ބ. އަތޮޅުގެ ހަތަރު ރަށެއްގައި ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމާއި ސްކްރީނިންގ ޕްރޮގްރާމުގައި 777 މީހުން ބައިވެރިވިކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން މިމަހުގެ 4 އިން 7 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމު ހިންގާފައިވަނީ އޭދަފުށީގެ އިތުރުން ފެހެންދުއާއި ގޮއިދޫ އަދި ފުޅަދޫ ގައެވެ.
މި ޕްރޮގްރާމުގައި ގައިގެ ކެންސަރަށް 242 މީހުން ، އަނގައިގެ ކެންސަރަށް 303 މީހުން، ރަހިމުގެ ކެންސަރަށް 144 މީހުން ސްކްރީން ކުރެވުނު ކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ގޮހޮރުގެ ކެންސަރަށް 42 މީހުންނާއި ފިރިހެނުންގެ ޕްރޮސްޓޭޓް ކެންސަރަށް 46 މީހުން ސްކްރީން ކުރެވުނެވެ.
މި ޕްރޮގްރާމުގެ ތެރެއިން އެ ރަށްރަށުގައި ކެންސަރަށް ހޭލުންތެރި ކުރުމުގެ އަށް ސެޝަން ބޭއްވުނު ކަމަށާއި، މި ސެޝަންތަކުގައި 55 ދަރިވަރުންނާއި 99 ބޮޑެތި މީހުން ބައިވެރިވި ކަމަށްވެސް އެ ޖަމިއްޔާއިން ހާމަ ކުރިއެވެ.
ކެންސަރ ސޮސައިޓީން ބުނީ މި ޕްރޮގްރާމަކީ ބ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ކެންސަރު ދެނެގަތުމަށް މަގުފަހިކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް މި ޕްރޮގްރާމް ހިންގަން ރާވާފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.