އޭދަފުށީގެ ފަޅުން 26 ހެކްޓަރުގެ ބިން ހިއްކުމަށްފަހު އެސަރަހައްދާއެކު ގޮޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ރަށްވަށައިގެން ބޮޑުހިލަ ޖެހުމަށް ހިންގި މަޝްރޫއު ފުރިހަމަކޮށް ނިންމާލައިފި ކަމަށް އޭދަފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކައުންސިލް މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ މި ޕްރޮޖެކްޓް އެއްކޮށްނިންލާފައި ވާއިރު އޭދަފުށީގެ ވަށައިގެން 2000 މީޓަރަށް ވުރެެ ބޮޑު ސަރަހައްދެއްގައި މިހާރު އެވަނީ ބޮޑުހިލަޖަހާފައި ކަމުގައެވެ. އޭނާ ވިދާޅުވީ ހުޅަނގުއުތުރު ކޮޅުގައި ބޮޑުހިލަ ނުޖަހާ އޮތް ތަންކޮޅަކީ މި މަަޝްރޫއުގައި ހިމަނާފައިވާ ބައެއް ނޫންކަމާއި އެސަރަހައްދު އެއީ އެހްނަކަމަކަށް ޚާއްސަކޮށްފައިވާ ތަނެއް ކަމުގައެވެ. އެމަސައްކަތްވެސް ލަހެއްނުވެ ފެށޭނެކަމަށް އުންމީދު ކުރައްވާކަމުގައި އޭނާ ވިދާޅުވިއެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް ކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނޭ 857 މީޓަރގެ މަސައްކަތް ކޮށްފައިވަނީ ހެވީ ފޯސް ކުންފުނިންނެވެ. އަދި ދެވަނަ ފިޔަވަހީގައި ހިމެނޭ 1300 މީޓަރގެ ސަރަހައްދުގައި ބޮޑުހިލަ ޖަހާފައިވަނީ އެމްޓީ ހޯގާޑް ކުންފުނިންނެވެ.
ރިޒާ ވިދާޅުވީ މި މަސައްކަތް މުޅިން ނިންމާފައިވަނީ ހޯގާޑް ކުންފުނީގެ މަސައްކަތުގެ ފެންވަރު ދަށް ވުމުން އަލުން ރަނގަޅު ކުރުމަށް އަންގާފައިވާ ދެސަރަހައްދެއްގެ މަސައްކަތް ވެސް ރަނގަޅު ކުރުމަށް ފަހުގައި ކަމަށެވެ.
އޭދަފުށީގެ ވަށައިގެން ބޮޑުހިލަ ޖަހަން ފަށާފައިވަނީ މިދިޔަ އަހަރުގެ މޭމަހުއެވެ. 22.8 މިލިއަން ރުފިޔާއަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސްއާއެވެ.