އަތޮޅުތެރޭގައި އިމާމުންނާއި ހަތީބުން ތަމްރީނު ކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މާލެ ސިޓީގައި އިމާމުންނާއި ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ތިން ޕްރޮގްރާމް ކޮންމެ އަަހަރަކު ކުރިއަށް ގެންދިއުމަށް ރާވަމުންދާއިރު އަތޮޅުތެރޭގައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ.
މާލެ ސިޓީއަށް އަމާޒުކޮށްގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 94 ބޭފުޅުން ބައިވެރިވި އެވެ. މީގެ ތެރެއިން 80 ޕަސެންޓަށް ވުރެ މަތިން ހާޒިރީ ލިބުނު ފަރާތްތަކަށް ވަނީ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
މައިގަނޑު ގޮތެއްގައި މި ޕްރޮގްރާމްގައި ކިޔަވައިދީފައިވަނީ ތަޖުވީދު، ހުކުރު ގަވައިދާ އުސޫލު، ސިވިލް ސާވިސްގެ ގަވައިދާ އުސޫލު، މަސައްކަތުގެ އަހުލާގާއި، އެހެން މީހުންނާއި މުއާމަލާތްކުރުމާއި، ނަމާދުގެ ހުކުމްތައް އަދި ހިލާފީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް ފަދަ މައުލޫތަކަށެވެ.