ހައްގަކާނުލައި ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމް: ޚުތުބާ

DSCN2884.jpg

ޝަރުޢީ ސަބަބަކާ ލައިގެން މެނުވީ، އަނބީން އެ ކަނބަލުންގެ ފިރީންގެ ގާތުން ވަރިވާން އެދުމަކީ، އިސްލާމްދީނުގައި ނަހީކުރައްވައިފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

އަދި ހައްގަކާ ނުލައި، ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމްވެގެންވާ ކަން ނަބިއްޔާގެ ހަދީސް ބަސްފުޅުން އެނގޭ ކަމަށް ބުނެފައިވެ އެވެ.

ޚުތުބާގައި ބުނި ގޮތުގައި ތިން ބަހެއް ގަސްތަކާލައިގެން ނުވަތަ ސަމާސާއަކަށް ބުނިކަމުގައި ވިޔަސް އެ ކަންކަމުގެ ޙުކުމް ހިނގާނެއެވެ. އެއީ ކައިވެނިކުރުމާއި، ވަރިކުރުމާއި ކައިވެނި ރުޖޫޢަކުރުމެވެ.

ކައިވެންޏަކީ މަތިވެރި ގުޅުމެއް ކަމަށާއި ދެމަފިރިއެއްގެ ދެމެދުގައި އުފެދޭ އަރައިރުން، ވަރިއާ ހަމައަށް ދިއުމުގެ ކުރީން، އެ އަރައިރުން ހައްލުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށްޓަކައި، ދެ ފަރާތުން ފޮނުވާ ނިޔާވެރީންގެ ނިންމުމާ، އެއް ގޮތަށް ޢަމަލުކުރުން މުހިއްމު ކަމަށްވެސް ހުތުބާގައި ބުންޏެވެ.

“ވަރިކުރުން ހުއްދަވާ ސަބަބުތަކުގެ ތެރޭގައި، އަނބިމީހާގެ އަޚުލާގު ނުބައިވުމާއި، ޒަވާޖީ ހަޔާތުގެ އިންތަކުން ބޭރުވުމާއި، ﷲގެ އަމުރުފުޅުތަކަށް ފަރުވާ ކުޑަކުރުން ހިމެނެއެވެ. ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރީންނަށް ޒަވާޖީ ހަޔާތް ވޭތުނުކުރެވޭނެ ކަން ކަށަވަރުވެއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ވަރިވުމެވެ. ހަމަ އެ ފަދައިން ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ހައްގުތައް އަދާނުކުރާ ނަމަ، އަނބިމީހާއަށް ކައިވެނި ހުލްއު ކުރުމަށް ހުށަހެޅުން ހުއްދަވާނެއެވެ. އެ ފަދަ ހާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރައި ދޭން ޖެހޭނެއެވެ،” ހުތުބާގައިބުންޏެވެ.

ފުރަތަމަ ވަރިއާއި ދެވަނަ ވަރީގެ އިއްދައިގެ ތެރޭގައި، އަނބިމީހާ އިންނާން ޖެހޭނީ ފިރިމީހާގެ ހިޔާވަހިކަމުގެ ދަށުގައި ކަމަށާ އެއީ އެ ހާލަތުގައި ފިރިމީހާއަށް ކައިވެނި ރުޖޫއަކުރުމުގެ ހައްގު އޮންނާތީ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެއީ ޒަވާޖީ ހަޔާތް ދެމެހެއްޓުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރު އަންގައިދޭ ކަމެެއްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

”ތިންފަށްވެފައިވާ އަންހެނާ، އޭނާ ވަރިކުރި ފިރިމީހާއާ އިނުމުގެ ނިޔަތުގައި، ފަށްކަނޑާން މީހަކާ އިނުމަކީ ހަރާމްކަމެކެވެ. ފަށްކަނޑާން ކައިވެނިކުރާ މީހުންނަށް މާތް ﷲ ލައުނަތްލައްވައިފައިވާ ކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވައިފައި ވެއެވެ. ފަށްކަނޑައިދޭ މީހާއާއި ފަށްކަނޑައި ދިނުމަށް އެދޭމީހާއަށް ﷲ ލައުނަތްލެއްވި އެވެ.“ ޚުތުބާގައި ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top