އަންނަ ރޯދަމަހަށް ހާއްސަކޮށް، ރައްޔިތުންނަށް ދަތިނުވެ ހެޔޮއަގެއްގައި ވިއްކުމަށް އެސްޓީއޯއިން ހަތަރު ކެޓަގަރީއަކުން 24 ބާވަތް ރާއްޖެއިން ބޭރުން ގެންނަން ނިންމައި އެތަކެތި އަންނަ ހަފްތާގައި މާލެ އަންނާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ބުނީ، ރޯދަމަހު ދަތިތަކެއް ނެތި މުދާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަސާސީ ކާބޯތަކެއްޗާއި ތަރުކާރީ އާއި މޭވާ އާއި ޕްރޮސެސްޑް ކާނާ އާއި ކެއްކުމަށް ބޭނުންވާ ތަކެތި ވެސް އެތެރެ ކުރާނެ ކަމަށް ބުންޏެވެ.
އެގޮތުން ކުރީ އަހަރުތަކެކޭ އެއްގޮތަށް ބިހާއި އަަލުވި، ފިޔާގެ އިތުރުން ކާއްޓާއި ކަދުރުގެ ބާވަތްތައް ވެސް އަސާސީ ކާބޯތަކެތީގެ ގޮތުގައި ބާޒާރަށް ނެރޭނެކަމަށް އެސްޓީއޯއިން ބުުންޏެވެ.
މީގެ އިތުރުން ތަރުކާރީ އާއި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ ހިމެނެއެވެ. ޕްރޮސެސްޑް ކާނާގެ ތެރޭގައި ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ ހިމެނެއެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ ބޭނުމަކީ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ، މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ޖެހުނަ ނުދިނުން ކަމަށެވެ.
ރާއްޖޭގެ ބާޒާރަށް ބޭނުންވާ އަދަދަށް މުދާ އިމްޕޯޓްކޮށް، އެކި ކަންކޮޅުތަކަށް ފޯރުކޮށް ދިނުމުގެ އިންތިޒާމުތައް ވެސް ހަމަޖެއްސުމަށް އެސްޓީއޯ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.