ހަރާމް ތަކެތި އަނބިދަރިންނަށް ދިނުމަކީ ދަރިން ވިޔާނުދާ ވެދާނެ ކަމެއް: ޚުތުބާ

DSCN9428-800x468-800x468.jpg

އޭދަފުށީ ބޮޑު މިސްކިތް --އީވީ ފޮޓޯ

ހަރާމްތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ދަރިން ވިޔާނުދާ އަމަލުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މައިގަނޑުގޮތެއްގައި ރިޝްވަތުގެ ނުބައި ކަމާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ، މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުދަނގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށެވެ.

އެއީ ތިމާއަށް ހައްގުނޫން ކަމެއް ނުވަތަ ހައްގު ނޫން އެއްޗެއް ލިބިގަތުމަށް ނުވަތަ ތިމާ ކަމަކުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެ ނޫން ވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ހޯދައިދިނުން ކަމަށްވާއިރު، އެއީ ސިއްރުގޮތެއްގައި ކުރެވެމުންދާ ކަމަކަށްވާތީ، ވަރަށް ގިނަ މުޖުތަމައުތަކުގައި ރިޝްވަތުގެ އަމަލުތައް އާންމުވެފައިވާ ކަމަށް ވެސް ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ ރާއްޖެ ވެސް އެ ނުރައްކާތެރި ވަބާގައި ޖެހިފައިވާއިރު ރިޝްވަތާއި ނާޖާއިޒު ފައިދާ އާއި ހިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ އެކަމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް މުޖުތަމައުގެ ބައެއް މީހުން ދެކެން ފަށާފައިވާ ކަމަށެވެ.

ނަމަވެސް ގާނޫނުތަކާއި ގަވާއިދުތަކާ ދިމާ އިދިކޮޅަށް ތިމާ ބޭނުންވާ ކަންކަން ހާސިލު ކުރުމަށްޓަކައި ކުރެވޭ އެފަދަ އަމަލުތަކަކީ ތިމާމެންގެ ގައުމުގެ މުސްތަގުބަލާއި ދަރިންގެ ކުރިއެރުމާއި ތަރައްގީ، އަރައި ނުގަނެވޭފަދަ ފުންވަޅުގަނޑަކަށް ވެއްޓިދާނެ ކަމެއް ކަމަށްޚުތުބާގައި ބުނެފައިވެ އެވެ.

ރިޝްވަތު ހިފާ މީހުންނަކީ ހަރާމް މުދާ ކައިއުޅޭ މީހުން ކަމުގައި ގުރުއާނުގައި ސިފަ ކުރައްވާފައި ވާކަމަށާ އެބައިމީހުންގެ އަނބިދަރިން ނަރަކައަަށް އެއްލައިލަނީ އަމިއްލަ އަތުން ކަމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ. ހަރާމްތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބަސްނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހި ވެގެންދާނެ ކަމެއް ކަމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

ރިޝްވަތު ހިފުމާއި ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި ހިޔާނާތްތެރިވުމާއި މަކަރާއި ހީލަތްހެދުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފަ ތަކެއްކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ރިޝްވަތުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲގެ ލައުނަތް ހައްގުވެގެންވާކަން ކީރިތި ރަސޫލާ ބަޔާން ކުރައްވާފައިވާ ކަމަށެވެ.

“ރިޝްވަތުދޭ މީހާ އާއި ރިޝްވަތު ހިފާ މީހާ، އަށް މާތް ﷲ ލައުނަތް ލެއްވިއެވެ،” ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާކަމަށް ޚުތުުބާގައި ބުންޏެވެ.

މިހާރަކަށް އައިސް ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުން ހިންގަމުންދާ މާރާމާރީ އާއި ބަދުއަޚްލާގީ އަމަލުތަކާއި އެ ނޫން ވެސް ތަފާތު ކަންތައްތަކުގެ ސަބަބުން ގައުމުގެ ހާލަތު ނުރައްކާތެރި ބިރުވެރި ހާލަތަކަށް ގޮސްފައިވާއިރު އެކަންކަން ހިނގަން މެދުވެރިވާ ސަބަބަކީ ކޮބައިތޯ ވިސްނާލަނީ ކިތައް ބެލެނިވެރިންތޯ ވެސް ޚުތުބާގައި ސުވާލުކުރި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top