ދީނާއި ސައިންސާއި ދެމެދުގެ ގުޅުން: [ސައިންސު ގޮވާލަނީ ކަލަކު ވޮޑިގެންވާކަން ގަބޫލުކޮށް އީމާންވުމަށެވެ!] 2

d344ac66-9d7e-47bc-82a2-2555e8388c43.sized-1000x1000.jpg

ޕރ. ލެނޮކްސްގެ ތަގުރީރުގެ ތެރެއިން

ޕުރޮފެސްރ ޖޯން ލެނޮކްސް

ތަގުރީރުގެ މައްޗަށް ނަޒަރު ހިންގައިލުން: އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް

ސައިންސާއި ފަލްސަފާގެ ހަގީގަތް

(5 ނޮވެމްބަރާއި ގުޅޭ)    ސައިންސުގެ ވަޒީފާއަކީ ކަންކަން އޮޅުންފިލުވައިދިނުމެވެ. އެހެންވެ، މިކަމުގެ މާނައިގެ މައްޗަށް ޕރ. ލެނޮކްސް އަލިއަޅުވާލައްވައެވެ. މިސާލަކަށް ޖާޒުބިއްޔަތުގެ ގާނޫނު އޮޅުންފިލުވައިދެނީ ކޮންކަމެއް ހެއްޔެވެ؟ އެ ގާނޫނު އޮޅުންފިލުވައިދެނީ ޖިސްމުތައް އެކަތި އަނެކައްޗަށް ކުރަނީ ކޮންކަމެއް ކަމަކާއި އަދި އެކުރާކަމެއް ކުރާ ގޮތެވެ. [ތިރީގައި ލިޔެފައިވާ ފެން ކެކުމުގެ މިސާލުން މިވާހަކަ އިތުރަށް ސާފުކޮށްދެވިފައިވެއެވެ.] ފަހަރެއްގައިވެސް، ޖާޒުބިއްޔަތުގެ ގާނޫނު، ޖާޒުބިއްޔަތުގެ ހަގީގަތެއް، އޭގެ އަސްލެއް، ބަޔާންކޮށެއް ނުދެއެވެ. އަދި ހަކަތަ ފަދަ، ހަގީގަތް ނޭނގޭ އެހެން އެތައް އެއްޗިއްސެއް ވެއެވެ. ސީދާ ނިޔުޓަން ވެސް މިހަގީގަތް ދެނެހުއްޓެވެ. އޮސްޓުރިޔާގެ ފަލްސަފާވެރިއެއްކަމަށްވާ ލުޑްވިގެ ވިޓްގެންސްޓައިން މިކަން ވަރަށް ސާފުކޮށް ސަރީހަކޮށް ބަޔާންކޮށްދެއްވައެވެ. އޭނާއަކީ މަންތިގާއި އަދި ހިސާބާއި ސިނކުޑިއާއި ބަހާއި މިތިން ދާއިރާގެ ފަލްސަފާގެ ފަލްސަފާވެރިއެކެވެ. އޭނާ ވިދާޅުވެފައިވެއެވެ. “ހަދާސަތު (މޮޑާނިޓީ) ގެނުވި އެންމެ ބޮޑު ވަހުމަކީ، ކުށްހީއަކީ، ކައުނަކީ ހަގީގަތުގައި ކޮންއެއްޗެއްކަން، [ކައުނުގެ އަސްލަކީ ކޮބައިކަން] ގުދުރަތުގެ ގާނޫނުތައް އަހަރުމެންނަށް ބުނެދޭކަމުގެ ވާހަކައެވެ. ގުދުރަތުގެ ގާނޫނުތައް ކައުނު ސިފަކޮށް ބަޔާންކޮށްދެއެވެ. އަދި ގުދުރަތުގައި ގަވާއިދުން، ވަކި ހަމަތަކެއްގެ މަތިން، ހިނގަހިނގާ ހުންނަ ކަންކަން ސިފަކޮށްދީ އޮޅުންފިލުވައިދެއެވެ. ނަމަވެސް، އެގާނޫނުތައް އެއްވެސް އެއްޗެއްގެ (ހަގީގަތް، އޭގެ އަސްލެއް) އޮޅުންފިލުވައެއްނުދެއެވެ.”

