އަންނަ ރޯދަ މަހުން ފެށިގެން އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް އެހެން ވަޒީފާތަކުގައި އުޅޭމީހުންނާ އެއްގޮތަށް ރޯދަ އިނާޔަތް ދޭން ފަށާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.
އަރި އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އއ ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބިގެންދާނެ ކަމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އޮތީ ވަރަށް ނިކަމެތިކޮށްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެހެން ނަމަވެސް އެއީ ރަށު ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ބައެއް ކަމަށެވެ.
ރައީސް ވިދާޅުވީ މަޖިލިސް އާ ދައުރަށް ހުޅުވުމުން އަންހެނުން ކޮމެޓީގެ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ލިބޭ ގޮތަށް ގާނޫނު ބަދަލު ކުރަން ބިލެއް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށެވެ. އަދި އެބިލް މަޖިލީހުން ފާސް ކުރުމަށްފަހު، އަންނަ ރޯދަމަހުން ފެށިގެން އަންހެނުންގެ ކޮމެޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަދި އަންހެނުން ކޮމެޓީގެ މެންބަރުންނަށް ލިބޭ މުސާރައަކީ ބޭންކުތަކުން ބަލައިގަންނަ މުސާރައަކަށް ހައްދަވާނެ ކަމަށާއި މެންބަރުންނަށް ލޯނު ނެގޭނެ އިންތިޒާމު ވެސް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މަޖިލީހުގެ ތެރެއިން ގާނޫނަށް ބަދަލު ގެނެސްގެން އެ މެންބަރުންނަށް ލިބޭ އެލަވަންސް މުސާރައަކަކަށް ބަދަލުކުރުމުގެ އިތުރުން ވިހެއުމުގެ ޗުއްޓީ ލިބޭ ގޮތް ހައްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.