ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ އާއި އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ ކަމުގައި ރައީސް އޮފީހުން ނެރުނު ދެންނެވުގައި ވެއެވެ.
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން ކަމުގައިވެސް ރައީސް ވަނީ ހަމަޖައްސަވާފައެވެ.
ސިނަމާލެ ބްރިޖު އިފުތިތާހުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދިޔައިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސް މުއިއްޒެވެ.
ރައީސް މުއިއްޒަކީ ސިވިލް އިންޖިނޭރެކެވެ. އެމަނިކުފާނު ވަނީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.