އޮޅުންފިލުވައިދިނުމުގެ މާނަ އިތުރަށް ފަހުމުކޮށްދިނުމުގެ ގޮތުން، ޕރ. ލެނޮކްސް މިސާލެއް ގެނެސްދެއްވައެވެ. ފެން ކެކެނީ ކީއްވެގެންކަން އަހައި ސުއާލުކޮށްފި ނަމަ ދެވޭ ޖަވާބުގެ މައްޗަށް ބައްލަވާލައްވަމުންނެވެ. ފިޒިކްސް މެދުވެރިކޮށް އެކަން އޮޅުންފިލުވައިދެވިދާނެއެވެ. ފެން ކެކެނީ އަލިފާނުން ބޭރުވާ ހޫނު، ކުރާގެ ލޮއި [ނުވަތަ ކުރާ ހެދިފައިވާ އެނޫންވެސް މައުދަނެއްގެ] ފުލަށް ވާސިލުވެ، އެ ލޮއިގެ ފޫ ތެރެއިން ހޫނުކަން ފެނަށް ފޯރުމުންނެވެ. އަދި އެކަމުގެ ސަބަބުން ފެނުގެ ޖުޒައްޔުތައް (މޮލިކިޔުލުތައް، އެބަހީ، މުރައްކަބު މާއްދާއެއްގައި އެކުލެވިގެންވާ އެންމެ ކުޑަބައި) ހަރަކާތް ކުރާލެއް އަވަސްވެއެވެ. ފެންކެކޭ ގޮތް ފިޒިކްސްގެ އަލީގައި މިފަދައިން ކިޔައިދީ އޮޅުންފިލުވައިދެވެއެވެ. މީގެ އިތުރުން، ފެން ކެކެން، އެންމެ ފުރަތަމަ މެދުވެރިކުރުވި ސަބަބު ވެސް އެބަ އޮތެވެ. އެއީ މީހަކު ކޮފީ ބޯންވެގެން ފެންކައްކަން ބޭނުންވުމެވެ. ފެންކެކެނީ ކީއްވެގެންކަން އޮޅުންފިލުވައިދިނުމުގެ ގޮތުން ބުނެދޭ މި ދެވާހަކައަކީ ވެސް ހަމަ ސައްހަ ދެ ވާހަކައެވެ. ނަމަވެސް މިއީ ދެބާވަތެއްގެ އޮޅުން ފިލުވައިދިނުމެކެވެ. ފިޒިކްސްގެ ގާނޫނުތަކާއި އަމަލިއްޔާތުގެ ހަމަތަކުގެ މަތިން، ފެންކެކޭ ގޮތުގެ އަމަލިއްޔާތު އޮޅުންފިލުވައިދެވެއެވެ. އަދި އެގޮތަށްވާން ދިމާވީ ކިހިނެއް ވެގެންކަން، ދެވަނައަށް ބުނެދެވުނެވެ. މީހަކު ކޮފީތަށްޓެއް ބޯންވެގެން ފެން ކައްކަން ބޭނުންވެ، ކުރާ އުދީމައެވެ. މި ދެއޮޅުންފިލުވައިދިނުން، އެކަތި އަނެކެއްޗާ ފަހަރެއްގައިވެސް ފުށެއްނާރާއެވެ. އެއް އޮޅުންފިލުވައި ދިނުން އަނެއް އޮޅުންފިލުވައި ދިނުން ބާތިލެއް ނުކުރެއެވެ. އަދި ކިއެއް ހެއްޔެވެ؟ އެއް އޮޅުންފިލުވައިދިނުމަކީ އަނެއްއޮޅުންފިލުވައިދިނުން ފުރިހަމަކޮށްދޭ ކަމެކެވެ.

މިމިސާލު ޖާޒުބިއްޔަތު ގާނޫނުގެ މައްޗަށް ހިންގާލާ ނަމަ، ބުނެވޭނީ ޖާޒުބިއްޔާތުގެ ގާނޫނުތައް ކަންކަން ހިނގާގޮތް ބަޔާންކޮށްދެއެވެ. ނަމަވެސް، ޖާޒުބިއްޔާތަކީ ކޮބައިކަމާ ޖާޒުބިއްޔާތުގެ ބާރު ލެއްވުނީ ކިހިނެއްކަމާ، އަދި ކާކުކަން، ޖާޒުބިއްޔާތުގެ ގާނުނު އޮޅުންފިލުވައިދީ ބުނެއެއް ނުދެއެވެ. އެކަން ކުރިފަރާތެއް، ފެންކެއްކި ފަރާތައް ވާންޖެހޭހެން، އޮންނަންޖެހެއެވެ. ޖާޒުބިއްޔާތުގެ ގާނޫނު ލެއްވެވި ފަރާތަކީ، އިލާހީން ދެކޭގޮތުގައި، މާތްކަލާނގެއެވެ.

މިފަދަ އެހެން މިސާލެއް މޮޓަރު ކާރަށް ބަލައިލުމުން ވެސް ފެނެއެވެ. މޮޓަރުކާރު ދުވަނީ ކިހިނެއްކަމާ އަދި އެކާރު އުފެއްދީ ކާކުތޯގެ މައްޗަށް ބަލާލައިގެންނެވެ. އެކާރު ދުވަނީ އޭގެ އެތެރޭގައި ހަރުކުރެވިފައިވާ ހަކަތަ އަންދާ އިންޖީނުގެ ސަބަބުންނެވެ. މިކަން އޮޅުންފިލައި ދިޔުމުން، ކާރު އީޖާދުކުރީ ހެންރީފޯޑުކަމެއް ބާތިލެއް ނުކުރެއެވެ. މިދެއެނގުމަކީ، އެއް އެނގުން އަނެއް އެނގުމާ ވާދަކޮށް، އެކަތި އަނެކަތި ނަފީކުރާ ކަމެއް ނޫނެވެ. މީގެ މާނައަކީތޯއެވެ؟ ކުރިން ވެސް ބުނިފަދައިން، ގުދުރަތުގެ ގާނޫނުތައް އެނގުމަކީ އެ ގާނޫނުތައް ކަނޑައަޅުއްވައި ގުދުރަތުގައި އެކަންކަން ލައްވަވައި އެގާނޫނުތަކުގެ މަތިން ގުދުރަތުގެ ކަންކަން ހިނގުން މެދުވެރިކުރެއްވި ކަލާނގެ ވޮޑިގެންވުން ނަފީކުރާކަމެއްނޫނެވެ. މިއާ ޚިލާފަށް، އެކަން އެނގުމީ މާތްކަލާނގެ ވޮޑިގެންވާ ކަމަށް އިޝާރަތްކޮށް، ހެކިދޭ ކަމެވެ. މި ހުއްޖަތް ދާދި ފަސޭހައިން އެންމެނަށް ވެސް ވިސްނައިގަނެވޭނޭކަމަށް ޕރ. ލެނޮކްސް ވިދާޅުވެއެވެ.

