޅަކަށްވެސް ފާތުމަ ދައިތަ ކޮށްދިނެވެ. އޭދަފުށީ ބަހިއްޔާ އިން ތައުލީމު ހޯދަމުން ދިޔައިރު ފާތުމަ ދައިތަމެންގެ ދެމަފިރިން އަދާކޮށްދިން މައިންބަފައިންގެ ދައުރާއި ބުރަ މަސައްކަތުގެ އަގު އަދާ ނުކުރެވޭނެ ކަމަށް ޖަލީލު ތަކުރާރު ކުރައްވަމުން ގެންދިޔައެވެ.
”އެ ނަމޫނާ ފުރަތަމަ ދައްކަނީ ފާތުމަ ދައިތަ. ކޮންމެ ކަމެއްވެސް އެކަމުގެ ވަގުތުގައި އަދާކުރުމާއި ހާއްސަކޮށް ނަމާދަށް ބަންގި ގޮވުމުން ހުރިހާ ކަމެއް ހުއްޓާލާފައި ނަމާދަށް ދާން ޖެހޭނެ. ބަސްމަގު ގެންގުޅެންޖެހޭ ގޮތާއި މީހުންގެ ތެރޭގައި އުޅޭއިރު ގެންގުޅެންޖެހޭ އަދަބުތައް ހަމައެކަނި ކިޔައިދެނީއެއް ނޫން. އެކަން އޭނާގެ އަމަލުން ދައްކައިދިން.” ދައިތައަށް ތާރީފު ކުރަމުން ޖަލީލު ކިޔައިދެއްވިއެވެ.
ޖަލީލުގެ ވާހަކަ ނިންމާލީ ފާތުމާގެ ޚިދުމަތަކީ ގައުމީ ފެންވަރުގައި ފާހަގަކުރަން ޖެހޭނެ ޚިދުމަތް ތެރިއެއް ކަމުގައި ބުނުއްވަމުންނެވެ.
މި ކަހަލަ ކިތަންމެ ”ޖަލީލެއް“ ފާތުމާ އުފެއްދިއެވެ. އޭދަފުށީ ބަހިއްޔާއިން ފެށިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުން އޯލެވެލް އާއި އޭލެވެލް ނިންމައިގެން ރަނގަޅު ވަޒީފާތަކުގައި މިއަދު އެތައް ބަޔަކު އެބަތިއްބެވެ. ސަރުކާރުގެ އެންމެ މަތީ މަގާމުތަކުގައާއި ޕީއެޗްޑީކަމާ ހަމައަށް ކިޔަވައިގެން ތިއްބެވި ބޭފުޅުން މެއެވެ.
“އަހަރެންގެ ހަޔާތުގައި ފެނުނު އެންމެ ރަނގަޅު އިންސާނާ އެއީ. ކިތައް ކުދިންތޯ އޭނާގެ ބެލެނިވެރިކަމުގައި ތިބެގެން މަތީ ތައުލީމު ނިންމާފައިވަނީ؟ އޭގެ ތެރެއިން އެކަކީ އަހަރެން. ދުވަހަކުވެސް އެހަނދާން ތަކަކާ ދުރަށް ނުދެވޭނެ.” ފާތުމާ ނިޔާވުމާ ގުޅިގެން އޭދަފުށީ ވޮއިސްގައި ޝާއިއު ކޮށްފައިވާ ޚަބަރަކަށް މައުރޫފް މުހައްމަދު އިނގިރޭސިބަހުން ކޮށްފައިވާ ކޮމެންޓެއްގައި ލިޔެފައިވެ އެވެ.
