ޚިޔާލު ފާޅުކުރުމާއި ނަފްރަތު އުފައްދާ ވާހަކަތަކުގެ ތަފާތު ދަރިވަރުންނަށް އޮޅުން ފިލުވައިދިނުން މުހިންމު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ތައުލީމާއި ބެހޭ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން މީސް މީޑިއާގައި އާންމުކުރި ޚާއްސަ މެސެޖެއްގައި އެޗްއާރްސީއެމުން ބުނީ ތައުލީމުގެ ހައްގަކީ އާންމު ހައްގެއް ކަމަށާއި، ސުލްހައާއި ތަރައްގީ ކުރިއެރުވުމުގައި ތައުލީމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ.
އެޗްއާރްސީއެމްއިން ބުނީ ނަފްރަތު އުފެދޭ ވާހަކަތަކުގެ އަސްލު ސަބަބުތައް އަންގައިދީ، އެކަމުގެ ނޭދެވޭ ނަތީޖާތައް ހުރިހާ އުމުރެއްގެ ދަރިވަރުންނަށް އަންގައިދިނުމަށް ތައުލީމުން ގިނަ ފުރުސަތުތަކެއް ލިބިގެންދާ ކަމަށެވެ. މިކަން ކުރެވޭނީ ނަފްރަތު އުފެދޭ ވާހަކަތައް ދެނެގަނެ އެކަމަށް ރައްދުދިނުމަށް ބޭނުންވާ ހުނަރުތައް ދަރިވަރުންނަށް ފޯރުކޮށްދީގެން ކަމަށް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.
“ސިންދަފާތުކަމަށް އިހްތިރާމްކުރުން ފަދަ އިންސާނީ ހައްގުތަކުގެ ރިވެތި އަދަބުތަކަށް އިހްތިރާމްކޮށް އެކަން ދަމަހައްޓަން ދަސްކޮށްދިނުމުގެ އިތުރުން ޚިޔާލުފާޅުކުރުމާއި ނަފްރަތު އާލާވާ ޒާތުގެ ވާހަކަތަކުގެ ތަފާތު އޮޅުންފިލުވައިދިނުން މުހިންމު.” އެޗްއާރްސީއެމުން ބުނެފައި ވެއެވެ.