އޮކްސްފޯރޑް ޔުނިވަރސިޓީގެ އެހެން އިލްމުވެރިޔަކު ކަމުގައިވާ ޕރ. ރިޗަރޑް ސްވިންބާރން މިނުކުތާ ބަޔާންކުރައްވަނީ މިފަދައިންނެވެ. ‘ސައިންސު، ކަންކަން، އޮޅުންފިލުވައިދޭކަމާ މެދު، އަހަރެން، ފަހަރެއްގައިވެސް، އިންކާރެއް ނުކުރަމެވެ. ނަމަވެސް، އަހަރެން މާތްކަލާނގެ ވޮޑިގެންވާކަން ފަރުޟުކޮށްލަނީ ސައިންސަށް އޮޅުންފިލުވައިދެވެނީ ކީއްވެގެންކަން އޮޅުންފިލުވައިދިނުމުގެ ގޮތުންނެވެ. ތަބީއަތުގެ ދުނިޔެވަނީ ކިހާ މަތިވެރި ދަރަޖައަކަށް އިންތިޒާމު ކުރެވިފައިކަން އަހަރުމެންނަށް، ސީދާ ސައިންސު ދައްކައިދިނުމުގައި ހޯދާފައިވާ ކާމިޔާބު އަންގައިދެނީ، މިއިންތިޒާމު ކުރުން ވުޖޫދަށް ގެނައުމުގައި އަދި އެއަށްވުރެ ވެސް މަތިވެރި ސަބަބެއްވާކަމަށް އީމާންވެ، އެކަން ގަބޫލުކުރުމަށެވެ.’

މިއަށް ފަހު، ޕރ. ލެނޮކްސް، އޮޅުންފިލުވުމާ ގުޅޭ އެހެން ނުކުތާއެއްގެ މައްޗަށް އަލިއަޅުވާލައްވައެވެ. އެއީ މުއައްގަދު މައްސަލަތައް (‘ގޮށްތައް’ ގިނަ، އޮޅުން ބޮޅުން ބޮޑު – ‘ކޮމްޕްލެކްސް’ މައްސަލަތައް) އޮޅުންފިލުވައިދިނުމުގައި މުއައްގަދު މަފްހޫމުތައް ބޭނުންކުރުމެވެ. މިސާލަކަށް ގުދުރަތީ ގާނޫނުތައް ވުޖޫދުގައިވުން ކަލާނގެއަށް ނިސްބަތްކޮށް އެކަން އޮޅުންފިލުވައިދިނުމެވެ. މިސާލަކަށް ޖާޒުބިއްޔަތުގެ ގާނޫނުގެ އަސްލު މާތްކަލާނގެއަށް ނިސްބަތްކޮށް އެކަން އޮޅުންފިލުވައިދިނުމެވެ. މިތަނުގައި އޮޅުންފިލުވައިދެވޭ އެއްޗަކީ ޖާޒުބިއްޔަތުގެ ގާނޫނެވެ. އެއީ ވަރަށްވެސް މުއައްގަދު، އޭގެ ސިއްރު ނޭނގޭ ގާނޫނެކެވެ. މިކަމުގެ އަސްލު އޮޅުންފިލުވައި ދިނުމުގެ ގޮތުން ބޭނުންކުރެވިފައި މިއޮތީ މާތްކަލާނގެއެވެ. ހަމަ އެހާމެ މުއައްގަދު މަފްހޫމެކެވެ. އެ މަފްހޫމުގެ ހަގީގަތް ދެނެގަންނަން އިންސާނާ ނުކުޅެދިފައިވާ، [އިސްލާމީ ބަހުރުވައިގައި، ބުނެވޭގޮތުން ނަމަ، ‘ޣައިބު’ގެތެރޭގައިވާ، އެބަހީ އެކަމުގެ ހަގީގީ ސޫރަ، ހިތަށް ގެނައުމަށް ނުކުޅެދިފައިވާ] މަފްހޫމެކެވެ. މިއީ ޕރ. ޑޯކިންސް، އޭނާގެ ‘ގޯޑް ޑިލޫޝަން’ގައި ކަލަކުވޮޑިގެން ނުވާ ކަމަށް ގެންނަވާ ވާހަކައެކެވެ. ކަލެއްގެ ވާހަކަ ގެނެސް ކަންތައް އޮޅުންފިލުވައި ނުދެވޭނޭ ކަމުގެ ވާހަކަ ވިދާޅުވަމުންނެވެ. ޕރ. ޑޯކިންސްއާ ކުރެވުނު މުނާޒަރާގައި މިވާހަކައަށް ރައްދުދެއްވައި ޕރ. ލެނޮކްސް ވިދާޅުވެއެވެ. މިސާލަކަށް ‘ގޯޑް ޑިލޫޝަން’ މިފޮތުގެ އަސްލަށް ބައްލަވާށެވެ. އެ ފޮތް އުފެދިގެން އައީ މީހެއްގެ ބުއްދީގެ ނުވަތަ ސިކުނޑި މެދުވެރި ވެގެންނެވެ. އެ ފޮތަކީ ވަރަށް ވެސް މުއައްގަދު ފޮތެކވެ. ހަތަރުސަތޭކަ ވަރަކަށް ސަފުހާގެ މައްޗަށް އެކުލެވޭ، އޭގައި މުއައްގަދު ފިކުރީ، ޒިހުނީ ވާހަކަތައް ހުރި ޕރ. ޑޯކިންސް ލިޔުއްވި ފޮތެކެވެ. މި ފޮތުގެ އަސްލު އޮޅުންފިލުވައިދިނުމުގެ ގޮތުން ގުޅުވާލެވެނީ އަދި އެއަށް ވުރެވެސް މުއައްގަދު އެއްޗަކާއެވެ. ސިކުނޑި ނުވަތަ ބުއްދިއާއެވެ. ޕރ. ޑޯކިންސްގެ ސިކުނޑިއާއެވެ. އެހެންވީމާ، މުއައްގަދު އެއްޗެހި އޮޅުންފިލުވައި ދިނުމަށްޓަކައި މުއައްގަދު އެއްޗެހި ބޭނުންކުރެވޭކަމީ މައްސަލައެއް އޮތްކަމެއް ނޫނެވެ.

