ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީން ގާނޫނީ އެހީ

GV-zW2daoAEvXrm.jpeg

މިސަރުކާރުން ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ އިން ގާނޫނީ އެހީދޭން ނިންމައިފި އެވެ.

އެމްޑީޕީން އެގޮތަށް ނިންމީ ސަރުކާރަށް ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށް ޓަކައި ވަޒީފާތަކުން ވަކިކުރަމުންދާތީ ކަމަށް ބުނެއެވެ.

އެމްޑީޕީން ބުނީ ސަރުކާރުގެ ކުންފުނިތަކާއި، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ.

އެގޮތުން އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

އެމްޑީޕީން ބުނީ ދައުލަތުގެ ޚަރަދުކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑައި، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް އަދިވެސް މީހުން އައްޔަނުކުރަމުންދާ ކަމަށެވެ.

އަދި ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލައި، ސަރުކާރުގެ ޚަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެންމެ ފުރަތަމަ ސަރުކާރާ ހަމައިން ފެށުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ 2،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން މަގާމުތައް މަދުކުރުމާއެކު ސަރުކާރުން ބޭކާރު ގޮތުގައި ކުރަމުންދާ ޚަރަދުތައް ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައެވެ.

އެމްޑީޕީން ވަނީ ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރެވޭ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އެޅޭ މުވައްްޒަފުންގެ ތެރެއިން އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މެއިލް މެދިވެރިކޮށް ނުވަތަ ވައިބާއިން މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ.

އެމްޑީޕީން ބުނީ މެއިލް ކުރާނީ [email protected] އަށް ކަމަށެވެ. އަދި ވައިބާ ކުރާނީ 7341637 އަށް ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top