ފާތުމާއަކީ ދަރިން ނުލިބޭ މައެއް ނޫނެވެ. ކައިވެނީގެ އާރޯ އަހަރުތަކުގައި ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅުގެ އުމުރުން 17 އަހަރުގައި ދުނިޔެ ދޫކޮށް ދިޔައީ މައިމީހާގެ ލޮލަށް ނުފެންނަ ހިސާބު ދުރު ރަށެއްގައި ހަމަ ކުއްލިއަކަށެވެ. ޒުވާން ދަރިފުޅުގެ ވަކިވެ ދިއުމުން ޑިޕްރެޝަނަށް ދިޔައެވެ. އެތައް ދުވަހަކު އެކަމުގެ އުނދަގޫ އުފުލިއެވެ. އެކަމަކު އެއީވެސް އޭނާއަށް ﷲ މެދުވެރި ކުރެއްވި އިމްތިހާނެއްކަމަށް ބަލައިގެން އިސްކުރީ ކެތްތެރި ކަމެވެ. ކުރިއަށްވުރެ ބޮޑަށް އަޅުކަމާ ދޯޅުވިއެވެ.
އެ ހައްސާސް ވަގުތު، ފާތުމާގެ ހަނދާނަށް މިޖީލުގެ އުސްތާޒު އަލްމަރުހޫމް މުހައްމަދު ޖަމީލު ލިއުއްވާފައިވާ ”ހައްތާވެސް ދަރިންނެވެ.” އައިކަހަލައެވެ. އާއެކެވެ. އެގޭގައި އޭނާގެ ބެލެނިވެރިކަމުގައި އޭދަފުއްޓަށް ތައުލީމު ހޯދަން އައިސްތިބި ކުދިންނަށް މައިވަންތަކަމުގެ ލޯބިދީގެން ނަފްސަށް އަރާމު ހޯދިއެވެ. ޖަމީލް ވިދާޅުވެފައިވާ ފަދައިން ހައްތާވެސް ދަރިންނެވެ.
ފާތުމާގެ އުމުރުގެ 64 އަހަރު ހޭދަކޮށްފައިވަނީ މި މަސައްކަތުގައެވެ. އޭނާގެ ބެލެނިވެރިކަމުގައި ތިބި ކޮންމެ ކުއްޖަކީވެސް ދަރިއެކެވެ. އެދަރިންނަށް މިތިބެވެނީ ހިލޭ ބައެއްގެ ގާތުގައިކަން އިހުސާސްނުވާ ވަރަށް ލޯބި ދިނެވެ. އެކަމުގެ ހެއްކަކީ އެދަރިން ބޮޑެތިވެ ދަރިން ލިބުމުން އެ ދަރިން ޅައުމުރުގައި ގެނެސް ފާތުމާއާއި ހަވާލު ކުރުމެވެ. ދަރިން ދެކެލޯބި ނުވާތީއެއް ނޫނެވެ. ލޯބިވާތީއެވެ. މައިންބަފައިންނަށް ވުރެ ދަރިފުޅު މޮޅުކުރުމުގެ ބޭނުމުގައެވެ.
ފާތުމާގެ ދިރިއުޅުން އެހެން އެންގަލަކުން ބަލާނަމަ، ފާހަގަވެގެން ދަނީ އަމިއްލަ މަސައްކަތް ކޮށްގެން ލިބޭ ފައިސާއިން ފުރާގު ފުރިހަމަ ކުރި އަންހެނެއްގެ ގޮތުގައެވެ. އޭނާގެ އަތުގެ ހަރަކާތުން ބަރަކާތް ލިބިގަނެގެން ކުރަމުން އައި އެންމެ ދޮށީ މަސައްކަތަކީ ފަންގި ވިނުމެވެ. ފަހު ވަގުތާ ހަމައަށް އެ މަސައްކަތުގައި ދެމި އިނެވެ. ނިޔާވިއިރު އޭނާ ވިންނަން ފަށާފައި އޮތް ފަންގަނޑު އޮތީ ނުނިމިއޮތީ މަރު އެދެމަދަށް ހުރަސް އެޅުމުންނެވެ. އެފަންގަނޑު އޭގެ ޒާތުގައި މިއަދުވެސް ކަރުނަ އަޅަނީއެވެ.
