ފިނިއަށީގައި އެމްޑީޕީން ހިންގަނީ ސިޔާސީ ހަރަކާތް. އެހެން އަށިތަކުގައި ހިންގަނީ ކޮންކަމެއް؟

20160510_143947.jpg

އޭދަފުށީ "ދިގަލި " ގެއާ ދިމާލުން އަތިރި މަތީގައި ހުންނަ "ފިނި އަށި"

އޭދަފުށީ އުތުރުފަރާތުގައި “ދިގަލި”ގެއާ ދިމާލުން އަތިރިމަތީގައި ހުންނަ ފިނިއަށި ނަގަން ސަރުކާރުން ވަނީ އޭދަފުށި ކައުންސިލަށް އަންގާފައެވެ. އޭދަފުށީ ކައުންސިލްގެ މެންބަރަކު އޭދަފުށި ވޮއިސްއަށް މިކަން ޔަގީންކޮށްދެމުން ވިދާޅުވީ  އެކައުންސިލަށް ހައުސިން މިނިސްޓްރީ އިން ފޮނުވާފައިވާ ސިޓީއެއްގައި” ސިޔާސީ ހަރަކާތް ހިންގާނަމަ އެއަށި ނެގުމަށް” އަންގާފައިވާކަމުގައެވެ.

އީވީއަށް ކޮޕީލިބިފައިވާ އެސިޓީގައި ބުނެފައިވަނީ ” ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާ ޚިލާފަށް އޭދަފުށީ “ދިގަލި” ގެ ކުރިމަތިން އޮންނަ ދައުލަތުގެ ބިމުގައި ކައުންސިލުގެ ހުއްދަ ހޯދުމަކާ ނުލައި އެމްޑީޕީ އަށް ނިސްބަތްވާ އެކްޓިވިސްޓުން ސިޔާސީ ހަރަކާތްތައް ހިންގާ ޖަގަހައެއްގެ ގޮތުގައި އެތަން ބޭނުން ކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

“އެހެންކަމުން ބިމާބެހޭ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގާނޫނާ ޚިލާފަށް މިފަދަ ބޭނުމަކަށް ބިމެއް ބޭނުންކުރަމުން ގެންދާނަމަ އެފަރާތުގެ ކިބައިން އެ ބިމެއް ވަކިކުރުމަށްފަހު، ޒިންމާދާރު ކަމާއެކު އެ ބިން ބެލެހެއްޓެވުން އެދެމެވެ. އަދި އެ ބިމުގައި އިމާރާތެއްކޮށް ނުވަތަ ތަނެއް ހަދާނަމަ އެ ބޭނުމަކަށް އެ ބިން ބޭނުންކުރުމުގެ ކުރިން ބިން ބޭނުން ކުރުމުގެ ހުއްދަ މި އޮތޯރިޓީން ހޯއްދެވުމަށް ދަންނަވަމެވެ.”..

މި ސިޓީ އޭދަފުށީ ކައުންސިލަށް ލިބުމާއެކު މިކަމުގައި ކުރިއަށް ދާންވީ ގޮތަކާމެދު ކައުންސިލްގެ ޖަލްސާއެއް ބޭއްވިއެވެ. ޖަލްސާގައި ބައިވެރިވި ހަތަރު ކައުންސިލަރުންގެ މެދުގައިވެސް އެއަށި ނެގުމާމެދު ޚިޔާލު ތަފާތުވެ އެދުވަހުގެ ޖަލްސާ ނިންމާލާފައިވަނީ އެކަމާމެދު ވަކި ގޮތެއް ނުނިމިއެވެ. މީގެ އިތުރުން އެކަމުގައި އަތޮޅު ކައުންސިލުގެ ލަަފައަކަށް އެދި ސިޓީއެއްވެސް ފޮނުވިއެވެ. އެހެންނަމަވެސް މައި ސަރުކާރުގެ ފަރާތުން ގާނޫނާ ހަވާލާދީފައި ރަށެއްގެ ކައުންސިލަށް ކަމެއް ކުރުމަށް އަންގައިފިނަމަ ދެން އެކަމުގައި އަމަލުކުރަންވީ ގޮތުގެ ލަފައަކަށް އެދި އަތޮޅު ކައުންސިލްގައި ދެންނެވުން ނުވަތަ އެކަމާބެހޭ ގޮތުން ޖަލްސާއެއް ބާއްވަން ޖެހޭނެކަމަށް ގަބޫލު ނުކުރާ ކަމަށް މި މައުލޫމާތު އީވީއާ ހިއްސާކުރި ކައުންސިލަރު ވިދާޅުވިއެވެ.

