”ވިޒިޓް ދަރަވަންދޫ އިޔާ“ ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ދަރަވަންދޫ ރައްޔިތުންގެ ބޮޑު މާހެފުން އިއްޔެ ބާއްވައިފިއެވެ.
އިއްޔެ ހަވީރު އެ ރަށުގައި ބޭއްވުނު މި މާހެފުމުގައި ރަށުގެ ކުދިބޮޑު އެންމެން އެކުގައި އަދި ރަށަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ބޭއްވުނު މިމާހެފުމުގައި ގިނައަދަދެއްގެ ބަޔަކު ވަނީ ބައިވެރި ވެފައެވެ.
މާހެފުން އެހާ ކުލަގަދަކޮށް އެހާ ފުރިހަމަކޮށް ކުރިއަށް ގެންދެވުނީ ރަށުގެ މުއައްސަސާތަކުގެ ވަރަށް ފުރިހަމަ އެއްބާރުލުމާއި އެކުގައިކަން ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީހު ފާހަގަކުރައްވައެވެ.
ރޯދައަށް ތައްޔާރުވުމުގެ ގޮތުން ދަރަވަންދޫ ކައުންސިލުން ވަނީ ވިޒިޓް ދަރަވަންދޫ 2025ގެ ބޮޑުދަރުހުގެ ނަމުގައި ދަރުހެއް ވެސް ބާއްވާފައެވެ.
ރޯދަމަހުގެ ތެރޭގައި ވެސް ކޮންމެ ހުކުރު ދުވަހެއްގައި ދަރުސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ދަރަވަންދޫ ކައުންސިލުން ބުނެއެވެ.
އަދި މީގެ އިތުރުން ވެސް ތަރާވީހު ޕްރޮގްރާމްތަކާއި ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގުރުއާން ކުލާސްތަކެއް ވެސް ރޯދަމަހު ބާއްވަން ދަރަވަންދޫ ކައުންސިލުން ވަނީ ނިންމާފައެވެ.