ސްކޫލްތަކުދަރިވަރުން ވޭޕްކުރުމުގެ ނުބައި އާދަ އާ ދުރުކުރުވުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ސުކޫލުތަކުގެ އިސްވެރިންނާއި ޕީޓީއޭއާއެކު ސިލްސިލާ ބައްދަލުވުންތަކެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
މިނިސްޓްރީން ރޭ ވަނީ މާލެ ސަރަހައްދުގެ ސުކޫލުތަކުގެ އިސްވެރިންނާއި ޕީޓީއޭއަށް ޚާއްސަކޮށް ސީއެޗްއެސްއީގައި މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ބާއްވައިފައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ބައިވެރިވެވަޑައިގަތް އެ ސެޝަންގައި، ސްކޫލު އުމުރުފުރައިގެ ދަރިވަރުން ވޭޕް ކުރުމާ ދުރުކުރުމަށް ސްކޫލާއި ބެލެނިވެރިންނާ ގުޅިގެން ކުރެވޭނެ ކަންތަކާ ގުޅުވައި އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން ބުނީ، މި ސެޝަންތައް ސިލްސިލާކޮށް، ރާއްޖޭގެ ހުރިހާ ސްކޫލުތަކެެއްގައި ކުރިއަށް ގެންދާނެ ކަމަށާއި އެ ސެޝަންތައް ކުރިއަށް ދާނީ އޮންލައިކޮށް ކަމަށެވެ.
ރޭގެ ސެޝަންގައި މައުލޫމާތު ދެއްވި ބޭފުޅުންގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދާއި ސްކޫލް ސޭފްޓީ އެންޑް ހެލްތް ޑިވިޜަންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒަ އާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ހިމެނެއެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރާ ކުދިންނާއި މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އޭގެތެރޭގައި، ސްކޫލު ކުދިން ވެސް ކަންބޮޑުވާ މިންވަރަށް އަންނަނީ އިތުރުވަމުންނެވެ.