ބ. މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު، މެދުކެނޑުމެއްނެތި ބާރު ސްޕީޑްގައި ކުރިއަށް ދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށިލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް ކަމަށާއި އެ މަޝްރޫއުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ68 އިންސައްތަ ނިމިފައިވާކަމަށްވެސް އެކުންފުނިން ހާމަކުރި އެވެ.
މިމަޝްރޫއުގެ ދަށުން 7،512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 36،527 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 882 އަކަ މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.
މީގެ އިތުރުން 370 މިޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 266 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެެއް ހެދުމާއި 100 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްތީޓް ބްރިޖެއް ހެދުމާއި، 1475 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ސަރުކާރުން އެމްޓީސީސީ އާއި މިމަޝްރޫއު ހަވާލުކޮށްފައިވަނީ 69.4 މިލިއަން ރުފިޔާ އަށެވެ.