ފަންގިވިނުމަކީ މިހާރު އެމަސައްކަތްކުރާ މީހުންނަށް ފަސޭހަ ރީތި މަސައްކަތަކަށް ވިޔަސް އިއްޔެއާއި އިހަށް ދުވަހަށް ބަލާނަމަ އެއީ ބުރަ މަސައްކަތެކެވެ. ރޯ ބޮނބި ހޯދައިގެން ރާޅު އަރާ ނާރާ ހިސާބުގައި އެ ބޮބިތައް ވަޅުލައި ފާކޮށް ބޮބި ތަޅައިގެން ދެންޖެހެނީ ރޯނު ވަށާށެވެ. އެމަރުހަލާއާއި ހަމައިން ނޫނީ ފަންގި ވިންނާކަށް ނުފެށެއެވެ. ފާތުމާގެ ޒުވާން އުމުރު ފަންގި ވިނދެފައިވަނީ މި މައުހަލާތަކަށް ފަހު އެވެ.
ކާށިތެޔޮ އުފެއްދުމާއި އޭދަފުށީގައި ވަޒީފާއަދާކުރާ ރަށުން ބޭރު މީހުންނަށް ކާން ދިނުން ފަދަ ކިތަންމެ ކަމެއް އޭނާގެ ހިދުމަތުގެ ތާރީހުން ފެންނަން އެބައޮތެވެ.
މިހުރިހާ މަސައްކަތެއް ކުރަމުން އޭނާ ވަނީ ދިވެހި ދައުލަތަށް މެދުނުކެނޑި 16 އަހަރު ޚިދުމަތްކުރުމުގެ ރިކޯޑެއްވެސް ގާއިމު ކޮށްފައެވެ. އެއީ ބ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
ފާތުމާއަކީ ބ.އަތޮޅުގެ ފަސްދޭތެރެ ފުނަދުއަށް އުފަން ކަނބަލެކެވެ. އޭދަފުއްޓަށް ހިޖުރަކުރީ އޭދަފުށީ ކުޑައަލިބޭގެ ދަރިއަކާ އިނދެގެން އެ އާއިލާގެ އެންމެ ރީތި އެންމެ ޒުވާން ފަހަރީގެ ގޮތުގައެވެ. ދެމަފިރިން ދިރިއުޅުނީ އޭދަފުއްޓަށް އަންނަ ބީރައްޓެހިންނަށް ހާއްސަކޮށްފައި ހުންނަ މެހެމާން ސަރާ ނުވަތަ ފިޔާތޮށިގޭގަ އެވެ.
އެ ގެއަކީ ރަށުން ބޭރު އަންނަ މެހެމާނުން ފެންވަރައި ނިދާ ކައިބޮއިި ހެދުމަށް ހާއްސަ ކޮށްފައިވާ ގެއެކެވެ. ފާތުމާމެން ދެމަފިރިން އެގެއަށް ބަދަލުވި ނަމަވެސް މެހެމާނުން އައިސް ގޮސްވުމުގެ ސިލްސިލާއަކަށް ނިމުމެއް ނާދެއެވެ. އެކަމަކު ފަރުދޭސިންނަށް ކެއިން ބުއިިމާއި ނިދުމުގެ އިންތިޒާމު ހަމަޖައްސައިދިނީ ނިކަން ކުރާހިތުން އޯގާތެރި ކަމާއެކުގައެވެ.
”އޭދަފުއްޓަކީ އަތޮޅަށް ހުޅުވާލާއިގެން އޭރުވެސް ދޭތެރެއަކުން ފުޓުބޯޅަ މުބާރާތެއް ނޫނީ ބަށި މުބާރާތް ފަދަ އެތައް މުބާރާތްތަކެއް ބާއްވަމުން އަންނަ ރަށެއް. މި މުބާރާތްތަކުގައި ބައިވެރިވުމަށް އަތޮޅުގެ ރަށްރަށުން އަންނަ ޓީމްތައް ފޭލިގެ ޖަހާނީ ފިޔާތޮށިގޭގައި. ފާތުމަދައިތަ ހުންނާނީ ހިނިއައިސް އެމީހުންނަށް ކައްކައި ކާންބޯން ދީ އެއްޗެތި ދޮވުމުގެ ޚިދުމަތުގައި.” އެމަންޒަރު އެންމެ އެގާތުން ދުށް ކެންދޫ ޖަލީލު ބުނުއްވި އެވެ.