މި ނަންގަތް މައްސަލަ – މުއައްގަދު ކަންކަން އޮޅުންފިލުވައި ދިނުމުގައި މުއައްގަދު މަފްހޫމުތައް ބޭނުންކުރުން – ވަރަށް މުހިއްމު ނުކުތާއަކާ ގުޅެއެވެ. އެއީ ބަހާބެހޭ ކަންކަން އޮޅުންފިލުވައި ދިނުމާއެވެ. މިކަމުގެ އަސްލު ގުޅެނީ ބުއްދިއާއެވެ. ނުވަތަ ސިކުނޑިއާއެވެ.

މިކަން އިތުރަށް ސާފުކޮށްދެއްވުމުގެ ގޮތުން ޕރ. ލެނޮކްސް ހޮޓަލެއްގެ މެނޫގައި ވާ ‘ރޯސްޓު’ މި ލަފުޒު އެކުލެވިގެންވާ އަކުރުތަކުން މާނަ އުފެދިގެންއައި ގޮތާ މެދު ސުއާލުކުރެއްވިއެވެ. މިކަމަކީ އެލަފުޒު ލިޔެވިފައިވާ ކަރުދާހާއި ދެލީގެ ކެމިސްޓްރީގެ އަލީގައި ބަޔާން ކޮށްދެވޭނޭ ކަމެއް ނޫނެވެ. ދެން، އޭނާގެ ތަގުރީރުގެ މުހިއްމު ނުކުތާތައް އިސްކުރީނަކަށް ފޮނުވާލައިގެން، ދައްކައިދޭ ލިޔުމަށް އިޝާރަތްކޮށްލައްވައި ވިދާޅުވިއެވެ. މިކަމުގެ އަސްލު ގުޅެނީ މިކަން ކުރުމަށް ބޭނުން ކުރެވޭ މެޝިންތަކާއެއް ނޫނެވެ. މިކަން ގުޅެނީ ޕރ. ލެނޮކްސްގެ ސިކުނޑިއާއެވެ. ދެން އޭނާގެ އެކުވެރި އޮކްސްފޯރޑުގެ އެހެން އިލްމުވެރިޔެއްގެ ބަސްކޮޅެއް ގެންނެވިއެވެ. ސައިންސުގެ އަލީގައި ބަސްބަހާ ގުޅޭ މައްސަލަތަކުގެ އަސްލު އޮޅުން ފިލުވައި ނުދެވޭނެ ކަމުގެ ވާހަކައިގެ މައްޗަށް ބާރުދެއްވައި އިތުރު ހެކި ގެންނެވުމުގެ ގޮތުންނެވެ. މީނާއަކީ ކޮންމެ މުއައްގަދު އެއްޗެއް، އެއެއްޗެއް އެކުލެވިގެންވާ ކުދިކުދި ބައިތަކަށް ކުދިކޮށްލައި، (ރެޑިޔުސްކުރުން، މިފަދައިން ކަންކަން ކުރެވޭނޭކަން ގަބޫލުކުރާ މީހުންނަކީ ‘ރިޑަކްޝަނިސްޓުން) ސައިންސުގެ އަލީގައި ކަންކަން އެއްކޮށް އޮޅުންފިލުވައިދެވޭނޭކަން ގަބޫލުކުރާ ބޭކަލެކެވެ. އާދެ ‘ރިޑަކްޝަނިސްޓެ’ކެވެ. ކޮންމެ އަކަސް މީނާއަށް ‘ރޯސްޓު’ މިލަފްޒުގައި ހިމެނޭ އަކުރުތަކުގެ މާނަ އެކުލެވުނީ ކިހިނެއްކަން ސައިންސުގެ އަލީގައި ބުނެނުދެވޭނެކަން އެނގުމުން، އެކަމަށް އިއުތިރާފުވެ ބުންޏެވެ. “އަހަރެން 40 އަހަރުވަންދެން ތިޔައީ ކުރެވިދާނެ ކަމެއް ކަމަށް ހީކޮށް އޮކްސްފޯރޑު ޔުނިވަރސިޓީގެ އަހަރެންގެ ލެބޯޓަރީއަށް ދިޔައީމެވެ. ނަމަވެސް ސާފު ސީދާކޮށް އެނގޭގޮތުން އެއީ ފަހަރެއްގައިވެސް ވާނޭ ކަމެއް ނޫނެވެ.”

