އަބަދު ނިދާހިތް ވޭ ހެއްޔެވެ؟ ޖަވާބަކީ އާއެކޭ ނަމަ މިއީ ފަހަރެއްގައި ބައެއް ކަހަލަ ސީރިއަސް ސިއްހީ މައްސަލަތަކަކަށް ދެވޭ ދައުވަތަކަށް ވެދާނެ އެވެ.
ތަޖުރިބާކާރުން ވިދާޅުވަނީ ދުވާލަކަށް އިންސާނަކަށް ބޭނުންވާނީ އެންމެ ގިނަވެގެން 7- 8 ގަޑިއިރުގެ ނިންޖެވެ. އެއަށްވުރެ ގިނައިން ނިދާނަމަ އެ ނިދެނީ މާ ގިނައިންނެވެ. މިގޮތަށް މާގިނައިން ނިދުމަށް ކިޔަނީ ހައިޕަސޯމްނިއާ އެވެ. މިފަދަ މީހުންނަށް ރޭގަނޑު ކިތަންމެ ގިނައިރަކު ނިދި ކަމުގައި ވިޔަސް ހެނދުނު ހޭލަން އުނދަގޫ ވާނެ އެވެ. މި ބަލީގެ އިތުރު ނިޝާންތަކުގެ ތެރޭގައި ހިމެނެނީ ހިތްހަމަނުޖެހުން، އަވަހަށް ރުޅިއައުން، ގައިގެ ހަކަތަ ދަށްވުން، ހިތް ނުތަނަވަސްވުން، ވިސްނުމުގެ ގާބިލްކަން ދަށްވުން، ކާހިތް ނުވުން އަދި ކަންތައްތައް ހަނދާނުގައި ބަހައްޓަން ދަތިވުން ހިމެނެ އެވެ.
މިކަމުގެ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ އަނިލް ޕާޓިލް ވިދާޅުވީ އިންސާނުން އެކި އުމުރުގައި ނިދާ މިންވަރު ތަފާތުވާ ކަމަށެވެ. އަދި ވަކި ފަރުދުންގެ ނިދުމުގެ ކަންތައްތައް ހުންނަ ގޮތް ވެސް ތަފާތުވާ ކަމަށެވެ. އެހެންކަމުން މިވެނި މީހަކަށް ދުވާލަކަށް ބޭނުންވަނީ މިވެނި މިންވަރެއްގެ ނިންޖޭ ބުނެ މިންގަނޑެއް ކަނޑައެޅޭކަށް ނެތެވެ. ރެއަކާ ދުވާލު އެންމެ 4- 5 ގަޑިއިރު ނިދައިގެން ފަރުޖެއްސޭ މީހުން އުޅޭއިރު ކިތަންމެ ގިނައިރަކު ނިދި ކަމުގައި ވިޔަސް ނިދުނު ކަމަށް ގަބޫލު ކުރެވޭ މީހުން ވެސް އުޅެ އެވެ. އަދި ދުވާލު ގަޑީގައި ކޮންމެ ދުވަހަކު ވެސް ނިދަން އާދަވެފައިވާ އެތައް ބަޔަކު އުޅޭއިރު ކިތަންމެ ވަރަކަށް ނިދަން އުޅުނަސް ދުވާލު ގަޑީގައި ލޮލުފިޔަ ނުޖެހޭ މީހުން ވެސް ބައިވަރެވެ.
ޑިޕްރެސްވެގެން އުޅޭ މީހުން މާ ގިނައިން ނިދާނެ އެވެ. އަދި މަސްތުވާ އެއްޗެތި ބޭނުންކުރާ މީހުންނާއި ތަފާތު ޑޮކްޓަރީ ބޭސް ބޭނުންކުރާ މީހުން ވެސް ނިދިއައިސް ގިނައިން ނިދަން ބޭނުން ވެއެވެ.
ތަފާތު އިންސާނުން ނިދުމުގައި ގެންގުޅެނީ ތަފާތު އާދަތަކެވެ. ނިދާލާފައި ތެދުވެ ކުރަން ޖެހޭ ކަންތައްތައް ނިދުބަރުކަމެއް އަދި ވަރުބަލިކަމެއް ނެތި ކޮށްލެވޭނަމަ އޭގެ މާނައަކީ އެ މީހާ އަށް އެހެރީ ބޭނުންވާ ވަރަށް ނިދިފަ އެވެ.
މާގިނައިން ނިދުމުން ލިބޭ ގެއްލުން
ހަކުރުބަލި – ސައިންސްވެރިން ވިދާޅުވަނީ މާގިނައިން ނިދުމުގެ ސަބަބުން ހަކުރު ބައްޔަށް މަގުފަހިވާކަން ހޯދިފައިވާ ކަމަށެވެ. ނުވަ ހާސް މީހުން ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކޮންމެ ރެއަކު ނުވަ ގަޑިއިރަށް ވުރެ ގިނައިރު ނިދާ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ރޭގަނޑު އާދަކޮށް ހަތްގަޑިއިރު ނިދާ މީހުންނަށް ވުރެ 50 ޕަސެންޓް އިތުރެވެ.
