މޫނު ބުރުގާ އަޅައިގެން އުނގެނުމާ ވަޒީފާ އަދާކުރުމުގެ ހައްގު ލިބޭނޭ ކަމަށް ރައީސް މުއިއްޒު ދެއްވި ޔަގީންކަމަށް ސިވިލް ކޯޓުން ކުރެއްވި ހުކުމުގައި ރިއާޔަތް ކޮށްފިއެވެ.
ނިމިދިޔަ ސަރުކާރުގަައި، އަރަބިއްޔާ ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުން ތަކެއް މޫނުބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާކުރުމާއި ގުޅިގެން، އެޑިޔުކޭޝަން މިނިސްޓްރީއާއި ދިވެހި ދައުލަތާ ދެކޮޅަށް އެ ދަރިވަރުންގެ ބެލެނިވެރިން ދައުވާކުރި މައްސަލައިގެ އަޑުއެހުމެއް އިއްޔެ ވަނީ ބާއްވާފައެވެ.
އެ އަޑުއެހުމުގައި ކުދިންގެ ބެލެނިވެރިން ވަނީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ މޫނު ބުރުގާ އަޅައިގެންވެސް ވަޒީފާ އަދާކުރުމާ އުނގެނުމުގެ ހަމަހަމަ އިންސާފުވެރި ހައްކޮންމެ ރައްޔިތަކަށްވެސް ދެއްވުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަން ފާހަގަކޮށްފައެވެ.
އެ މައްސަލާގައި ދައުލަތުން އެދިފައިވަނީ، ޝަރީއަތް ކުރުމަކާއި ނުލައި ހުކުމް ކޮށްދިނުމަށެވެ.
އެއާއެކު ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، މައްސަލާގައި ކޮށްފައިވާ ދައުވާގެ ޚުސޫމާތް ނިމުމަކަށް އައިސްފައިވާތީ ދައުވާގައި ހިމެނޭ ޚުސޫމާތާއިމެދު އިތުރަށް ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. ވުމާއެކު އެ މައްސަލަ ވަނީ ފައިލްކޮށްފައެވެ.
މި ގަޒިއްޔާގެ ހުކުމްގެ ކުރެއްވީ ސިވިލް ކޯޓްގެ އިސް ގާޒީ މަރިޔަމް ވަހީދެވެ.
މޫނު ބުރުގާ މައްސަލާގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ.
އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާ އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.