އޭދަފުށީ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ނައުރީފު ވިދާޅުވި ގޮތުގައި އެއަށި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެތަނުގައި އެއްވެސް މީހެއްގެ މުދަލެއް ހުރިިކަމުގައިވާނަމަ 4 ދުވަހުގެ ތެރޭގައި އެއެއްޗެއް ނެގުމަށް އިއުލާނު ކުރާނެކަމުގައެވެ.

“އިއުލާނުކުރާތާ ހަތަރުދުވަސްފަހުން ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގެ މަތީން އަޅުގަނޑުމެން އެމަސައްކަތް ކުރާނަން. ” ނައުރީފް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީގެ މި އެންގުމަކީ އިންސާފުން ބޭރުން ވަރަށް ބޮޑަށް އެއްފަރާތަކަށް ޖެހިފައިވާ އެންގުމެއްކަމުގައި ބެލެވޭނެ ޖާގަ އެބައޮތެވެ. އެހެނީ އޭދަފުށީގައި ސިޔާސީ ޖަގަހައެއްގެ ގޮތުގައި ބޭނުންކުރަނީ ހަމައެކަނި އެއަށްޓެއް ނޫނެވެ. މިނޫންވެސް ސިޔާސީ ކިތަންމެ އަށްޓެއް ހުރިއިރު އެމްޑީޕީ މީހުން ސިޔާސީ ހަރަކާތް ހިންގާ “ފިނިއަށި” ނުވަތަ އެމައިދާން ނައްތާލަން މަސައްކަތް ކުރުމަކީ ވަރަށް ޣައިރު ޒިންމާދާރު އަދި މަގްސަދާމެދު ސުވާލު އުފެދޭ ކަމެއްކަމުގައި ޕީޕީއެމްގެ ބައެއް ބެންބަރުންވެސް ވިދާޅުވެއެވެ. .

” މިއަދު ސިޔާސީ އަށްޓެއްގެ ގޮތުގައި “ފިނިއަށި ” ލޭބަލް ކުރެވިފައިވަނީ ވާދަވެރި އެމްޑީޕީ މީހުން ގޮސްއުޅޭ އަދި އެމީހުން ސިޔާސީ ހަރަކާތް ތައް ހިންގާ ތަނަކީ އެތަން ކަމުގައި ވާތީ. ނަމަވެސް މާދަމާ އެމްޑީޕީ ވެރިކަމަށް އަޔަސް ޕީޕީއެމްގެ އަށިތައް ވެގެންދާނީ މި އުސޫލުން ބަލާއިރު ސިޔާސީ ހަރަކާތްތައް ހިންގާ ނުވަތަ ސިޔާސީ ޖަގަހައެއްގެ ގޮތުގައި ނޫންބާ ! އެހެންވީމާ ދެން އަންނަ ބަޔަކު އަނެއްކާ އަންގަންވީ އެއަށި ތައް ނަގަން! ކޮބައިތޯ އިންސާފު ؟  ” އެމްޑީޕީއަށް ސަޕޯޓްކުރާ އޭދަފުށީ މީހަކު ބުންޏެވެ.

އެހެންނަމަވެސް ޕީޕީއެމް ގެ ހަރު ބޭފުޅެއްގެ ޚިޔާލު މިއާ ތަފާތެވެ. ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވީ ” ހަމަ ނަގަންވީ” ކަމުގައެވެ. ސަބަބުވެސް ކިޔައިދެއްވިއެވެ. ވިދާޅުވީ އެތަނުގައި ކުރާ ކަމަކީ މުޅިންވެސް ސަރުކާރަށް ފާޑު ކިއުމާއި ހެއްދެވިހާ ދޮގު ވާހަކަތައް ހަދަހަދައިގެން ސަރުކާރާމެދު މީހުންގެ ހިތްތަކުގައި  ނަފްރަތާއި ރުޅިވެރިކަން އުފެއްދުން ކަމުގައެވެ. ސާބިތު ނުހިފޭ ވާހަކަތައް ދެއްކުމާއި މީހުންގެ އަބުރު ކަތިލުންފަދަ ގާނޫނާ ޚިލާފު ދީނާ ޚިލާފު ކަންކަން ކުރާ ތަންތަން ބަހައްޓައިގެން މުޅި ރަށާ އަތޮޅު ފަސާދަކުރުމުގެ ނުބައި އަމަލު އެތަނުގައި ހިންގާކަމަށްވާނަމަ އެއަށި ނަގައިގެންވިޔަސް އެފަދަ އަމަލުތައް އެބަ ހުއްޓުވަން ޖެހޭކަމުގައެވެ.