އާދަޔާހިލާފަށް ފަލަވުން – ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑު 9- 10 ގަޑިއިރު އާދަވެ ނިދާ މީހުންނަށް ހައެއްކަ އަހަރުގެ ތެރޭގައި އާދަޔާ ހިލާފަށް ފަލަވާ ނިސްބަތް ރޭގަނޑު ހަތް ގަޑިއިރު ނިދާ މީހުންނަށް ވުރެ 21 ޕަސެންޓް އިތުރެވެ. މިއީ ކާ މިންވަރާއި ކަސްރަތު ކުރާ މިންވަރަށް ބެލި ނަމަވެހެވެ.
ހިތުގެ ބަލި – ހަތްދިހަ ދެ ހާސް އަންހެނުން ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ރޭގަނޑު ނުވަ ގަޑިއިރު ނިދާ މީހުންގެ ތެރެއިން 38 ޕަސެންޓް މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ދުވާލަކު ރޭގަނޑު އަށް ގަޑިއިރު ނިދާ މީހުންނަށް ވުރެ އިތުރެވެ.
ޑިޕްރެޝަން – ނިދުމުގެ އާދަ އެއްގޮތަކަށް ހިފެހެއްޓުމަކީ ޑިޕްރެޝަން އިން ސަލާމަތްވުމަށް ވެސް ކޮންމެހެން ބޭނުން ކަމެކެވެ. މާގިނައިން ނިދުމަކީ މިފަދަ މައްސަލަތައް އިތުރަށް ގޯސްވާކަމެކެވެ.
މަރު – ރޭގަނޑު ނުވަ ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު ނިދާ މީހުން މަރުވާ މިންވަރު ވެސް ރޭގަނޑު ހަތް ގަޑިއިރު ނިދާ މީހުންނަށް ވުރެ ވަރަށް ބޮޑަށް އިތުރެވެ.
ބޮލުގައި ރިއްސުން – މާގިނައިން ނިދުމަކީ ބޮލުގައި ރިއްސާ ކަމެކެވެ. މިހެން މިކަން ދިމާވާ ސަބަބެއް ކަމަށް ސައިންސްޓިސްޓުން ވިދާޅުވަނީ ސިކުނޑީގައި ހުންނަ ސެރޮޓޯނިން ފަދަ ނިއުރޯޓްރާންސްމިޓާ އަށް ކުރާ އަސަރުތަކެވެ. މާގިނައިން ނިދުމުން ސިކުނޑީގެ ކެމިކަލްސް ބެލެންސަށް މައްސަލަތައް ދިމާވެގެން ބޮލުގައި ރިއްސަން ފަށަނީ އެވެ.
ބުރަކަށީގައި ރިއްސުން – މާގިނައިން ނިދުމަކީ ބުރަކަށީގައި ރިއްސަން ވެސް މެދުވެރިވާ ސަބަބެކެވެ. މާގިނައިރުވަންދެން އޮށޯވެ އޮތުމުގެ ސަބަބުން ބުރަކައްޓަށް ޕްރެޝަރު ބޮޑުވެގެން މިގޮތަށް ދިމާވެ އެވެ.
މާގިނައިން ނިދުމުން ލިބޭ ގެއްލުން ތަކަކީ ކޮބައި ހެއްޔެވެ؟
މާގިނައިން ނިދުމުން މީހާގެ މޫޑު ސަކަރާތްވެ ކަންނެތްވެ އެވެ. ލޯމަތި ދުޅަވެ ލޮލުގެ ކައިރީގައިވާ ހަންގަނޑަށް ދޫވެ ލޯ ކައިރީ ރޫޖެހެ އެވެ. އަދި ނިދި ނުފިލާ ހުންނަ ކަހަލަ ގޮތަކަށް މުޅި ދުވަސް ހޭދަކޮށްލަން ޖެހެ އެވެ.
ނިދަން އެންމެ ރަނގަޅީ ކިހާ އިރަކު؟
– ކުޑަކުދިން ނިދަން ޖެހޭ މިންވަރު ބޮޑެތި މީހުންނަށް ވުރެ ގިނަ ވާނެ އެވެ. އެންމެ ތުއްތު ކުދިން ދުވާލަކު މަދުވެގެން 18 ގަޑިއިރު ނިދަން ޖެހޭއިރު، މިއަދަދު ކުއްޖާ ބޮޑުވަމުންދާ ވަރަކަށް މަދުވަމުން ދާނެ އެވެ.
– ސްކޫލަށް ދާ އުމުރުގެ ކުދިން ރެއަކާ ދުވާލު 10- 11 ގަޑިއިރު ނިދަން ޖެހޭނެ އެވެ.
– ފުރާވަރަށް އަރާ އުމުރުގެ ކުދިން ރެއަކާ ދުވާލު 10 ގަޑިއިރުގެ ނިދި ބޭނުން ވާނެ އެވެ.
– ބޮޑެތި މީހުންނަށް އެންމެ ރަނގަޅީ ރެއަކާ ދުވާލު 7- 8 ގަޑިއިރުގެ ނިންޖެވެ.