ބަހުގެ އުފެއްދުންތައް ގުޅެނީ ސިކުނޑިއާ ކަމަށް ވާއިރު، ޕރ. ލެނޮކްސް އަޑުއެހުންތެރިންގެ ސަމާލުކަމަށް ދެން ގެންނަވަނީ  އިންސާނީ ޖީނޯމުގެ (އިންސާނީ ސިފަތަކާއި އަދި އެހެންކަންކަން ވެސް ވާރުތަކުރާ އެތީގެ) ވާހަކައެވެ. އަދި އެ ޖީނޯމުގައި 3.5 ބިލިޔަން އަކުރު ހަމަ ސީދާ އެ އޮންނަންވާ މަގާމުގައި ލެއްވިފައިވާ ވާހަކައެވެ. ތަބީއިއްޔަތުގެ ފަލްސަފާއާއި – އާދެ، ކުރިން ބުނެވިދިޔަހެން، ވުޖޫދުގެ އެންމެ ފަހުގެ ހަގީގަތަކީ ހަމަ އެކަނި، ތަބީއަތުގައި ލެއްވި، ފެންނަން އޮތް ހިއްސީ އެއްޗިހިކަމުގެ ފަލްސަފާއާއި- ލާއިލާހިއްޔަތުގެ ގޮތަކީ ހައްގު ތެދުކަމަށް ވަންޏާ، އެ ފަލްސަފާއަށް އިންސާނީ ޖީނޯމް އޮޅުންފިލުވައިދޭން އެނގެންޖެހޭނެއެވެ. ‘ރޯސްޓު’ މި ލަފްޒު އުފެދުމުގެ އަސްލު ގުޅެނީ ސިކުނޑިއަކާ ކަމަށް ގަބޫލުކުރެވޭއިރު، އިންސާނީ ޖީނޯމްގެ، – އެތައް ބިލިޔަން އަކުރެއް އޭގައި އެކުލެވޭ ޖީނޯމްގެ – ފުރަގަހުގައި މާ ވަރުގަދަ ‘ސިކުނޑިއެއް’ ވާންޖެހޭނޭކަން ލާޒިމުކުރެއެވެ. އާދެ، އެއީ މާތްކަލާނގެއެވެ. މިކަމުން އެކަނިވެސް، މާތްކަލާނގެ ވޮޑިގެންވާކަމުގެ ހެކި، އެފަދަ ހެކި ބޭނުންވާ މީހަކަށް، ލިބެން އެބަ އޮތެވެ. [އަނެއްކާވެސް، ހަނދާންވަނީ ކީރިތި ޤުރުއާނުގެ އާޔަތެކެވެ. ފުއްސިލަތު ސޫރަތުގެ 53ވަނަ އާޔަތުގައިއޮންނަ سنريهم آياتنا في الآفاق وفي أنفسهم … އާފާގުތަކުގެ ތެރެއިންނާއި އަދި ޚުދް އެމީހުންގެ ނަފްސުތަކުގެ ތެރެއިންވެސް، ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންނަށް ދައްކަވާހުށީމެވެ’ މިއާޔަތެވެ. އާދެ، މާތްކަލާނގެ ވޮޑިގެންވާ ކަމުގެ ހެކި އިންސާނާގެ ނަފްސުތެރެއިންވެސް ފެންނާނެވާހަކައެވެ.