ޕީޕީއެމްގެ އިސްސަފުން ފެންނަ އެހެންމީހެއްގެ ޚިޔާލުވެސް އަހާލަމާ ހިނގާށެވެ.

” އެންމެ ރަނގަޅު. އެއަށި ނެގީޔޯ. އެކަމަކު އެއީ އެފަދަ ވާހަކަތައް ދެއްކުން ހުއްޓުވޭނެ ގޮތަކަށް ވެދާނެބާ !  އެމީހުންގެ ފިކުރާއި ޚިޔާލު ފާޅުކުރުން އެހިސާބުން ނިންމާލެވިދާނެބާ؟” އޭނާ ސުވާލު އުފެއްދެވިއެވެ. .

އޭނާ ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގާތީއޭ ކިޔާފައި އެއަށި ނެގުމަކީ ގަބޫލުކުރެވޭ ހަމައެއް ނޫންކަމުގައެވެ. “އެހެންކަމަށްވާނަމަ އޭދަފުށީގައި ހުރީ ޕީޕީއެމް މީހުން ޖަމާވާ އަށިތައްވެސް ނަގަން ޖެހޭނެ. އެތަންތަނުގައި ވެސް ހިންގަނީ ސިޔާސީ ހަރަކާތް. ތަފާތުވެގެން މިއުޅެނީ ސަރުކާރާ ބެހޭ ގޮތުން ދައްކާ ވާހަކަ ދެ ރާގެއްގައި ދެއްކުން. ނުވަތަ އެއްވާހަކައެއް ދެގޮތަކަށް ދެއްކުން. އެއްބަޔަކު ފާޑުކިޔަނީ. އަނެއްބަޔަކު އާޑަ ކިޔަނީ. އެއީ އެކަން އޮންނަން ޖެހޭނެވެސް ގޮތް. ސަރުކާރަށް މިއުޅެނީ ވާދަވެރިންގެ ފާޑުކިއުން ގަބޫލު ނުކުރެވިގެން. މިޒަމާނުގެ ބަހުން ބުނާނަމަ ހަޖަމު ނުކުރެވިގެން. ”

އޭނާ އިތުރަށް ވިދާޅުވީ ޑިމޮކްރަސީއޭ ކިޔައިގެން ވާހަކަ ދައްކާނަމަ މި ދެ “ބަހާ”ވެސް އޮންނަން ޖެހޭނެ ކަމުގައެވެ. “ފާޑުކިޔާ ފިނިއަށިތަކާ ހޮޅުއަށިތައް ނެތަމަ އެއީ ފައްކާ ވަމުން އަންނަ ޑިމޮކްރަސީއެއްގައި ހުރި އުނި ކަމެއް. އެހެންނަމަވެސް އެތަންތަނުގައި މީސް މީހުންގެ އަބުރާ ބެހުމާ ސާބިތު ނުހިފޭ ދޮގު ވާހަކަ ދެކެވިގެން ނުވާނެ.  އެ ހިސާބުން އެ ގޯސްވީ. އެއީ ސިޔާސީ ވާހައެއް ނޫން. އެކަމަށް އަދަބުވެސް ލިބެން ޖެހޭނެ. ”

ދެން އެންމެ ރަނގަޅެވެ. އެއަށި ނަގަނީ ސިޔާސީ ހަރަކާތް ހިންގާތީ ކަމަށްވާނަމަ އެއަށި ނެގުމުން އެ ކަން ހުއްޓިދާނެ ހެއްޔެވެ؟ އެމީހުންގެ އަޑު ކަނޑުވާލެވިދާނެ ހެއްޔެވެ. ރާއްޖޭގެ ވޭތުވެ ދިޔަ ކުރު މާޒީއަށާއި ދިގު މާޒީއަށް ބެލިކަމުގައި ވިޔަސް އެކަމާބެހޭ ގޮތުން މިސާލެއް ޖެހާނަމަ ދެންނެވޭނީ އެއެޅެނީ ޕެޓްރޯލަށް އަލިފާނެވެ. އެމީހުންގެ އެމަސައްކަތަށް ނުސީދާ ގޮތުގައި އެދެވެނީ ހިތްވަރެވެ. އާ ހިތްވަރަކާއެކު ތެދުވެ އަނެއްކާވެސް އެހެން އަށްޓެއް އެމީހުން ހޯދާނެއެވެ. އަދި މިއަށްްވުރެ ވަރުގަދައަށް ސިޔާސި ހަރަކާތް ކުރިއަށް ގެންދާނެއެވެ. އޭގެ ހެއްކަކީ އެއަށި ނެގުމަށް ނިންމާފައިވާތީ އެކަމާ ގުޅިގެން އޭދަފުށީގެ އެމްޑީޕީ މެންބަރުންގެ މެދުގައި ބޭއްވި ޕެނަލް ޑިސްކަޝަން އެވެ.

