ޓީޗަރުންނަކީ އުއްބަތިތަކެއް ފަދަ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ޓީޗަރުންނަށް ތަހުނިޔާ ފޮނުއްވަމުންއެވެ.
ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި މުދައްރިސުންނަކީ އުއްބަތިތަކެއް ފަދަ ބައެއްގެ ގޮތުގައި ސިފަކުރައްވައި ވިދާޅުވީ އެހެން މީހުންނަށް އަލިކުރުމަށްޓަކައި އުއްބައްތިތައް ވިރިގެންދާއިރު، އޭގައިވާ ހުޅުކޮޅުން އެތައް ހާސް ބައްތިއެއް ދިއްލައިދޭ ކަމަށެވެ. އަދި އެއީ ކޮންމެ މީހަކު ވެސް އެ އަލިކަމުގެ ތެރެއިން އަމިއްލައަށް ކުރިއަށް ދިއުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 5 ވަނަ ދުވަހެވެ. ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ސްކޫލުތަކުގައި މި ފެށޭ ހަފުތާގައި ގިނަ ހަރަކާތްތަކެއް ހިންގަން ވަނީ ރާވާފައެވެ.