ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި އުފެއްދި ޑީއެން އޭ އިފްތިތާހު ކޮށްފި

l_161479459625BjCE.jpg

ޑީއެންއޭ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން

ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި ރާއްޖެ އިސްލާހު ކުރުމަށް އުފެއްދި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިފުތިތާހުކޮށްފި އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައިގެން އުފެއްދި މި ހަރަކާތް އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

ޑީއެންއޭ އިފުތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، ޑީއެންއޭއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އުފެއްދި ހަރަކާތެއް ނޫން ކަމަށާއި އަދި އެއީ ސިޔާސީ މަންފާއެއް ހޯދުމަށް އުފެއްދި ހަރަކާތެއް ވެސް ނޫން ކަމަށެވެ.

“މިއީ ކޮރަޕްޓް ޕޮލިޓީޝަނުން އަތުން ގައުމު އަތުލައި ގައުމު އަމިއްލަ ފައިމައްޗަށް ނެގުމަށް އުފެއްދި ހަރަކާތެއް،” އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑީއެންއޭއަކީ ރާއްޖޭގައި ހުރި އިޖުތިމާއީ، އިގުތިސޯދީ އަދި ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދުމަށް އުފެއްދި ހަރަކާތެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ހަރަކާތް އިތުރަށް ފުޅާވާނެ ކަމަށެވެ. އަދި ޑީއެންއޭއާ ގުޅުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުމަރު ދައުވަތު އެރުވި އެވެ.

މި ރަސްމިއްޔާތުގައި އުމަރު ވަނީ މަލްޓީ ޕާޓީ ނިޒާމު އުފެދުނު ފަހުން ރާއްޖޭގައި އުފެދިގެން އައި މައްސަލަތަކަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފަސް ބޭފުޅުން ވެރިކަން ކުރެއްވި ކަމަށާއި ނަމަވެސް ހުރިހާ ވެރިކަމެއްގައިވެސް އެއް މައްސަލަތަކެއް ހައްލު ނުކުރެވި ހުރި ކަމަށް އުމަރު ވިދާޅުވި އެވެ.

“މަސައްކަތް ކުރާ އުމުރުގެ ދިވެހިން މަގުތަކުގައި ބިއްޖެހި، ސަލާން ޖަހައި ކުނިގޮނޑު ހޮވަން އުޅޭއިރު، ބިދޭސީން ދަނީ ދިވެހިން އަދާ ކުރަންވީ ވަޒީފާތައް ފުރަމުން. ދިވެހިން ކުރަންވީ ވިޔަފާރިތައް ބިދޭސީން ނަގައިގެން ގޯޅިގޯޅި ކަންމަތީގައި ފިހާރަ ހަދައިގެން މުދާ ވިއްކަމުން އެބަދޭ. ބިދޭސީ ސިފައިން ރާއްޖޭގެ ހަތަރު ސަރަހައްދަކަށް އެމީހުންގެ އުޅަނދުތަކާއެކު ފައިބައިފި. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ކުދިކުދި ކޮޓަރިތަކުގައި ފިތިބާރުވެގެން ތިބެ ކައްކާ، ކައިބޮއި، ކިޔަވާ ނިދާ ހަދައިގެން އުޅޭތާ އެތަށް އަހަރެއްވެއްޖެ. މަސްތުވާ އެއްޗެއްސާ ގޭންގް ތަށް މަގުތަކުގައި އާންމުވެއްޖެ،” އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަތައް ހައްލު ނުކޮށް، އިތުރު 20 އަހަރު ކަޑަތުކޮށްފިނަމަ، ރާއްޖޭގެ މިނިވަންކަމާ އަމިއްލަވަންތަކަން ގެއްލި، ދިވެހިން ރާއްޖޭގައި ބާކީވާނެ ކަމަށެވެ.

އަލަށް އިފްތިތާހު ކުރި އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އަދި އެމްއެންޑީއެފް ކުރީގެ ކެޕްޓަން އަލީ އިހުސާން، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު، ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދުގެ އިތުރުން ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު ފަޔާޒު ހަސަން ހިމެނިވަޑައިގަންނަވަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top