ބ. ހިތާދޫ ރައްޔިތުން އިގުތިސާދީ އެކިއެކި ބޭނުންތަކަށް ކުރިން ބޭނުން ކުރަމުން އައި މާމަޑުއްވަރީ އަލުން ހިތާދޫ ރައްޔިތުންނަށް ދެއްވުމަށް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މާމަޑުއްވަރީއަކީ މިހާރު ކޯސްޓް ލައިން އިންވެސްޓްމަންޓް ކުންފުންޏަށް ރިސޯޓެއް ތަރައްގީކުރަން ދޫކޮށްފައިވާ ރަށެކެވެ.
ހިތާދޫގެ ރައްޔިތުން އެ ރަށުގެ ބޭނުން ހިފަމުން ދަނިކޮށް، 2019 ވަނަ އަހަރު އެ ފަޅުރަށް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. އެކަމާ ގުޅިގެން އޭރު ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ވެސް ފާޅުކުރިއެވެ.
ރައީސް މުއިއްޒު ބ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، މާމަޑުއްވަރީއަކީ ތާރީޚީ ގޮތުން ބަލާއިރު ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް ރަށެއް ކަމަށެވެ. ނަމަވެސް، މިހާރު އެ ރަށް ޓޫރިޒަމް އެއްބަސްވުމެއްގެ ދަށުން ބަޔަކާ ހަވާލުކޮށްފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، އެހެންނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ނުހިނގާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ތާރިގު ވިދާޅުވި ކަމަށެވެ.
އެހެންކަމުން އެ މަނިކުފާނުގެ ނިންމެވުމަކީ އެ އެއްބަސްވުން ނިމުމަކަށް ގެނެސް، ހިތާދޫ ރައްޔިތުންނާ މާމަޑުއްވަރީ އަލުން ހަވާލުކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށާއި އެ މަނިކުފާނު ރައްޔިތުންނާ ބައްދަލުކުރަނީ ރައްޔިތުންނާ ގާތުން ކަންކަން އަޑުއެއްސެވުމުގެ މަގުސަދުގައެވެ.
މާމަޑުއްވަރީއަކީ މީގެ ކުރިން އެ ރަށުގެ ރައްޔިތުން އިގުތިސާދީ އެތައް މަންފާއެއް ހޯދި ރަށެކެވެ. އެގޮތުން، ފަން ހޮވުމަށާއި، ދަރު ހޮވުމުގެ އިތުރުން ދަނޑުބިންތައް ވެސް ބައެއް މީހުން އެ ރަށުގައި ހެއްދިއެވެ. އެހެންވެ، އަލުން އެ ރަށް، ހިތާދޫގެ ރައްޔިތުންނަށް މަންފާ ލިބޭގޮތަށް ލިބުމަކީ ރަށުގެ ރައްޔިތުންނަށް ނުހަނު ފައިދާހުރި ކަމަކަށް ވާނެއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މާމަޑުއްވަރި އަކީ ތާރީޚީ ގޮތުން ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިގްތިސާދީގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެކެވެ. ނަމަވެސް މިހާރު އެރަށަކީ ޓޫރިޒަމް އެގްރިމަންޓެއްގެ ދަށުން ބަޔަކާ ހަވާލުކުރެވި ގިނަ ދުވަސްވެފައިވާ ރަށެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ހިނގަމުން ނުދާތީ، ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެގްރިމަންޓްގެ ކަންކަން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ޙަވާލުކުރެއްވުމަށް ވަނީ ނިންމާފައި،“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ ހިތާދޫގައި ދެ މުހިންމު މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އެއީ ރަށު ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއާއި ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމެވެ.
ހިތާދޫގެ ތަރައްގީއަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުތަކުގެ ތެރެއިން ހަތަރު ވައުދެއްގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ. މީގެ ތެރޭގައި ހެލްތު ސެންޓަރު ތަރައްގީކުރުމާއި، ފުލް ސައިޒް ފުޓުބޯޅަ ދަނޑެއް ހެދުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.







