އަމިއްލަ ފޮޓޯވެސް ސޯޝަލް މީޑިއާއަށް ލާއިރު ސަމާލުވުމަށް އިލްތިމާސް ކޮށްފި

large_172614800630pyKb.jpg

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ސައިބާކްރައިމް ސެންޓާ އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހު ވާހަކަދައްކަވަނީ: އިލްތިމާސްކުރެއްވީ ސޯޝަލް މީޑިއާގައި ކުޑަކުދިން ކުރާކަންކަން މޮނިޓާކޮށް އެކުދިންގެ ފޮޓޯ ޝެއާކުރުމުގައި ސަމާލުވާން -- ސަން ފޮޓޯ/ މޫސާ ނަދީމް

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް އަމިއލް ފޮޓޯ ލާއިރު ވެސް އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން މިފަދައިން އިލްތިމާސް ކޮށްފައި ވަނީ ބަރަހަނާ މަންޒަރުތައް އާއްމުކުރާ ޓެލެގްރާމް ޗެނަލްތަކުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ ގިނަ އަދަދަކަށް ފެނިފައިވުމުންނެވެ.

ފުލުހުން ވިދާޅުވީ ސޯޝަލް މީޑިއާއަށް އެގޮތަށް ފޮޓޯ ލުމުން، އެޑިޓްކޮށް ބަރަހަނާ ކަމަށް ބެލެވޭ ގޮތަށް ބަދަލުކޮށްގެން ފޮޓޯތައް ދައުރުވާކަން ފާހަގަވެފައިވާ ކަމަށެވެ.

ބަރަހަނާ މަންޒަރު އަޅާ 571 ޗެނަލް ފުލުހުން ހިފަހައްޓާފައި ވާއިރު އޭގެ ތެރެއިން ނުވަ އެކައުންޓު ހިންގާކަމުގެ ތުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ޗެނަލްތަަކަށް ތިން ހާހަށްވުރެ ގިނަ މީހުން ސަބްސްކްރައިބްކޮށް، ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އެފަދަ މަންޒަރު ބަލަން ދައްކައިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ސައިބާކްރައިމް ސެންޓާ އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހު ވިދާޅުވީ އެކި ގޮތް ގޮތުން ސޯޝަލް މީޑިއާގައި ކުޑަކުދިން ފޮޓޯ ފޮނުވާ ހަދާ ކަމަށެވެ.

އެގޮތަށް ފޮނުވާ ފޮޓޯއަކީ އިތުބާރުކުރާ ފަރާތަކަށް ފޮނުވައިގެން ނުވަތަ ނޭނގި ނަމަވެސް ފޮނުވިގެން ނޫނީ ޑިލީޓްވާނެކަމަށް ބަލައިގެން ފޮނުވާ ފޮޓޯ އަދި ވީޑިއޯތައް ކަމަށެވެ.

ސްނެޕްޗެޓް ކަހަލަ ޕްލެޓްފޯމްތަކުގައި ޑިލީޓް ވާނެކަމަށް ގަބޫލުކޮށް އެއީ ސެކިޔޯ އެއްޗެއްކަމަށް ހީކޮށް، ރިކޯޑު ނުކުރެވޭނެ ކަމަށް ބަލާ އެ ފޮނުވާ ފޮޓޯތައް ވެސް ރެކޯޑުކުރެވޭނެ ޓެކްނިކަލް ވަސީލަތްތައް އެބަހުރި. އެހެންވީމަ މިފަދަ ކަންކަމުން ދުރުވުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން،   

 ހެޑް އޮފް ސައިބާކްރައިމް ސެންޓާ މުހައްމަދު ސަމީހު 

ވަކިން ޚާއްސަކޮށް މޮބައިލް ޑިވައިސްތަކާއި ޓެބްލެޓް ނުވަތަ ކޮމްޕިއުޓަރު ކުޑަކުދިން ބޭނުންކުރާއިރު ބެލެނިވެރިން ހުޝިޔާރުވެ، ފާރަވެރިވާން އޭނާ އިލްތިމާސް ކުރެއްވި އެވެ. އަދި އެ ކުދިން އެ ޑިވައިސްތަކުން ކުރާ ކަންތައްތައް ބަލައި، މޮނިޓާކޮށް، ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި ދޭން ނުޖެހޭ އެކްސެސްތައް ނުދިނުމަށް އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޗެނަލްތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅުއެޅުމަށްޓަކައި، ފުލުހުންނަށް ދޭ އެއްވެސް މައުލޫމާތަކީ ލީކުވާނެ މައުލޫމާތެއް ނޫން ކަމަށާއި އެފަދަ މައުލޫމާތުތައް ހިއްސާކުރުމަށް ފަސްނުޖެހުމަށެވެ.

އެ ކުދިންގެ ފަރާތުން ބަޔާން ނެގުމަށްޓަކައި މަސައްކަތްކުރިނަމަވެސް އެ އެއްބާރުލުން ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޒީފް ވިދާޅުވީ އެފަދަ ޗެނަލްތައް ހުއްޓުވުމަކީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އެކަމުގައި ފަރުދީ ޒިންމާ އިސްކުރަންޖެހޭ ކަމަށާއި ގާނޫނީ ހަމަތަކުގެ މަތިން އެކަން ކުރާ ފަރާތްތަކަށް އަދަބު ދެވޭނީ ވެސް އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.

”އެންމެ ހިތާމަވެރި ކަމަަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ސީސޭމް ކޮންޓެންޓުތައް މީގައި ޕޯސްޓުކޮށްފައިވާކަން. އަދި މީގައި އެންމެ ބޮޑު ގެއްލުމަކަށް އަޅުގަނޑަށް ފާހަގަކުރެވެނީ އެކުދިންގެ ވަނަވަރު އެނގޭ ގޮތަށް މި ފޮޓޯތައް ޕޯސްޓުކޮށްފައިވާކަން.“ އަޒީފް

އެފަދަ ޗެނަލްތައް ހިންގާ ފަރާތްތައް ބްލެކްމެއިލް ކޮށްގެން ނުވަތަ އެ ނޫންވެސް ގޮތަކުން “ވިކްޓިމައިޒް” ވެއްޖެ ފަރާތެއް ނަމަވެސް ވީހާވެސް އަވަހަކަށް ފުލުހުންނަށް އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތު ދައްކާ ގޮތުގައި އެފަދަ ފޮޓޯއާއި ވީޑިއޯ ދައުރުކުރާ 571 ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އެ ޗެނަލްތަކުގައި އެކި މީހުންގެ 241،651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓްކޮށްފައިވާއިރު، 34,680 މީހުން އެ ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވެއެވެ.

ފުލުހުން ބުނީ އޭގެ ތެރޭގައި ކުޑަކުދިންގެ ބަރަހަނާ އަދި ޖިންސީ ގޯނާގެ ފޮޓޯ އާއި ވީޑިއޯ ދައުރުކުރާ 43 ޓެލެގްރާމް ޗެނަލް ހިމެނޭ ކަމަށެވެ.

އަޒީފް އިތުރަށް ވިދާޅުވީ ޓެލެގްރާމު ޗެނަލްތައް ހިންގައިގެން މި ތިން މީހުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ. ފައިސާގެ ތަފްސީލްތައް ހޯދުމަށް ހާއްސަ އޮޑިޓެއް ހަދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ބަރަހަނާ ވީޑިއޯ އަދި ފޮޓޯ ވިއްކާ ޗެނަލްތަކުގައި ތިބި ސަބްސްކްރައިބް ކޮށްގެން ތިބި މީހުން ދެނެގަނެ އެމީހުންނަށްވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top