ދޮންފަނު ޒުވާނުންގެ ރޫހުން އެރަށު މަގުބައްތިތައް ޖަހަން ފަށައިފި

dhonfan.jpg

ދޮންފަނު ޒުވާނުންގެ ރޫޚުގެ މެމްބަރުން އެރަށު މަގެއްގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރަނީ. މިމަޝްރޫއުގެ އަގު ތިންލައްކައާ ގާތްކުރާނެކަމަށް ޒުވާޏުންގެ ރޫޚުން ބުނޭ / ފޮޓޯ: ދޮންފަނު ޒުވާނުންގެ ރޫޚު

ދޮންފަނު އަމިއްލަ ޖަމްއިއްޔާއެކަމުގައިވާ ދޮންފަނު ޒުވާނުންގެ ރޫހުގެ ފަރާތުން އެރަށު މަގުތަކުގައި މަގުބައްތިޖަހަން ފަށައިފިއެވެ.

މިމަހު ފެށި މިމަސައްކަތުގެ ދަށުން އެރަށުގެ މަގުތަކުގައި މުޅިން އަލަށް 27 ހޮޅިދަނޑިޖަހައި، ލައިޓް ހަރުކުރެވޭނޭކަމަށް ދޮންފަނު ޒުވާނުންގެ ރޫހުން ބުނެއެވެ. އެޖަމްއިއްޔާގެ ހަޒާންދާރު އަދި ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސާލިމް ވިދާޅުވީ ތިންލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މިމަސައްކަތް ކުރިޔަށްގެންދަނީ ޖަމްއިއްޔާގެ މެމްބަރުންގެ ވަރަށް ބޮޑު ހިއްސާއަކާއެކު ކަމަށާ، މިމަސައްކަތް އަންނަމަހުގެ ކުރީކޮޅު މުޅިން ނިންމާލެވޭނެކަމަށެވެ.

ސާލިމް ވިދާޅުވީ މިވަރުގެ ބޮޑު މަޝްރޫއެއް އެޖަމްއިއްޔާއިން ކުރިޔަށްގެންދާ މިއީ ފުރަތަމަ ފަހަރު ކަމަށާ، ބޭނުމަކީ ރަށުގެ ތަރައްޤީއަށް ހިދްމަތެއް ކޮށްދިނުމާއި، ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ހައްލުކޮށްދިނުންކަމަށެވެ.

“ވަރަށް ބޮޑަށް ރައްޔިތުންނަށް އުނދަގޫވޭ މަގުމަތީގައި މިހާރު ހުރި ބައްތިތައް އަނދިރިވުމާ، ބައެއް ސަރަހައްދުގައި ބައްތިނެތީމަ، ދެން ޖަމްއިއްޔާއިން ހޯދި ޕްރޮޖެކްޓެއް މިއީ، ސަރުކާރުން 190000ރ ހަރަދުކުރޭ ދެން ބާކީބައި ޖަމްއިއްޔާއިން މިކުރަނީ، ތިންލައްކައާ ގާތަށް މަޝްރޫއުގެ ޖުމްލަ ޚަރަދު ދާނެ” ސާލިމް ވިދާޅުވިއެވެ.

ސާލިމް ވިދާޅުވީ މިމަޝްރޫއު ނިމިގެންދާއިރު ދޮންފަނުގެ މަގުތަކުގައި މުޅިން އަލަށް 27 މަގުބައްތި ޖެހޭނެކަމަށާ، ކުރިންހުރި ތިރީހަކަށް ބައްތި އާކޮށް ފެންވަރު ރަނގަޅުކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

ފައްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ދޮންފަނުގެ ޒުވާނުންގެ ރޫޚު ޖަމިއްޔާއަކީ އެރަށުގައި ކުރެވޭ ތަރައްޤީގެ އެކިއެކި މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ދައުރެއް އަދާކުރާ ޖަމްއިއްޔާއެކެވެ. އީދު ފަދަ މުނާސަބަތުތަކުގައި އެޖަމްއިއްޔާއިން ބާއްވާ ޘަޤާފީ ކުޅިވަރުތަކަކީވެސް އެޖަމްއިއްޔާގެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރެއިން ކަމެެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top