ސަރުކާރު ސްކޫލުތަކުގައި ދަރިވަރުން ޔުނީފޯމް އެޅުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަލަށް އެކުލަވައިލި އުސޫލުގައި، ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހަދައިފިއެވެ.
ރާއްޖޭގެ ސެކަންޑަރީ ސްކޫލުތަކުގައި ދަރިވަރުން ތުނބުޅި ބަހައްޓަން ހުއްދަ ނެތް ނަމަވެސް ހަޔާ ސެކަންޑަރީ ސްކޫލްތަކުގައި ދަރިވަރުންނަށް ތުނބުޅި ބަހައްޓަން ފުރުސަތުދެ އެވެ.
އާ އުސޫލުގައި ވަނީ ކީ ސްޓޭޖް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންނަށް ތުނބުޅި މަތިމަސް ބެހެއްޓޭ ގޮތަށް ބަދަލު ގެނެސްފައެވެ. އެއީ، ގްރޭޑް ނުވައަކުން ފެށިގެން 12 ވަނަ ގްރޭޑާ ހަމައަށެވެ. މީގެ ކުރިން އެ ދަރިވަރުންނަށް ތުނބުޅި މަތިމަސް ބެހެއްޓުމުގެ ފުރުސަތެއް ނުދެއެވެ.
އެކަމަކު، އެ ދަރިވަރުންގެ ތުނބުޅިއާއި މަތިމަސް ހުންނަންވާނީ އެއްވަރަށް ރީތިކޮށް ކޮށާފައި ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އާ އުސޫލުގައި ވަނީ ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ޔުނީފޯމާ އެކު ސްކާޓް ލާނަމަ، ހަރުވާޅުލާން މަޖުބޫރުކޮށްފައެވެ. ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭނެއެވެ. އަދި، އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓުމުގެ އިޙުތިޔާރު ދީފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަނީ އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުން ކަމަށް ބުނެފައެވެ. އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގު ވެސް ހެޔޮވެ ފަސޭހައިން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.








