ކައުންސިލްތަކުގެ އިންވެސްޓްމަންޓް، މިލިޔަނަކަށް ވުރެ ބޮޑުކުރަން ކަނޑައަޅަނީ

b_Meppv2VIgv8U0tQXsmDymFQcl.jpeg

”ލޯކަލް އޮތޯރިޓީ ކުންފުނި“ އުފައްދައިގެން ރަށްރަށުގެ ލޯކަލް ކައުންސިލްތަކުން ހިންގާ ވިޔަފާރިތަކުގެ ޝަރުތުތައް ވަރުގަދަކޮށް، އިންވެސްޓްމަންޓްގެ އަދަދު މިލިޔަނަށްވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކަނޑައަޅަން ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ބިލް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅަން ފޮނުވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިންއެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލްގައި ބުނެފައި ވަނީ ކައުންސިލްތަކުން އުފައްދާ ”ލޯކަލް އޮތޯރިޓީ ކުންފުނި” ތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުން ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގުތިސޯދީ ހަރަކާތްތައް ހިންގުމުގެ އިހުތިޔާރު ކައުންސިލްތަކަށް ލިބިގެންވާ ކަމަށެވެ. އަދި (ށ)ގައި ބުނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކައުންސިލްތަކުން ވިޔަފާރިކުރުމަށްޓަކައި މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ”ލޯކަލް އޮތޯރިޓީ ކުންފުނި” އުފައްދައި ހިންގިދާނެ ކަމަށެވެ.

ނަމަވެސް ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ފޮނުވި ބިލުގައި 70 ވަނަ މާއްދާއަށް ދެ އަކުރު އިތުރު ކުރަން ހުށަހަޅާފައިވާއިރު “ލޯކަލް އޮތޯރިޓީ ކުންފުނި” ތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ މަސައްކަތްތަކެއް ކަމަށްވާންވާނެ ކަމަށް ވަނީ ހިމަނައިފައެވެ.

އެއީ އެމަސައްކަތްތަކަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގުތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކަމުގައި ނުވުމާއި، އެމަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމުގައިވުމާއި އަދި މަސައްކަތުގެ އިންވެސްޓްމަންޓްގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވުމެވެ.

މި ޝަރުތުތައް ހަމަނުވާ ވިޔަފާރި ހަރަކާތްތައް، ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ގާނޫނަށް ގެނަސް، ރައީސް ބިލް ތަސްދީގު ކޮށް އަމަލު ކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްްޓާލަން ޖެހޭނެ ކަމަށްވެސް ބިލްގައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top