އެމްޑީޕީން އޭދަފުށީގައި ބޭއްވި ޕެނަލް ޑިސްކަޝަން. ފޮޓޯ : އީޓީ

އެމްޑީޕީން އޭދަފުށީގައި ބޭއްވި ޕެނަލް ޑިސްކަޝަން. ފޮޓޯ : އީޓީ

ޖުމްލަ 64 މެންބަރުން ހާޒިރުވި މި ޑިސްކަޝަންގައި އަށީގެ މައްސަލައިގާ އަމަލުކުރަން ފެންނަ ގޮތަކީ ކޮބައިތޯ ބެލުމަށް ނެގި ވޯޓުގައި، ވޯޓުގައި ބައިވެރިވި 34 މެންބަރުން އިއްތިފާގުވެފައިވަނީ އަށި ނަގައިފިނަމަ މި ރަށުގައިހުރި ކޮންމެވެސް އެހެން އަށްޓެއްގައި އަނެެއްކާވެސް ސިޔާސީ ހަރަކާތް ހިންގުމަށެވެ.

ޕެނަލަ ޑިސްކަޝަން އަށްފަހު އޭދަފުށީ ވޮއިސްއާ ވާހަކަ ދައްކަވަމުން އެޕާޓީގެ އެކްޓިވިސްޓް އަހްމަދު ނާސިރު ވިދާޅުވީ އޭނާ ގަބޫލުކުރާ ހަމައަކީ ކޮންމެ މީހަކަށްވެސް ގާނޫނު އަސާސީން ލިބިދީފައި އޮންނަ މިނިވަންކަމުގެ ބޭނުން ހިފާއިރު އެކަމަށް ހުރަސްއެޅުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަމުގައެވެ. އަދި ވަކި ބަޔަކާމެދު ތަފާތުކޮށް އަމަލުކުރުމަކީވެސް ކޮށްގެން ވާނޭ ކަމެއް ނޫންކަމުގައެވެ.

“އަޅުގަނޑު ގަބޫލުކުރަނީ އެއްވެ އުޅުމުގެ މިނިވަންކަމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީ އިން ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ އިރު އެހައްގު ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ލިބެން ޖެހޭނެކަމަށް. ޑިމޮކްރަސީގެ އުސޫލަކީވެސް އެއީ. އެމްޑީޕީ ފިނިއަށިވީމަ އެއީ ސިޔާސީ ތަނަކަށްވެފައި ޕީޕީއެމް އަސުރުމާއަށި ވީމާ އެއީ ފިނި މައިޒާނަކަށް ވާން ޖެހޭ އެއްވެސްގޮތެއް ނޯންނާނެ.  އެހެން ނޫނަސް  އެތަނުގައި އަޅުގަނޑުމެންގެ މީހުން ކުރާ ކަމަކީ ތާސްކުޅުމާ ޑިގުކުޅުމާ ބޮނޑި ކުޅުންފަދަ ކަންކަމަށް ވާއިރު އެއީ ސިޔާސީ ހަރަކާތް ކަމަށް ދެކޭނަމަ އެތަނުގައި އެހިންގަނީ ސިޔާސީ ހަރަކާތް. ”  ނާސިރު އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

އަޖައިބަކީ ސިޔާސީ ހަރަކާތަކީ ކޮބައިކަން ނޭނގިގެންނެވެ. ސަރުކާރުން ސިޔާސީ ހަރަކާތް މާނަކުރުމުގައި އެކި ފަހަރު ގެންގުޅެނީ އެކިގޮތެވެ. މި އަށީގައި ސިޔާސީ ހަރަކާތް ހިންގާކަމަށް ސަރުކާރަށް ގަބޫލު ކުރެވިގެން އުޅޭ ގޮތް އެއީ އަދި އޮޅުންފިލުވަން ޖެހޭކަމެކެވެ.

ރަށު ކައުންސިލުގެ މެންބަރަކު އަރިހުގައި ފިނިއަށީގައި ހިންގަނީ ސިޔާސީ ކޮންކަހަލަ ހަރަކާތެއްތޯ އަހާލުމުން ވިދާޅުވީ  ޑރ. ވަހީދުގެ ވެރިކަމުގައި ވަހީދު ވަޑައިގެންނެވި ދުވަހު އެތަނުގައި ކޮންމެވެސް ކަންތައްގަނޑެއް ހިންގި ވާހަކައަކާއި އެޕާޓީގެ ރައީސް ނަޝީދު ވަޑައިގެން އެތަނުގައި ކުރުނބަލެއް ހިއްޕަވަން ހުންނެވި ވާހަކައާއި މިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކައެވެ.