ޖަލީލު ބުނުއްވި ގޮތުގައި އެގެއަށް ރަށުން ބޭރުން ކޮންމެވެސް ބަޔަކު ނައިސް ދާނީ މަދު ދުވަހެއްގައި ކަމަށެެވެ. ނަމަވެސް މާބޮޑު ތަނަވަސްކަމެއް ނެތް ފާތުމަ ދައިތަ އަތުގައި އޮތް އެއްޗެއް އޭނާ ނުކައިވެސް ބަލާނީ އެމީހާއަށް ނުވަތަ އެބަޔަކަށް ދެވޭތޯ އެވެ.
ފާތުމާއަކީ އޭނާގެ އަމިއްލަ އާއިލާއަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާއެކެވެ. ހަގީގަތުގައި އެއީ އެއއިލާގެ ފުރާނަ އެވެ. ބޮޑު ދައިތަ ކިޔާ ކުދިންނަށް ކިޔަވައިދިނުމާއި އާއިލާއަށް އެހީތެރިވުމުގައި އޭނާ ފަދަ ދެވަނަ އަންހެނަކު މި އުޑުދަށުގައި ހުންނާނެ ކަމަށް އެކުދިން ގަބޫލެއް ނުކުރެއެވެ.
ފިރިމީހާގެ އާއިލާއަށް އެހީތެރިވުމުގައިވެސް އެއީ އާއިލާގެ އެންމެ ރަނގަޅު އެންމެ ހިތްހެޔޮ ފަހަރިއެވެ. ފާތުމާ ނިޔާވި ހަބަރާއެކު އާއިލާގެ ވައިބާ ގްރޫޕްގައި ”މިހާރު“ ނޫހުގެ އެޑިޓަރު އިސްމާއީލް ނަސީރު އޭނާގެ ފަހަރީ ސިފަކޮށްދިފައިވަނީ މި ގޮތަށެެވެ.
”ވަރަށް ހިތްހެޔޮ، ރަނގަޅު، ހެޔޮލަފާ ނަމޫނާ އަންހެނެއް. މިކަހަލަ މީހުން ވަރަށް މަދުވާނެ. މަރުހޫމާއަށް ހެޔޮޖަޒާ ދެއްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި. އާމީން“
އަހަންނާއި ފާތުމާ
ފާތުމާއަކީ އަހަރެންގެ ބޮޑުބޭބެގެ އަންހެނުންނެވެ. ފަހަރިއެވެ. މުހާތަބުކުރަނީ ދައިތަގެ ނަމުންނެވެ. އަހަރެންގެ ދިރިއުޅުން ފިޔާތޮށިގެއަށް ބަދަލުވީ ފުރަތަމަ ދަރިފުޅު ލިބުނުތާ އެއްއަހަރު ވީތަނާއެވެ. ނާފިޒު ނިޔާވުމުގެ ހިތާމައިގާ އެދެމަފިރިން ޑިޕްރެޝަން ގައި ތިބި ދުވަސްވަރާ ދިމާވުމީ އިއްތިފާގެވެ. އަހަރެމެން އެގެއަށް ބަދަލުވުމުން އެމީހުންނަށް އަލަށް ދަރިއަކު ލިބުނު ކަހަލަ އެވެ. ދެވަނަ ދަރިފުޅާ ތިންވަނަ ދަރިފުޅުވެސް ލިބުނީ އެގޭގައި އުޅެމުންނެވެ. އެހިސާބުން ދައިތަގެ ދިރިއުޅުން ހަމައަކަށް އެޅުނެވެ. އަހަރެންގެ ތިން ދަރިން ބެލެހެއްޓުމުގެ ބުރަ އަމިއްލައަށް އުފުލައިގެން ހިތާމަތައް ލުއި ކުރިއެވެ. އަބަދު ގަނޑުވެ އެކަނިވެފައި އިނުމުގެ ބަދަލުގައި އަހަރެމެންނާ އެކު ހީނ ސަމާސާކޮށް މީހުންގެ ތެރެއަށް ނުކުމެއުޅެން ފެށިއެވެ.
