އަލީ ރިޒާ މެންގެ އީދު

ގްރޫޕް.jpg

އަލީ ިރިޒާމެންގެ އާއިލާ އާއި އަވައްޓެރިން އީދު ފާހަގަ ކުރުމަށް މާއްޑޫގައި

އީދަކީ އުފާ ފާޅުކުރުމެވެ. އިސްލާމީ އުޚުއްވަތްތެރިކަމާ އެކަކު އަނެކަކަށް މާފު ކުރުމާ ސަލާން ގަލާންކޮށް ހިތްހެޔޮ ކަމާއެކު ބައްދަލުކޮށް އީދުގެ ތަހުނިޔާ ކިއުމުގައި ދިވެހިން ދަނީ މިސާލު ދައްކަމުންނެވެ. އަފްރާދުންގެ މެދުގައި އުފެދިފައިވާ ނޭންގާނި ކަމާ އަޚްވަންތަކަމުގައި ޖެހިފައިވާ ކުދިކުދި މައްސަލަ ތަކުގެ ހައްލު ހޯދުމަށް ވެސް އީދަކީ މުސްލިމުންނަށް އަހަރަކު ދެފަހަރު ލިބޭ ރަނުގެ ފުރުސަތެކެވެ.

އީދު ނަމާދަށް ފަހު އޮންނަ އީދު ސަޔަކީ މިގޮތުން ކުރެވޭ އެންމެ ހެޔޮކަަން ބޮޑު އަމަލު ވެސް މެއެވެ. އާއިލާގެ އެންމެން އެއް ތަނަކަށް އެއްވެ ތިބެ ހަފްލާ ކޮށްލުމުން ހީނަރު ވެފައިވާ ގުޅުންތައް ރަނގަޅު ކޮށް ލޯތްބާއި އެހީތެރިކަން އިތުރުވެގެން ދެއެވެ.

އީދު ސައި

ދިރިއުޅުމުގެ ކޮންމެ ކަމަކީވެސް ޒަމާނާއެކު ބަދަަލު ވަމުން ދާ ކަންކަމަށް ވާތީ މިއަދަށް ބަލާއިރު އީދު ސައި ވެސް ތަރައްގީގެ އާ މަރުހަލާ އެއް ކަޑައްތު ކޮށްފިއެވެ. ކާގޭގައި ނުވަތަ ސިޓިންގރޫމްގައި ބާއްވަމުން އައި ހަފްލާ މިއަދު ވަނީ މަގު މައްޗާ ހަމައަށް ނުކުމެފައެވެ. އާއިލާގެ މެންބަރުންގެ އިތުރުން އަވައްޓެރިން ގުޅިގެން މިކަން ފުޅާކޮށް ބޮޑު ކޮށްލީއެވެ. އީދު ސައި ބޮޑު ކޮށްލުމުގެ ރޫހު މުސްލިމް ދިވެހި މުޖްތަމައުގައި އާލާ ވަމުން ދިއުމުގައި އެއްރަށް އަނެއް ރަަށަށްވުރެ ކުރިއަރައި ދިއުމުގައި ވެސް ވަނީ ވާދަވެރިކަން އުފެދިފައެވެ.

އޭދަފުށީ ގައި އީދު ސައި މަގުމައްޗާ ހަމައަށް އެންމެ ފުރަތަމަ ނެރުމުގެ ޝަރަފް ހޯދާފައިވަނީ އަލީ ރިޒާމެންގެ އާއިލާއިންނެވެ. މިދިޔަ އަހަރުން ފެށިގެން މި ހަފްލާ މަގު މަތީގައި ފާހަގަ ކުރުމަށް ނިންމީ އާއިލާގެ މީހުންނާއި ތިމާގެ މީހުން އިތުރު ވުމުން ކާގެއަށް ނުކަތައިގެން ކަމަށް ބުނެއެވެ.

މިއީ އިޖްތިމާއީ ގޮތުން ކުރިއަށް އެޅި މުހިއްމު ފިޔަވަޅެއްކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އާއިލީ ގުޅުން ވަރުގަދަވެ ބައިބައިވުމާއި ދިވެހިންނާއި ބީރައްޓެހި ޑިމޮކްރަސީ އާއި ޕާޓީ ސިސްޓަމްގެ ސަބަބުން އެއް ގޭގައި ދިރިއުޅޭ މީހުންވެސް ފުސްމޫނު ދައްކާފައި ތިބޭ ތިބުން ނިމުމަކަށް ގެނެސް އެމީހަކު ގަބޫލު ކުރާ ފިކުރާ ލޭގެ ގުުޅުމަކީ ދެ ކަމެއްކަން އަންގައިދޭ ފިލާވަޅެކެވެ.

އޭދަފުށީގެ އާދައިގެ އާއިލާ އަކުން އުފަން ވެފައިވާ އަލީ ރިޒާ އަކީ އޭދަފުށީ މީހުންނަށް އާމީހަކަށް ނުވާނެއެވެ. މިއަދު އޭނާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު ހޮޓެލް ޗެއިންގެ ތެރޭގައި ހިމެނޭ މައިނާ ރިސޯޓްސް އިން ގަތަރުގައި ހިންގާ އަނަންތަރާ ހޮޓެލްގެ ހިއުމަން ރިސޯސަސްގެ އިންޗާޖެވެ. މުވައްޒަފުންގެ ބޮޑު މީހާ އެވެ. އެކަމަކު އެހިސާބަށް ދިއުމުގެ ކުރިން ދުނިޔެއަށް ލޯހުޅުވާލެވި އަމިއްލައަށް ކަންކަން ވިސްނެން ފެށީއްސުރެ އެންމެ ބޭނުންވީ އޭނާގެ ކުޑަކުޑަ ދުނިޔެއަކީ ލޯތްބާއި އަޅާލުން އިންތިހާ އަށް އޮތް ތަނަކަށް ހަދާށެވެ. އެއީ އޭނާ ބައްޕަ ނެތުމުން އާޢިލާ އަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމުން އަރައިގަތުމަށެވެ. ބައްޕަ މަރްހޫމް އިބްރާހީމް މޫސާ (އާއްމު ނަމުންނަމަ މާއްޑޫ ދޮންސޮރު ) އަށް އާއިލާގެ ހުރިހާ ބޭނުންތައް ދަރިން އެދޭ މިންވަރަށް ފުރިހަމަ ކޮށް ނުދެވުނަސް އެއީ ބައްޕަގެ އުއްމީދަކަށް ވާތީ އެކަން ފުރިހަމަ ކޮށްދޭށެވެ. ހަމަޖެހުމާއި އުފާވެރި ކަމާއެކު ދިރިއުޅޭ ފުދުންތެރި އާއިލާ އަކަށް އޭނާގެ އާއިލީ ދުނިޔެ ބަދަލު ކޮށްލާށެވެ.

އަލީ ރިޒާ- ލިބޭ އާމްދަނީގެ 35 އިންސައްތަ ޚަރަދު ކުރަނީ އާއިލާ އާ ތިމާގެ މީހުންނަށް. /އީވީ ފޮޓޯ

ބައްޕަ ދުނިޔެ ދޫކުރެއްވީ ވަރަށް އަގު ބޮޑު އެއްޗެއް ދޫކުރައްވާފައެވެ. އެއީ އާއިލާގެ އެއްވެސް ކުއްޖަކަށް ތަފާތުކުރުމެއް ނެތް ސާފު ލޯތްބެވެ. ރިވެތި އަޚްލާގެވެ. އަލީ ރިޒާ ކުރިއަށް އައީ އެއީ އެންމެ ރަނގަޅު މަގު ކަމަށް ބަލައިގަނެ އެއީ ދިރިއުޅުމުގެ ނާރެސް ކަމުގައި ބަލައިގެންނެވެ. ރިސޯޓް ލައިފް ޚިޔާރުކުރީ އެހެންވެގެންނެވެ. އާއިލާއަށް އެހީތެރިވެވޭ ވަރުގެ ރަނގަޅު އާމްދަނީއަކަށް އުއްމީދު ކޮށްގެންނެވެ. މިއަދު އޭނާވަނީ މިހުރިހާ ކަމެއް ފުރިހަމަ ކޮށް އާއިލާ ހިނިތުން ކޮށްލުވާފައެވެ.

މި ވާހަކަތަކުގެ ތެރެއަށް ވަނުމުގެ ކުރިން ދިއުމުގެ ކުރިން އަލީ ރިޒާގެ މި ޝައުގުވެރި ވާހަކަ ތައް އަޑުއަހާލަމާ ހިނގާށެވެ.

“އަޅުގަނޑުގެ މުސާރައިގެ 35 އިންސައްތަ ޚަރަދު ކުރުމަށް ކަނޑައަޅާފައި އޮންނާނީ އާއިލާގެ ގުޅުން ވަރުގަދަ ކުރުމަށް. ނުވަތަ އާއިލާ އަށް ޚަރަދު ކުރުމަށް. އަންހެނުންގެ އާއިލާވެސް ހިމެނޭ ގޮތަށް މި ޕްރޮޖެކްޓް ކުރިއަށް މި ގެންދަނީ. ” އީދު ޗުއްޓީއަށް ރަށަށް އައިސްހުރެ އަލީ ރިޒާ ފުރަތަމަ ވެސް ބުނީ މިހެންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން އިސްކަން ދީފައިވަނީ އެކުވެރިކަމާއެކު ދިރިއުޅޭ އާއިލާ އެއް ބިނާ ކޮށް އެގޮތުގައި ބޭއްވުމަށެވެ. އެ މަގްސަދުގައި ދެފަރާތުގެ އާއިލާ ބައިވެރިވާ ކުޅިވަރު އިވެންޓްތަކާ އާއިލާގައި ހިމެނޭ ސްކޫލް ކުދިންނަށް ހުޅުވާލައިގެން މުބާރާތް ތައް ބޭއްވުމާ މުޅި އަހަރަށް ބަލާއިރު އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއްގައި ބޮޑެތި އިނާމު ދިނުން ފަދަ ކަންކަން ކުރަމުން ގެންދިޔައެވެ.

އެކަމަކު ވަޒީފާ އަދާކުރަނީ ރާއްޖެއިން ބޭރުގައި ކަމަށް ވާތީ ކުރިން މަހަކު އެއްފަހަރު ނުވަތަ ޚާއްސަ މުނާސަބަތު ތަކުގައި ބާއްވަމުން އައި އިވެންޓްތަކެއް ނުބޭއްވެއެވެ. އާއިލާ އާ ބައްދަލު ކުރެވެނީ އަހަރަކު ދެފަހަރުއެވެ.

“އެހެންވެ ވިސްނުނީ މި ފުރުސަތަކީ އާއިލާގައި ޖެހިފައިވާ ކުދިކުދި މައްސަލަތަކާ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށް ލިބޭ ހަމައެކަނި ޗާންސް ކަމަށް. އެންމެން ބައިވެރި ވެވޭ ކަހަލަ މަޖާ އެކަމަކު ފައިދާ ތަކެއްވެސް ހުރި އިވެންޓް ތަކެއް ރޭވީ އެގޮތުން .” އަލީ ރިޒާ ކިޔައިދިނެވެ.

އާއިލާގައި ހިމެނޭ ދިހަ ގެއިން ބައިވެރިވެގެން ބޮޑު އީދު ވަރަށް ބޮޑުކޮށް ފާހަގަ ކުރަން ނިންމައި އެގޮތުން އީދު ދުވަހު ހެނދުނު މަގު މަތީގައި ބޭއްވި އީދު ސަޔަކީ ފުރަތަމަ އިވެންޓެވެ. ދުވަހުގެ ޚާއްސަ ދެވަނަ ކަމަކީ މި ދިހަ ގެ ގުޅިގެން އަވައްޓެރިންނާ އާއިލާ ބައިވެރިވާ އީދު ދުވަހުގެ މެންދުރު ކެއުމެވެ.

އާއިލާގެ ފިރިހެނުން ،އަންހެނުންނަށް ދޭ މެންދުރު ކެއުމެއް ތައްޔާރު ކުރަނީ

 

“ކެއުން ތައްޔާރު ކުރަން ހޭދަކުރާ ވަގުތު ތަކަކީ ގުޅުން ބަދަހި ވާ ވަގުތު. ހަނޑޫ ދޮންނާނީ ތަހުމީނައްތަ. ބަތަށް ކިރު އަޅާނީ ރަމްލާ. ލޮނު ލާނީ އެހެން މީހަކު. އެހެންވީމާ އެންމެންގެ ބައިވެރި ވުން އޮވެގެން ބަތް ގަނޑު މި ތައްޔާރު ކުރެވެނީ. އެކަމަކު ސައެއް ތައްޔާރު ކުރުމަށް އެގޮތަށް އެހާބޮޑަށް އެންމެންގެ ބައިވެރިވުމެއް ނޯންނާނެ. ކެއުން ގަނޑެއް ތައްޔާރު ކުރާއިރު ގިނަ ބަޔަކު އެބަޖެހޭ ބައިވެރިވާން. “މެންދުރު ކެއުމެއް ބޭއްވި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަލީ ރިޒާ ބުންޏެވެ.

އީދު ދެވަނަ ދުވަހުގެ ރޭ އޮތީ މާ ވަރުގަދަ އިވެންޓެކެވެ. ފިރިހެނުން ، އަންހެނުންނަށް ރޭގަނޑު ކެއުން ތައްޔާރު ކޮށް ދިނުމެވެ. ހަމަހުރިހާ އެއްޗެއް ހެދުމާ މުޅި ކެއުން ގަނޑުގައި އެއްވެސް އަންހެނަކު ބައިވެރި ނުކޮށް ފިރިހެނުންގެ އަތްތަކުގައި ހުރި ކުޅަދާނަ ކަމެއް ދެއްކުމެވެ. އެކަން އެއާއިލާގެ ހުރިހާ ފިރިހެނުން އެކުވެގެން އަންހެން ވެރިންނަށް ވަނީ ދައްކާފައެވެ.

ރަހަ ގަނޑު ކިހިނެއް ހެއްޔެވެ.؟

“ހަމަ ވަރަށް މީރު. ކެއުމުގައި ތައްޔާރު ކޮށްފައި ހުރި ހުރިހާ އެއްޗެއް ވެސް .އެކަމާ ބެހޭ އިތުރު ކޮމެންޓެއް ނެތް ” އަލީ ރިޒާ އަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ފިރިހެނުން ތައްޔާރު ކުރި ކެއުންގަނޑަށް ތާރީފު ކުރަމުން ބުންޏެވެ.

އޭގެ ހެއްކެކެވެ. އެރޭ އެމީހުންނަށް ތައްޔާރު ކުރި ކުކުޅު މީރުވެގެން އަނެއްކާ އަނެއް ރޭވެސް އެގޮތަށް ކުކުޅު ތައްޔާރު ކުރުވިއެވެ.

ވަޅު އީދު ދުވަހުގެ ރޭ ޚާއްސަ ކޮށްފައިވަނީ ކާބަފައިންގެ ހަނދާން ތައް އާކުރުމުގެ ގޮތުން މައުލޫދު ކިއުމަށެވެ. ޖަމާއަތަކަށް ދައުވަތު ދީގެން އެ ޒަމާނުގައި މާލޫދު ކީގޮތަށެވެ. އިސް ރައްވެހިންގެ ރަންޒަމާނުގައި މާލޫދު ކިއުމަކީ އެހާ އާދައިގެ ކަމެއް ނޫނެވެ. އެޒަމާނުގައި އެކަން ކުރަމުން އައީ ދީނީ ކަމެއްގެ ގޮތުގައެވެ. ބޮޑު ކެއްކުން ގަނޑަކާވެސް އެކުގައެވެ. ކޮންމެވެސް މުހިއްމު މުނާސަބަތަކާވެސް ގުޅުވައިގެންނެވެ.

މައުލޫދު ކިއުމުގެ މަޖިލިސް

އީދުގެ ފަހުރޭ ފާހަގަ ކުރީ އީދު ތެރޭގައި މާއްޑުގައި ބޭއްވި ކުޅިވަރު މުބާރާތް ތަކުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ހަފްލާއެވެ. އާއިލީ ހަވީރެއްގެ ގޮތުގައި މި ހަފްލާ ބާއްވާފައިވަނީ ފެޝަން ޝޯ އަކާވެސް އެކުގައެވެ. ހުރިހާ އުމުރަކަށްވެސް ބައިވެރިވެވޭ ގޮތަށް އޮތް މި ފެޝަން ޝޯއަށް އިންސާފު ކުރުމަށް ފަޑިޔާރުންގެ ގޮތުގައި ތިއްބެވީ އޭދަފުށިން ހޮވާލައިގެން ނަގާފައިވާ ތަޖްރިބާ ހުރި ކަނބަލުން ނެވެ. ވަރަށް ބޮޑު ތަރުހީބެއް ލިބުނު މި އިވެންޓުން އެއްވަނަ އަށް ދިޔަ ފަރާތަށް ލިބިފައިވާ އިނާމަކީ ރިސޯޓެއްގައި ދެ ރޭ އާއިލާ އެކު ހޭދަކުރުމުގެ ހުރިހާ ޚަރަދެކެވެ.

ފެޝަން ޝޯގެ ތެރެއިން / ފޮޓޯ: ފަރުހާދު

ފާހަގަކުރެވުނު އަނެއް ކަމަކީ މި ފެޝަން ޝޯގައި އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުން ދާ ކަނބަލުންވެސް ބައިވެރިވެ ރަތް ވަނަ ތަކަށް ނޮމިނޭޓް ވެފައި ވާކަމެވެ.

ރިޒާ އާއިލާގެ ފަރާތުން އީދުގައި ފާހަގަކުރި އިވެންޓް ތަކުގައި ބައިވެރިވެ ވަނަތަކަށް ހޮވުނު މީހުންނަށް ލިބުނު އިނާމު ތަކަކީ އަގުބޮޑު އިނާމު ތަކެކެވެ. އައިޕެޑާއި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްލުން ފަދަ ކަންކަން ހިމެނެއެވެ.

އަލީ ރިޒާގެ އުއްމީދަކީ އަންނަ އަހަރު މިއަށްވުރެ ގިނަ އިވެންޓްތަކާ އެކު އާއިލާގެ ވަސް ފޯރާ ހިސާބުން ގެ އިތުރަށް އަވައްޓެރިންވެސް ވެސް މީހުން ބައިވެރިކޮށްގެން އީދު ފާހަގަ ކުރުމެވެ. “ހަތަރު ދުވަހު އިވެންޓްތައް ބާއްވާފައި ތިން ދުވަހު ހޮލިޑޭއަކަށް ހުރިހާ އެންމެން ރިސޯޓަކަށް ދާނީ.  18 ރޫމް ނަގާ ގޮތަށް މި ވިސްނަނީ. އެއީ ގާތްގަޑަކަށް 25 އާއިލާ. އިރާދަ ކުރެއްވިއްޔާ މި ކަން މި ގޮތަށް ހިނގާނެ. “އަލީ ރިޒާގެ ތަސައްވަރަކި މިއެވެ.

މިހުރިހާ ކަމަކަށް ޚަރަދު ކުރުމުގައި މުޅި އާއިލާވެސް ބައިވެރި ވެއެވެ. ހާއްސަކޮށް މި ފަދަ މަޖާ އީދެއް ވޭތުވެގެން ދިޔައިރު އާއިލާ އާއެކު ބޭބެ މުހައްމަދު ރިޒާ ނެތުމުގެ އުނިކަމާއި ފަޅުކަން އެންމެން ވެސް އިހުސާސް ކުރެއެވެ. ނަމަވެސް މި އިވެންޓް ތައް ކާމިޔާބު ކަމާއެކު ނިމިގެން ދިޔައީ އޭނާގެ އެއްބާރުލުމާވެސް އެކުގައި ކަން އަލީ ރިޒާ ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top