ދެން، މިކަމަށް، – މިފަދަ ކަންކަމުގެ ފުރަގަހުގައި އިލާހީ ބާރު ފޮރުވިފައިވާކަމަށް – ބާރު ލިބޭ އިތުރު ވާހަކަތައް ޕރ. ލެނޮކްސް ގެންނެވިއެވެ. މިގޮތުން 1963ގައި ފިޒިކްސްގެ ރޮގުން ނޯބެލް އިނާމު ހާސިލުކުރެއްވި ޔޫޖީން ޥިގްނަރގެ ބަސްކޮޅެއް ވިދާޅުވެ ނަކަލުކޮށްލެއްވިއެވެ. ޥިގްނަރ ވިދާޅުވިއެވެ. “ހިސާބުގެ މިއޮއްބޮޑު ބޭނުންތެރިކަން، އެކަންކަމުގެ ހަގީގަތަކީ ކޮބައިކަން ނޭނގޭ ކަންތައްތަކުގެ އިމާއި ގާތްކުރެއެވެ. ބުއްދީގެ ހަމަތައް ބޭނުންކޮށްގެން އެކަން އޮޅުން ފިލުވައިދެވޭނެ ގޮތެއް ނުވެއެވެ. ފިޒިކްސްގެ ގާނޫނުތައް އެކުލަވާލުމަށްޓަކައި ހިސާބު އިލްމުގެ ބަހުރުވައިގެ އެކަށޭނަކަމުގެ މުއުޖިޒާތަކީ އަޖައިބު ކުރުވަނިވި ހަދިޔާއެކެވެ. މިމުއުޖިޒާތުގެ ހަގީގަތް އަހަރުމެނަށް ފަހުމުވެ ދެނެއެއް ނުގަނެވެއެވެ. އަދި އެކަން ދެނެގަތުމުގެ އެކަށޭނަކަންވެސް އަހަރުމެންގެ ކިބަޔަކު ނެތެވެ.” އާދެ، މިހަގީގަތް ގުޅެނީ ކަލަކު ވޮޑީގެންވުމާއެވެ. އާދެ! މިކަންކަން އިޝާރަތްކުރަނީ މާތްކަލާނގެ ވޮޑިގެންވުމުގެ މައްޗަށެވެ.(ނުނިމޭ )

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top