އަހަރެންގެ ދިރިއުޅުން ދެން ބަދަލުވީ މާލެ އަށެވެ. ތިން ދަރިންނާއެކު މާލެ ބަދަލުވުމުން ދައިތަ އަނެއްކާވެސް ޑިޕްރެޝަނަށް ދިޔައެވެ. އެކަން އެނގުނީ ބޮޑުބޭބެގެ ސިޓީއަކުންނެވެ. ލިޔެފައިއޮތެވެ. “އަނެއްކާވެސް ދައިތަ ބަލިވެއްޖެ އެވެ. ހީވަނީ ތިން ކުދިން ނެތުމުން ވީ ގޮތެއް ހެންނެވެ.”
ވިސްނާލެވުނީ ދެނެވެ. ތިން ދަރިން ގޮވައިގެން މިއާދެވުނީ ވަގުތުގެ ކުރިންނެވެ.
ދެން މާލެއަށް އައީ އަހަރެންގެ ބައްޕަ އެވެ. ބުނުއްވިއެވެ. ”އެއްވަރުގެ ކުޑަކުޑަ ތިން ކުދިން ގޮވައިގެން އެންމެ ކޮޓަރިއެއްގައި އުޅުން ވަރަށް ދަތިވާނެ. ހާއްސަކޮށް ކުދިންގެ މަންމައަށް. އެހެންވީމާ އަންހެން ދަރިފުޅު ބަލާ މިއައީ. އޭނާ ހުންނާނީ ދައިތަ ގާތު. އެ ކޮށްދެވުނީ ވަރަށް ބޮޑު ހެޔޮ ކަމެއް. ދަރިއެއްގެ ގޮތަށް ގެންގުޅޭނެ ކަމުގެ ޔަގީން ކަން އެބައޮތް.އަހަރެންވެސް ހުންނާނަން. ކިޔަވާ އުމުރަށް އެޅުމުން އެދަރިފުޅު އަނބުރާ ގެންނާނީ.“
ބައްޕަގެ ނިންމުމަށް ދެކޮޅު ހަދާނެ ހިތްވަރު އަހަރެމެން ދެމަފިރިންނަކަށް ނުލިބުނެވެ. ބައްޕަ، މާލެއިން އައީ އަންހެން ދަރިފުޅު ގޮވައިގެންނެވެ.
ވިސްނުން ހުއްޓެވެ. ފާތުމާގެ ދިރިއުޅުމުގައި އޭނާއާއި އެންމަ ގާތުގައި އެހީތެރިވާން ފިރިމީހާ ހުއްޓެވެ. އެހެން ނަމަވެސް ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެ ވާހަކައިގެ ހަގީގަތް ބަދަލު ކޮށްލާފައެވެ. އޭގެ އަނެއް ކޮޅަށެވެ. ފާތުމާގެ ދިރިއުޅުމަށް ބަލާއިރު ބުނެވޭނީ ކާމިޔާބު ކޮންމެ އަންހެނެއްގެ ފަހަތުގައި ފިރިހެނަކު ހުންނާނެ ވާހަކައެވެ. މިއީ ވަރަށް ވާހަކަ އެވެ.
އުމުރުން 80 އަހަރުގައި ފާތުމާ ދުނިޔޭގައި އުޅެ ނިންމާލީ ދުނިޔެއިން ލިބެންވާ ބައި ހޯދަން މަސައްކަތް ކުރުމާއެކު އާޚިރަތް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ރޭގަނޑު މަދު ވަގުތު ކޮޅެއްގައި ނިދާފައި އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަމުންނެވެ. ހައްޖުގެ އަޅުކަމާއި އުމުރާގެ މަތިވެރިކަން ކިތަންމެ ފަހަރަކު އަދާ ކޮށްފައި ވެއެވެ.
މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން