ބޭންކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށް ޖެހިލައިފި އެވެ.
ޑޮލަރުގެ އަގު ދަށަށް ޖެހިލާފައި މިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރަން ރާއްޖޭގެ ބޭންކުތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމާއެކުކަން ފާހަގަ ކުރެވެއެވެ.
ފާއިތުވި ދުވަސްތަކުގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ދަމުން ގޮސް އިއްޔެއާ ހަމައަށް ވަނީ 19 ރުފިޔާއަށް ވެސް އަރާފައެވެ.
ނަމަވެސް މިހާރު ޑޮލަރެއް ވިއްކަނީ 18.70ރ. އާއި 18.80ރ. އާއި ދެމެދުގެ އަގުތަކެއްގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ޑޮލަރުގެ އަގު ކޮންޓްރޯލް ނުވެ މައްޗަށް އަރަމުން ދިއުމާއެކު ސަރުކާރުން މިހާރުވަނީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފަ އެވެ.
ޑޮލަރުގެ އަގު ބޮޑަށް އުފުލުނީ ބޭންކް އޮފް މޯލްޑިވްސް އިން ރުފިޔާ އެކައުންޓް ތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމި ނިންމުމާ ގުޅިގެން ޑޮލަރުގެ ތާށިކަން އިތުރަށް ބޮޑުވެދާނެ ކަމަށް ބެލެވިގެންނެވެ. އެ ނިންމުމާއެކު ޑޮލަރުގެ އަގު 18.60 އިން މައްޗަށް އަރައިގެން ދިޔަ އެވެ. ބޭންކުގެ ނިންމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ބަދަލުކުރުމުން ވެސް ޑޮލަރުގެ އަގު ތިރިއެއް ނުވި އެވެ.
އޭގެ ފަހުން ސްކޫލު ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަދަދު އިތުރުވުމުން ވެސް ޑޮލަރުގެ އަގު އިތުރަށް އުފުލުނެެވެ.
ބޭންކުތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމުން ބްލެކް މާކެޓްގެ ރޭޓް ވަރަށް ބޮޑަށް ދަށަށް ދާނެ ކަަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.