މަންޒަތުތަކުން ސިފަވަނީ ސަރުކާރުން ސިޔާސީ ވާހަކަ ކަމުގައި ބަލަނީ ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިއުމެވެ. އެކަމަކު ފާޑުކިޔަން ޖެހޭ ހާލަތްތަކުގައި ފާޑުކިޔަން ޖެހޭނެކަމަށް އެންމެ ބާރަށް ވާހަކަދައްކަވަނީވެސް މި ސަރުކާރުގެ އިސް ފަރާތްތަކުންނެވެ.

ސަރުކާރުން ކުރާ ކަންކަމަށް ސީދާ ގޮތުގައާއި ނުސީދާ ގޮތުގައި ވާދަވެރިފަރާތްތަކުން ފާޑުނުކިޔާނެ އެއްވެސް ގޮތެއް ނުހެދޭނެއެވެ. އެކަން ހުއްޓުވަން މަސައްކަތް ކުރުމަކީ ޑިމޮކްރަސީގެ ރޫހާ ޚިލާފުކަމަކެވެ. ނުވެސް ކުރެވޭނެ ކަމެކެވެ. އޭގެ  ބަދަލުގައި ފާޑުކިޔޭނެ ޖާގަ ހުރި ލޯވަޅުތައް ބައްދަން މަސަައްކަތް ކުރުން އެއީ ބުއްދިވެރި ގޮތަކަމަށް ގަބޫލު ކުރެވެއެވެ. އެކަން އެގޮތަށް ވާނީ ސަރުކާރުން ކުރާ ކޮންމެކަމެއްގައިވެސް ތެދުވެރިކަން ހުރުމުންނެވެ. މިކަން ހާސިލުވާނީ ނަޒާހަތްތެރިކަމުގެ އިގުރާރުގައި ސޮއިކޮށް ނުވަތަ ނަޒާހަތްތެރިކަމުގެ އިނާމަށް ނަން ހުށަހަޅައިގެން ނޫނެވެ. މިކަން ކާމިޔާބުކަމާއެކު ހާސިލު ކުރެވޭނީ އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށް ކޮރަޕްޝަނާއި ފަސާދަ ގައުމުން ފޮހެލުމަށް ގައުމުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން އެންމެ ދަށް މަގާމުގައި ހުރި މީހާވެސް މަސައްކަތް ކޮށްގެންނެވެ.މުޅި ގައުމު އެކުގައި މަސައްކަތުގައި ބައިވެރިވެގެންނެވެ.

މުޅި ގައުމު ކޮރަޕްޝަންގެ ބޮޑު ހަބަކަށް ވެފައިވާނަމަ އެވާހަކަ ނުދައްކައެއް ނުތިބޭނެއެވެ. ފަސާދައާއި އިސްރާފު އާއްމުވަމުންދާނަމަ އެކަމާ އަޅާނުލައެއްވެސް ނުތިބޭނެއެވެ. އެވާހަކަ ދެއްކުމަކީ ގައުމީ ގޮތުން ކޮންމެ މީހަކުވެސް އަދާކުރަން ޖެހޭ ވާޖިބެކެވެ. ސިޔާސީއަށިތަކުގައި ދައްކަނީ ނުވަތަ ދައްކާނީ އެފަދަ ވާހަކަތައް ކަމަށް ވެދާނެއެވެ. ގަބޫލު ކުރާހިތްވަނީ  އެއީ ސަރުކާރު ޒިންމާކުރުވަން ދައްކާ ވާހަކަކަމުގައެވެ.

ސަރުކާރުގެ ބަޖެޓުން ވާދަވެރި ޕާޓީތައް ހިންގުމަށް ފައިސާ ދެނީ ސަރުކާރު ޒިންމާދާރު ކުރުވާކަށް ނޫން ހެއްޔެވެ. ސަރުކާރުންކުރާ ކަންތަކަށް ފާރަވެރިވެ ސަރުކާރު ހަމަ މަގަށް އަޅުވާކަށް ނޫން ހެއްޔެވެ؟ އެހެންވީމާ އެފަދަ ވާހަކަ ނުދައްކާ މިއަދު އެންމެ ބޮޑު ވާދަވެރި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ އަށިތަކުގައި ދެން ދައްކާނީ ނުވަތަ އިތުރަށް ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top